ކޮންޓެކްޓް ޓްރޭސިންއަށް އެޗްޕީއޭއިން އެޕެއް ތައާރަފު ކޮށްފި
ކޯވިޑް-19 ބައްޔަށް ޝައްކު ކުރެވޭ މީހަކާއި ގާތުން އެއްތާވެފައިވާނަމަ އެކަން ދެނެގަންނަން އެހީވެދޭނެ އެޕްލިކޭޝަނެއް އެޗްޕީއޭ އިން މިއަދު ތަޢާރަފު ކޮށްފިއެވެ.
މި އެޕަކީ ސިންގަޕޫރުގެ "އޯޕަން ޓްރޭސް" ލައިބްރަރީގެ މައްޗަށް ބިނާކޮށް، ޙާއްޞަކޮށް ދިވެހި ޑިވެލޮޕަރުންގެ ޓީމަކުން، ރާއްޖެއަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕް ފަރުމާކޮށްފައިވަނީ ދިވެހި، އިނގިރޭސި އަދި ބެންގާލީ ބަހުން ބޭނުންކުރެވޭގޮތަށެވެ.
މިއީ ބްލޫޓޫތު ސިގްނަލް މެދުވެރިކޮށް، އެޕް ބޭނުންކުރާ އެހެން މީހުން ކާރީގައިވާނަމަ ދެނެގަނެވޭނެ ފަދަ އެޕެކެވެ. މިގޮތުން، ފޯނުގެ ބްލޫޓޫތް މެދުވެރިކޮށް މިނެޓަކު ދެތިންފަހަރު "ބީކަން" އެއް ފޮނުވާލައެވެ. މި ބީކަންގައި އެކުލެވިގެންވަނީ އެޕް ބޭނުންކުރާ ފަރާތައް ދޫކުރެވޭ އައިޑީ އެކެވެ. މި އައިޑީ އަކީ ކޮންމެ 15 މިނިޓަކުން ބަދަލުވާ އައިޑީއެކެވެ. އެހެންކަމުން ހަމަ ކޮންމެ ކޮންމެ މީހަކައް އެ ބީކަންއަކީ ކާކުގެ ބީކަން އެއް ކަމެއް ނޭނގޭނެއެވެ.
ބީކަންއެއް ފެނިއްޖެނަމަ، "ޓްރޭސްއެކީ" އެޕް އޭގެ ރެކޯޑެއް ރައްކާކުރެއެވެ. ފާހަގަކޮއްލުން މުހިންމީ، މިގޮތުން ރައްކާކުރެވޭ މަޢުލޫމާތު އޮޓޯއިން އެޗްޕީއޭއަށް ނުފޮނުވާ ކަމެވެ. އަދި ރެކޯޑާއި އެކީ އިތުރު އެއްވެސް ޒާތީ މަޢުލޫމާތެއް، މިސާލަކަށް ލޮކޭޝަން ފަދަ މަޢުލޫމާތު އެޕް މެދުވެރިކޮށް ރައްކަލެއް ނުކުރެއެވެ. އެޕްގައި ޒާތީ މަޢުލޫމާތު ގެންގުޅޭ ގޮތުވެ ޕޮލިސީ، ވެބްސައިޓްގައި ޝާއިޢު ކޮއްފައި ވާނެއެވެ.
(https://trace.hpa.gov.mv/privacy.html)
އެޕް އިންސްޓޯލްކޮށްފައިވާ ފަރާތަކުން ބައްޔަށް ޝައްކުކުރެވޭނަމަ، އެޗްޕީއޭ އިން އެމީހަކަށް ގުޅައި، މި ޑޭޓާ އަޕްލޯޑް ކުރަން ރިކުއެސްޓުކުރާނެއެވެ. މި ޑޭޓާ އަޕްލޯޑު ކުރާނީ އެފަރާތުގެ ރުހުން ހޯދައިގެން، އެމީހެއްގެ އިޙްތިޔާރުގައެވެ. ޑޭޓާ ޑިކްރިޕްޓް ކުރުމަށްފަހު، އެމީހަކާއި ބައްދަލުވީ ކޮންބައެއްކަން ދެނެގަނެވޭނެއެވެ. އަދި މީގެތެރެއިން އެންމެ ރިސްކް ބޮޑީ ކޮންބައެއްކަން އެނގިގެންދާނެއެވެ.
މިފަދަ އެޕްތައް ދުނިއޭގެ އެހެން ޤައުމުތަކުގައިވެސް މިވަގުތު ބޭނުން ކުރެވެމުން އެބަދެއެވެ. އެޕްގެ ކާމިޔާބީ ބިނާވެފައިވަނީ ވީހާވެސް ގިނަ މީހުން މި އެޕް އިންސްޓޯލް ކޮށް ބޭނުންކުރުމާއެވެ. ޙާއްޞަކޮށް، އެކި ކަންކަމުގައި މިދުވަސްވަރު ބޭރުގައި އުޅޭ، ނުވަތަ މީހުންނާއި ބައްދަލުވާ ހާލަތުގައި ތިބި މީހުން މި އެޕް ބޭނުންކުރުން މުހިންމެވެ.