ހުރިހާ އަމިއްލަ މަސައްކަތްތެރިންނަށް ދޭ ވަރަކަށް ފައިސާއެއް ނެތް: ފައްޔާޒު
އަމިއްލަ މަސައްކަތުން ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ދޭ ވަރަށް ދައުލަތުގައި ފައިސާ ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ފައްޔާޒު ގެ ވާހަކައިގައި ވަނީ ސެލްފް އެމްޕްލޯއިޑް ފަރާތްތަކަކީ ކޮބައިތޯ ވިދާޅުވެ ވަނީ ސުވާލު އުފައްދާފައެވެ. "ސެލްފް އެމްޕްލޯއިޑް އެއީ ކޮންބައެއްތޯ؟ ރިސޯޓުތަކަށް ދާ ޑީޖޭ ކުއްޖާތޯ، މިއުޒިކް ގުރޫޕުތޯ، އާޓިސްޓު ތޯ، ގޭގައި ހެދިކާ ހަދާ ކަނބަލުންތޯ، ރާނާ މީހުންތޯ، އޮޑިދޯނިފަހަރު ބަންނަން އުޅޭ ވަޑިންތޯ، ކޮންޓްރެކްޓު އުސޫލުން މަގުމަތި ކުނިކަހާ މީހުންތޯ؟ މިހެން ގޮސް ކިހާ ހިސާބަކުން ތޯ ލައިނެއް ޑްރޯ ކުރެވޭނީ؟" މިނިސްޓަރު ސުވާލު އުފެއްދެވި އެވެ.
އަދި މިފަދަ ފަރާތްތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކަކީ ކޮބައިކަން ކަނޑައަޅަން ގޮތްތަކެއް ބަލަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރ ފައްޔާޒް ވަނީ ދައުލަތުގައި ފައިސާހުރީ ވަރަށް ލިމިޓެޑްކޮށް ކަން ފާހަގަކޮށް ހުރިހާ އަމިއްލަ މަސައްކަތްތެރިންނަށް ފައިސާ ދިނުމުގައި ގޮންޖެހުންތައް ހުރި ކަމަށް ވިދާޅުވެފައެވެ.
"ނެތް އެހާ ލާރިއެއް އެ ހުރިހާ އެންމެންނަށް ދޭކަށް، އެއީ މި ދިމާވެގެން އުޅޭ ގޮންޖެހުމަކީ." ، މިނިސްޓަރު ވިދާޅުވިއެވެ.