ޚަބަރު

އިތުރު ޖީލަކަށް ޤުރުއާން ފޯރުކޮށްދިނުމަކީ ސަދަގާތެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެހެން ޖީލަކަށް ގުރުއާން ފޯރުކޮށްދިނުމަކީ ދެމިގެންދާ ސަދަގާތެއް ލިބޭނެ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

Ads by MPL

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ، ކީރިތި ގުރުއާން ހިތުދަސްކުރުމުގެ މާތްކަމުގެ މައްޗަށެވެ.

ހުތުބާގައި ބުނީ ކީރިތި ޤުރުއާނަކީ އޭގެ އަކުރަކަށް ފިއްޔަކަށް ބަދަލު އައުމެއް ނެތި ޤިޔާމަތާ ހަމައަށް ދެމިގެންދާ މުޢުޖިޒާތެއް ކަމަށާއި އެ ޤުރުއާން ރައްކާތެރިކުރައްވާނެ ގޮތް މާތްﷲ މެދުވެރިކުރައްވާފައިވާ އިރު، އޭގެތެރެއިން އެއްގޮތަކީ ޤުރުއާން ހިތުދަސްކުރުން ކަމަށެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރެވޭނީ ތަކުރާރުކޮށް އެ ފޮތް ކިޔަވާ އަދި ގިނަގިނައިން އަޑު އަހައިގެން ކަމަށާއި މާތްﷲގެ ވަޖުހުފުޅު އަދައިގެން ޤުރުއާން ހިތުދަސްކުރުމުގެ ސަބަބުން ﷲގެ ހަޟުރަތުން މަތިވެރި ދަރަޖަ ލިބޭނޭ ކަމަށް ވެސް ޚުތުބާގައިވެ އެވެ.

ޤުރުއާން ހިތުދަސްކުރުމަކީ ދުނިޔަވީ ގޮތުންނާއި އުޚުރަވީ ގޮތުން ވެސް އޭގެ ފައިދާ އޭނާއަށް ލިބޭނެ ކަމެއް ކަމަށާއި އޭނާ މަރުވުމަށްފަހު އޭނާގެ ދަރަޖަ މަތިވެރިވުމުގެ ސަބަބެއް ކަމުގައި ކީރިތި ޤުރުއާން ހިތުދަސްކުރުން ވެގެންދާނެ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

މީގެއިތުރުން ގުރުއާން ރައްކާތެރިކުރާނެ މީހުންގެ ތެރޭގައި ތިބާ ހިމެނިފައިވާ ކަމަށާއި އެ އަމާނާތް ރައްކާތެރިކަމާ އެކު އެހެން ޖީލަކަށް ފޯރުކޮށްދިނުމަކީ އުފަލެއް ކަމުގައި ދެކުމަށް ޚުތުބާގައިވަނީ، ހަނދާންކޮށްދީފަ އެވެ. އެއީ، ދެމިގެންދާ ޞަދަޤާތެއް ލިބޭނޭ ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

އަދި، ކީރިތި ޤުރްއާން ހިތުދަސްކުރި ކޮންމެ މީހަކަށް އެ ލިބޭ ދަރުމައިން އެއްވެސް މިންވަރެއް އުނިނުވެ، އެމީހަކަށް ލިބިލިބި ހުންނާނެ ކަމަށް ޚުތުބާގައިވެއެވެ.

Ads by HDC