ރިޕޯޓް

އަލިފާނުގެ ޙާދިޘާއެއްގައި ބައްޕަ ނިޔާވި،މަންމަގެ ސިކުނޑިއަށް އުނިކަން ލިބުނު، ނަފްސަށް އެތައް އަނިޔާތަކެއް ލިބުނު ނަމަވެސް އިމާމަކަށްވުމުގެ އުއްމީދު ޙާޞިލް ކުރި

ދެން އެމްވީ ، ދެން އޮންލައިން

ހަލަބޮލި އަދި އެހާމެ އަޑިގުޑަންތަކުން ވަށާލެވިފައިވާ މިދުނިޔެއަކީ ބައެއް ފަރާތްތަކަށް ރާޙަތާއި މީރުކަން އޭގެ އިންތިހާއަށް ލިއްބައިދޭ ތަނެކެވެ. ދުނިޔޭގެ ހިތްހަމަޖެހުން އެމީހުންގެ މުށުތެރޭގައިވާއިރު އެކަމަކީ އަނެއްބައެއްގެ ހުވަފެނެކެވެ. ހަމައެކަނި އުއްމީދެކެވެ.

Ads by STELCO

ދުނިޔޭގެ ބަދަލުވަމުން މިދާ ހާލަތްތައް އަހަރެމެންނަށް ދަސްކޮށްދިނީ ކޮންކަމެއްހެއްޔެވެ. "ހަމަ ޙަޤީޤަތުގައިވެސް މިދުނިޔެއަކީ އަހަރެމެންގެ ދާއިމީ މަންޒިލު ނޫންކަމެވެ. ކިޔުންތެރިންނަށް އަޅުގަނޑު މި ހުށައަޅާލަނީ އަޅުގަނޑުގެ ދިރިއުޅުމުގެ މިޙަޔާތުގައި ކުރިމަތިލާންޖެހުނު އިމުތިޙާނުތަކެއްގެ ވާހަކައެވެ. ތިއެންމެ ފަރާތްތަކަށް ޢިބުރަތަކަށްޓަކައެވެ. މަސްލަޙަތަށް ޓަކައި ކަންކަން އެންމެ ތަފްޞީލް ކުރެވެން ނެތްކަމަށް ޓަކައި މަޢާފަށް އެދެމެވެ.

އަހަރެންނަކީ ލޯބިވާ މަންމަޔަކާއި ބައްޕައަކަށް ލިބުނު ދެވަނަ ދަރިފުޅެވެ. ﷲ ތަޢާލާގެ ނިންމެވުމުގެ ދަށުން އަހަރެން ދުނިޔެއަށް އުފަންވުމުގެ ކުރިން ބައްޕަޔާއި މަންމަގެ ފުރަތަމަ ދަރިފުޅު ވަނީ ނިޔާވެފައެވެ. ބައްޕައާއި މަންމައަކީ ރާއްޖޭގެ ދެރަށަކަށް ނިސްބަތްވާ ދެމީހުންނެވެ. އަހަރެންގެ ޢުމުރުގެ އެންމެ ޅަދުވަސްތައް ހޭދަކުރަން ޖެހުނީ މަންމަގެ ރަށުގައެވެ.

ބައްޕަގެ އާއިލާއަކީ ތަނަވަސް އާއިލާއެއް ނަމަވެސް މަންމަގެ އާއިލާއަކީ އެހާ ފުދުންތެރި އާއިލާއެއް ނޫނެވެ. ވަރަށް ޅަޢުމުރުގައި ބައްޕަ ދުނިޔެއިން ވަކިވެގެންދިއުން ވެގެންދިޔައީ ދުނިޔޭގެ ކުރުޢުމުރުގެ އަނދިރިކަން ތަޖުރިބާކުރަން މެދުވެރިވި ކަމަކަށެވެ. ބައްޕަގެ އާއިލާގެތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކެއްގައި އަލިފާނުގެ ޙާދިޘާއެއްގައި ބައްޕަ ދުނިޔެ ދޫކުރުންވެގެންދިޔައީ ނުހަނުބޮޑު ހިތާމަޔަކާއި ހިތްދަތިކަމެއް އިޙުސާސްކުރުވި ކަމަކަށެވެ. އަދި މިއަދާއި ހަމައަށްވެސް އެއޯގާތެރިކަން ނެތިގެންދިއުން ވެގެންގޮސްފައިވަނީ ފޫނުބެއްދޭވަރުގެ ގެއްލުމާއި ގިލަންވެރިކަމަކަށެވެ.

ކުޅިވަރާއި ސަކަރާތުގެ ދިހުންތަކުގެތެރެއަށް ގެއްލިގައިވާ ޅަޢުމުރުގެ ކުދިންފަދައިން މިދުނިޔޭގެ ކުލަމަޖަލުގެ ތެރެއަށް ގެއްލި މިނިވަންކަމާއި އެކުގައި އުދުހިލާ އުޅުނު ދޫންޏެއް ފަދައިން ޢުމުރުގެ ދިހަ ބާރަ އަހަރުގައި ވެސް އަހަރެން ވީމެވެ. ނަމަވެސް އެހާ ޅަޢުމުރުގައި ބައްޕަ ވަކިވެގެންދިޔަ ދިޔުން އެއީ މުޅި ޙަޔާތް ބަދަލުވާން މެދުވެރިވި ސަބަބެވެ. އެވަކިވެދިއުންވީ، މަންމަގެ އުފެދުމުގައި ވެސް ހުރި ބުއްދީގެ އުނިކަން އިހުނަށްވުރެ ބޮޑުވެ،ހާސްކަމާއި ހިތާމަ އިތުރުކުރިވި ޙާދިޘާއަކަށެވެ.

ދުވަސްތައް ވީއްލިގެންގޮސް ދާދި އަވަހަށް ސަމާސާގެ ތެރޭގައި އުޅެމުންއައި އޭރުގެ ވަޒަންދޫކޮށް ބައްޕަގެ އާއިލާގެ ބެލުމުގެ ދަށަށް އަދި ބޮޑުދައިތަގެ ބެލެނިވެރިކަމުގެ ދަށަށް އަހަރެން ހަވާލުކުރެވިއްޖެއެވެ. ސަބަބަކަށްވީ އާއިލާގެ ހާލަތުހުރިގޮތުން ހުރިހާ ދަރިން މަންމަގެ އުނގުގައި ލޯތްބާއި އަޅާލުންދީގެން ބޮޑުކުރުމަށް މަންމަ ނުކުޅެދިފައިވުމެވެ.

ދަތިހާލުގައި އުޅެންޖެހުނު އުޅުންދޫކޮށް ތަނަވަސްކަމާއި ފުދުންތެރި، ބައްޕަ ފަރާތު އާއިލާގެ ބެލުމުގެދަށަށް ގެންދިޔުން ވީ ނުހަނުގިނަ އުއްމީދުތަކެއް ކުރެވުނު ކަމަކަށެވެ. އެހެންނަމަވެސް އެއުއްމީދުތައް ޖަމާވެ ކުލަޖެހިގެން ދިޔުމުގެ ހުރަހަކަށް ގާތް ބަޔަކު ތިބެދާނެކަށް އަހަރެންގެ ކޮށި ވިސްނުމަށްއައިސްފައެއް ނުވެއެވެ. ތަނަވަސްކަމާއި ޖާހާއި މަންޞިބަކީ އެގޭ އަހުލުންނަށްވެސް ބައެއްފަހަރު ހިތްހަމަޖެހުން ގެނެސްދޭ އެއްޗެއްކަމުގައި ނުފުދެއެވެ. އެގޮތުގެމަތިން ބައްޕަގެ އާއިލާގެ ބެލުމުގެދަށުގައި ހޭދަކޮށްލަން ލިބުނު ފުރަތަމަ އަހަރެއްހާ ދުވަސްތައްވެސް ވެގެންދިޔައީ ތަފާތު ހިތި ތަޖުރިބާތަކެއް ކުރަންޖެހުނު ދުވަސްތަކަކަށެވެ. ބައެއް ފަހަރު ގޭގައި ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހި ހެދޮ ބޮޑުވަމުން އައި އަހަރެންގެ ޖިސްމަށް އެތައް ގެއްލުމެއް ލިބުނެވެ. އެހާ ޅަޢުމުރުގައި ހިތްދަތި އެތައް ތަޖުރިބާތަކެއް ކުރަން ޖެހުނެވެ.

މިގޮތުގައި ދޮޅުއަހަރާއި ގާތްވެފައިވަނިކޮށް ބޮޑުދައިތަގެ ގެއިން އަހަރެން ނެރެލުމުން އުއްމީދުތަކެއް އާވިއެވެ. އެތައް ތަކްލީފަކާއި ހިތްދަތިކަމެއްގެ ރޭތައް ފަތިހަށް އަލިވިލެނީ ކަމަށް ހީކުރެވުނެވެ. ހަނދާން އާވަމުންދިޔައީ ބައްޕަގެ ކެތްތެރިކަމާއި ނެގި ޒިންމާގެ މަތިންނެވެ. އަހަރެންގެ ހަމައެކަނި އުއްމީދަކަށްވެފައިވަނީ ދިރިއުޅުމުގައި ބައްޕަގެ ފަރާތުން ފެނުނު އެޒިންމާދާރުކަމާއި ދެގޮތެއްނުވާ ކެރުންތެރިކަމުގެ ސިފަ ހޯދުމެވެ. ޖެހިލުންކުޑަ ހިތްވަރުގަދަ މީހަކަށްވުމަށެވެ. މިއީ ވިސްނުމަށް ހިތަށް ތިލަވަމުންދިޔަ ގޮތް ނަމަވެސް ހޭދަ ކުރަން ޖެހިފައިވާ ޙަޔާތުން ދަސްވާ ފިލާވަޅުވެސް މެއެވެ.

ކިތަންމެ ގިނަ އުއްމީދުތަކާއި ހުވަފެންތަކެއް ޖަމާވަމުން ދިޔަ ނަމަވެސް ހިތް ފުރޭހާ ހުރިހާ އުފަލެއް ޙާސިލުވުމަކީ ނާދިރުކަމެކެވެ. ބޮޑުދައިތަގެ ހިޔާވަހިކަމުގައި އުޅެމުންއައިސް ގެއިންނެރެލުމުން އަނެއްކާ ވެސް އެހެން ދައްތައެއްގެ ގެޔަށް ބަދަލު ވެވުމުން ހިންދެމިލެވުނީކަމަށް ހީކުރެވުނެވެ. އެހެންނަމަވެސް ކަންތައްވީ ހީކުރި ގޮތަކަށްނޫނެވެ. ކުރީގެ ހިތްދަތިކަން އިތުރުވެ، ވޭންތައް ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. މިގޮތުގައި ދުވަސްތައް ގުނަންޖެހިފައިވިޔަސް ދުވާލުގެ ގިނަ ވަޤުތުތައް އާންމުވެ އެފަދަ އަނިޔާތައް އާދަވާން ފަށައިފިއެވެ. އާއިލާގެ އެންމެ ގާތް ބައެއް މީހުންގެ ފަރާތުން ލިބެމުންދިޔައީ މަލާމާތެވެ.

މިއެކަނިވެރިކަމުން ހިތްވަރު ހޯދާނެ ގޮތެއް ވިސްނަމުން ދިޔައީމެވެ. ހިތްހަމަޖައްސާލުމަށް ރަށުގެ ބޮޑު މިސްކިތުގައި އެކަނި ވަޤުތުތައް ހޭދަކުރުން އުފަލަކަށްހެދީމެވެ. މިގޮތައް ހޭދަކުރެވުނު ވަޤުތުތަކުގެ ސަބަބުން ކުރިން ނުވެސް ދަންނަ ގާތް ޞާލިހު ރަހުމަތްތެރިންތަކެއް ލިބުނެވެ. އެރަހުމަތްތެރިންގެ ފަރާތުން ހިތްވަރު ލިބިގަންނަމުން ދިޔައީމެވެ. އަހަރެންގެ އެކަނިވެރިކަން އެންމެންނަށް ކިޔައި ނުދިނަސް އާއިލާގެ ފަރާތުން ދިމާވާ ބައެއް ކަންކަން ރަހުމަތްތެރިންގެ ލޮލަށްވެސް ދިޔައީ ފެންނަމުންނެވެ.

އެކިއެކި ދަނޑިވަޅުތަކުގައި މާޔޫސްވެ ގޮތްހުސްވާ ދަރަޖައަށް ދިރިއުޅުމުގައި ކަންކަން ގޮސް ދުވަސްތައް ފާއިތުވަމުންދަނިކޮށް ދެންކުރިމަތިލާންޖެހުނީ ކުޑަކަކޫމައްޗަށް ތިރިކޮށްލި ހިތާމަޔަކާއެވެ. މަންމަގެ ދިރިއުޅުމުގެ ދަތިހާލުހުރިގޮތުން އެއްބަނޑުއެއްބަފާ ދެކޮއްކޮ ބައްޕަގެ އާއިލާއާ ހަވާލުކުރެވުނީއެވެ. އަހަރެން ތަޖުރިބާކުރަމުންދިޔަ ދުވަސްތައް ކޮއްކޮމެން ދުވަހަކުވެސް ތަޖުރިބާކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. ޒުވާން ޢުމުރަށް ހެދިބޮޑުވަމުންއައި ލޯބިވާ ދެކޮއްކޮގެ ރައްކާތެރިކަމަށް ކުރެވެންހުރި ހުރިހާ ކަމެއްކުރުމުގެ އުއްމީދުގައި ހުއްޓާ ކުށެއްނެތް މަޢުޞޫމު ކޮއްކޮމެންގެ ހަޔާތްވެސް ބަނަވެގެންދިޔައީ އާއިލާގެ ތެރެއިން ގާތްމީހެއްގެ ހަޑިމުޑުދާރު ޢަމަލެއްގެ ސަބަބުންނެވެ. އަނިޔާވެރިޔަކު ކޮއްކޮމެންގެ ޢިއްފަތް ފޭރިގަތުމުގެ އިތުރުން ޖިސްމާނީ އަނިޔާތަކުގެ ވާހަކަ އެކުދިން އަހަންނަށް ކިޔައިދިނުމުން ޒަހަމްވެފައި އޮތް އަހަރެންގެ ހިތް ކުދިކުދިކޮށްލިފަދައެވެ. ނަމަވެސް ކުރިމަތިވަމުންދިޔަ ހިތްދަތިކަން އެއްފަރާތް ކުރެވޭނެ މަގެއްނެތެވެ. ކޮއްކޮމެންގެ ކެކުޅުމުގެ އަޑުއަހަން މަޖުބޫރުވިއެވެ. އެނޫންކަމެއް ކޮށްދެވޭކަށް ނެތެވެ.

މިކަމާއި ގުޅިގެން އައި ނުތަނަވަސްކަމުގެ ތެރޭގައި ދެކޮއްކޮއާއި އަހަރެން ގެއިން ބޭރުކޮށްލެވިއްޖެއެވެ. ބައްޕަގެ ގެ ހުއްޓާ އެގެއިން ޖާގައެއް ނުލިބި ބައްޕަގެ ރަށުގައި އަހަރެމެން ބީ ރައްޓެހިވެއްޖެއެވެ. ރަށަށް ގިނަވެއްޖެއެވެ. ނަމަވެސް ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ ރޭއްވެވުން މާ މަތިވެރިއެވެ. ޞާލިޙު ހެޔޮ ރަޙުމަތްތެރިންގެ ހިފެހެއްޓުމެއްނެތް ހަމްދަރުދީގެ ފިރުމުންތަކާއިއެކު އެރައްޓެހިންގެ ހިޔާވަހިކަމަށް އަހަރެމެންނަށް ބަދަލުވެވުނެވެ. މަދަރުސީ ޙަޔާތް ނިމެންދެން އެގޮތުގައި ދުވަސްތައް ހޭދަ ކުރީމެވެ. ހަމައެހެންމެ ކުޑައިރުއްސުރެ ދެކެމުންއައި ހުވަފެނާއި އެއްގޮތަށް ބޮޑުވެގެން މިސްކިތުގައި ބަންގިގޮވާލާ އިމާމުވެ މީސްތަކުންނާއިގެން ނަމާދުކޮށްލުމުގެ އުއްމީދު އާވެގެންދިޔައެވެ. ހަޔާތުގެ ހިތްދަތި ދުވަސްތައްނިމި އުފާވެރިކަމުގެ ނޭވާއެއް ލެވުނު ފަދައެވެ.

ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް ދުނިޔެވީ މިހަނގުރާމައަށް ނިމުމެއްނައެވެ. ހިތްވަރާއި އެކުގައި މަސައްކަތްކުރަންފެށީމެވެ. އުއްމީދުތައް ޙާޞިލުކޮށް ދުވަސްތަކާއި ރޭތައް އުފާވެރިކަމުން ފުރާލެވޭތޯއެވެ. ހިންދެމިލެވޭތޯއެވެ. ސުކޫލުން ގުރޭޑު ދިހައެއް ނިންމާ މާލެ ފައިބައިފީމެވެ. އަމާޒަކަށްވީ ތަޢުލީމް ޙާޞިލުކޮށް ހުވަފެން ދެކެމުން އައިފަދަ ޒިންމާދާރު މީހަކަށްވުމެވެ. ދިވެހި ރާއްޖޭގެ ޤުރުއާނާއިބެހޭ މަރުކަޒުން ޤާރީ ކޯސް ފުރިހަމަކޮށް އިމާމަކަށްވުމުގެ އުއްމީދުގައި މަސައްކަތްފަށައިފީމެވެ. އެހިސާބަށް އާދެވުނީ ވަރަށް ގިނަ އަޑިގުޑަންތަކުގައި ލޭ ކޮށިގެންކަން ދިޔައީ ވިސްނެމުންނެވެ.

ދުވަސްތައް މާޟީވަމުންގޮސް ދެކެމުންއައި ހުވަފެންތަކުގައި ކުލަޖެހެންފަށައިފިއެވެ. ދުވާލުގެ ވަގުތުގައި އަމިއްލަބޭނުންތައް ފުއްދާލެވޭނެ މިންވަރު ހޯދުމަށް ވަޒީފާއެއް އަދާކުރަމުން، ކިޔެވުން ކުރިޔަށް ގެންދަމުން ޤުރުއާނުގެ ދާއިރާއިން ފިޔަވަޅެއް ކުރިއަށް އެޅުނީ ﷲ ތަޢާލާގެ ތަނަވަސް ރަޙުމަތުންނެވެ. ޢުމުރު ދުވަހަށް ދާންދެން ޤުރުއާނާއެކު ދެމިހުރުމަށް ނިޔަތްގަނެ އަޒުމް ކަނޑައެޅީމެވެ.

ހީކުރެވިފައި ނެތް ފަދައިން ދާދި އަވަހަށް ޒުވާން ޢުމުރުގައި ޒަވާޖީ ޙަޔާތެއްފެށި ބައްޕާއޭ ކިޔާ ގޮވާލާނެ ލޯބިލޯބި ދަރިއެއް ލިބިއްޖެއެވެ. ހުރިހާ ޙަމްދަކާއި ޝުކުރެއްގެ ވެރި އިލާހުގެ ދީލަތި ދެއްވުންތަކުގެ ސިލްސިލާއިންނެވެ.

މިއަދު އަހަރެންނަކީ ދެދަރިންގެ ބައްޕައެކެވެ. ޒިންމާދާރު ފިރިއެކެވެ. ﷲގެ ރަޙުމަތުން ކޮންމެ ކަމަކާވެސް ކުރިމަތިލާން ކެރޭ މީހެކެވެ. ﷲގެ ގެކޮޅުތަކުގެ ތެރެއިން ގެކޮޅެއްގައި މިއަދު އަހަރެންނަކީ ވެސް ބެލެހެއްޓުންތެރިއެކެވެ. މީސްތަކުންނާއިގެން އިމާމުވެ ނަމާދުކޮށްލާ އުޅޭ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ މީހަކަށް ވެވުނީ ﷲ ތަޢާލާގެ ތަނަވަސް ރަޙުމަތުންނެވެ.

ދުނިޔޭގެ މިޙަޔާތުން އަހަރެމެންނަށް ގެނެސްދިނީ ކޮންއެއްޗެއްހެއްޔެވެ. އަހަރެމެން ޣާފިލުކޮށް އަންނަންއޮތް ޙަޔާތާއި މެދުގައި އަހަރެމެންގެ ވިސްނުން ނިންޖެއްގެތެރެއަށް ވާޞިލުކުރުވީ ކޮންކަމެއްހެއްޔެވެ. މިދުނިޔޭގައި ކުރިމަތިވާ ކޮންމެ ޙާލަތަކީވެސް އަހަރެމެންނަށްވާ އިމުތިޙާނެކެވެ. އަހަރެމެން ފޮނުއްވީ މަޤުޞަދަކަށްޓަކައެވެ. އަހަރެމެންގެ ''މިޝަން''އެއް އެބައޮތެވެ. ކޮންމެ އުއްމީދެއް، ކޮންމެ ޝަކުވާއެއް ޚާލިޤުވަންތަ އިލާހަށް ދެންނެވުމުގައި ދެމިތިބެމާ ހިނގާށެވެ. އަދި ހިންމަތާއި މިންނަތްކޮށް ދުނިޔެއާއި އާޚިރަތް އާރާސްތުކުރަން މަސައްކަތްކުރުމުގައި ދެމިތިބެމާ ހިނގާށެވެ. ﷲ ތަޢާލާ ކާމިޔާބުދެއްވާނެއެވެ. ދަތިކަންނިމި އުފާވެރިކަންވަނީ ދާދި ގާތުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!