ދުނިޔެ

ކޮވިޑް-19 އާ ގުޅިގެން ފިލިޕީންސްގެ ޖަލުތަކުގައި ތިބި 10 ހާސް މީހުން ދޫކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

ޕިލިޕީންސްގެ އެންމެ ބައިބޯ ޖަލުތަކުގައި ތިބި ބައެއް ކުށްވެރިންނާއި، ބައެއް މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ދިހަހާސް މީހުން ޖަލުތަކުން ދޫކޮށްލައިފިއެވެ. މީހުން ގިނަކަމުން ޕިލިޕީންސްގެ ޖަލުތަކުގައި ޖިސްމާނީ ގައިދުރުކަން ބެހެއްޓުންވަނީ ނާދިރު ކަމަކަށެވެ. ޖަލުތަކުން 9،731 މީހަކު ދޫކޮށްލިކަން އިޢްލާންކުރަމުން އެސޯސިއޭޓް ސުޕްރީމް ކޯޓް ޖަސްޓިސް މާރިއޯ ވިކްޓަރ ލިއޮނެން ވަނީ، "ޖަލުތަކުގެ ބައިބޯކަން އަހަރެމެނަށް އެނގޭ"ކަމަށް ބުނެފައެވެ.

Ads by Sosun Fihaara

މިގޮތަށް ޖަލުން ދޫކޮށްލެވިފައިވާ މީހުންގެ ތެރޭގައި، ތަހުގީގު މަރުޙަލާގައި ތިބި މީހުންގެ ތެރެއިން، ކަފާލާތުގެ ދަށުން މިނިވަންވާން ހުށައެޅުމުގެ މާލީތަނަވަސްކަން ނެތް މީހުން ހިމެނެއެވެ. އަދި ހުކުމް ތަންފީޒު ކުރަމުންދާ މީހުންގެ ތެރެއިން 6 މަހަށް ވުރެ ކުރު މުއްދަތަކަށް ހުކުމް ކޮށްފައިވާ މީހުން ވެސް ހިމެނެއެވެ. އަދި ކުދި ކުށްތައް ކޮށްފައިވާ މީހުންނާއި މުސްކުޅި އަދި ބަލި މީހުންނަށް ވެސް އިސްކަންދީފައިވެއެވެ. މި މީހުން ދޫކޮށްލެވިފައިވަނީ މަރޗް 17 އިން ފެށިގެން 29 އޭޕްރިލް އާ ދެމެދު ބައިބަޔަށް ބަހައިގެންނެވެ.

އިމާރާތުގެ ދަތިކަމުން ޕިލިޕީންސްގެ ޖަލުތަކުގައި ތިބެން ޖެހޭވަރަށް ވުރެ 5 ގުނަ އިތުރަށް މީހުން ގޮޅިތަކުގައި ތިބެއެވެ. ކޮވިޑް-19 ގެ ކޭސް ރިޕޯޓްކުރި ޖަލުތަކުގެ ތެރެއިން ވެރިރަށް މެނީލާގައި ހުންނަ ކޫޒޮން ސިޓީ ޖަލުގައި ވެސް، ސިޑި މައްޗާއި ބާސްކެޓް ބޯޅަ ކޯޓުގައިވެސް މީހުން ނިދާކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ. ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވަނީ ޗޭބޫ އައިލެންޑްގައި ހުރި ދެ ޖަލެއްގައެވެ. މި ޖަލުތަކުގެ ތިބި 8،000 މީހުންގެ ތެރެއިން 348 މީހަކަށް މި ބަލި ޖެހުނުކަން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވެއެވެ. މި ގައުމުގެ 450 ޖަލެއްގައި 136،000 މީހުން ބަންދުކޮށްފައި ތިބި ކަމަށް ސަރުކާރުގެ ލިޔުންތަކުން ދައްކާއިރު، ސިއްޙި މާހިރުން މިކަން ސިފަކުރަނީ ޓައިމް ބޮމެއްގެ ގޮތުގައެވެ. ފިލިޕީންސްގެ ޖަލުތަކުގައި ތޮއްޖެހުން އިތުރުވެގެން ދިޔައީ 2016 ވަނަ އަހަރުން ފެށިގެން، މަސްތުވާތަކެތި ގެންގުޅޭ މީހުނަށް ހަރުކަށި އަދަބު ދިނުމަށް ރައީސް ގެންގުޅުއްވާ އުސޫލުގެ ސަބަބުންނެވެ.

މިހާތަނަށް ފިލިޕީންސްގެ 8،928 މީހަކަށް ކޮވިޑް 19 ޖެހި 603 މީހަކު ވަނީ މަރުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!