ރިޕޯޓް

ނޫސްވެރިންނަކީ މަހުޖަނުންގެ ބުމަރެއް ނުވަތަ ސަރުކާރުގެ އަނގައެއް ނޫން!

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަށް މަރުހަބާ ކިޔަމެވެ. 2020 ގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މުޅިދުނިޔޭގައި ފާހަގަ ކުރެވެނީ ޙަޤީޤަތުގައިވެސް ބިރަކާނުލައެވެ. މޫނަކަށް ބެލުމެއް ނެތިއެވެ. ހަތިޔާރާއި ބާރުގެ ބިރުވެރިކަމުގައި މުޅިދުނިޔެ ފިތިފައި އޮތް އޮތުން ކޮވިޑް19 ގެ މައްޗަށްވަނީ އަނބުރާލެވިފައެވެ. ދުނިޔޭގެ ހުރިހާ ނޫސްވެރިން ބިރަކާނުލާ ކުރިމަތިލާ މަސައްކަތް ކުރަނީ ކޮވިޑް19 އާއިއެވެ. ކޮވިޑް19 ގެ ޚަބަރުތައް ހޯދާ ގެނެސްދިނުމުގައި މޫނަށް ބެލުމެއްނެތި ބިރަކާނުލާ ވަރުގަދަ ނޫސްވެރިކަމެއް މުޅި ދުނިޔޭގައި އެބަކުރެވެއެވެ. ރައީސެއް ބޮޑުވަޒީރެއް ވަލީއަހުދެއް ރާނީއެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް ދެވޭ އިސްކަމެއް މިއަދަކުނެތެވެ.

Ads by Sosun Fihaara

ފަހަކަށްއައިސް ނުފެންނަވަރުގެ ނޫސްވެރިކަމުގެ މާހައުލެއް މިހާރު ރާއްޖޭގައި އެބަ އޮތެވެ. ހައްދެއްނެތް ނޫސްވެރިންގެ ޖަމިއްޔާގެ މިންގަޑުން ރާއްޖެ ކުރިޔަށް ޖެހިލި ޖެހިލުން އެކަނިވެސް އެކަމަށް ފުދެއެވެ. ރިޕޯޓަރސް ވިތައުޓް ބޯޑަރސްގެ ރޭންކިންގ ގައި 19 ދަރަޖައިގެ ކުރިއެރުމެއް ރާއްޖެއަށް ލިބުމުން ނޫސްވެރިކަމަށް އޮތް ބިރުވެރިކަން ބޮޑުތަނުން ފިލާފައިވާކަން ސާބިތުވެއެވެ. އިސްލާމް ދީނުގެ އަސްލަކާ ހިލާފުނުވާގޮތަށް ނޫސްވެރިކަން ކުރުމުގައި އެއްވެސް ހުރަހެއް މިހާރަކުނެތެވެ.

ލިބޭކޮންމެ މިނިވަންކަމަކާއި ޙައްޤަކާއެކު ޒިންމާތަކަކާއި ވާޖިބުތަކެއްވެސް އޮވެއެވެ. ކޮންމެ ކަމެއްގައިވެސް ހަމަލަމަ އޮވެއެވެ. ކުރާނެހާގޮތަކަށް ކުރާނެހާ ކަމެއް ކުރުމަކީ އިންސާނުންނާ ހަމަ ކަމެއްނޫނެވެ. އެހެންކަމުން މަގުބޫލުކަން ހޯދުމަށްޓަކައި ހަމައެއްލަމައެއްނެތި ކުރާކަމަކުން ލިބޭނެ މަގުބޫލުކަމެއް ނުއޮންނާނެއެވެ. ވެއްޓޭނީ އަގެވެ. ކުރާނީ ނަފްރަތެވެ.

ކޮންމެ މަސްލަހަތެއް ކުރިއަރުވަން މަސައްކަތްކުރާ މީޑިއާއަކަށް ވިޔަސް އެތަނެއްގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި އަމަލުކުރަން އެއްބަސްވެ އެކުލަވާލެވިފައި އޮންނަ އަޚްލާޤީ މިންގަޑުތަކަށް އިހުތިރާމް ނުކޮށް މުޖުތަމަޢު ވަކިބައެއްވިޔަސް ވަކިގޮތަކަށް އަނބުރާލުމަކަށް ފަސޭހައެއް ނުވާނެއެވެ. ގިނަފަހަރަށް އެއްވިސްނުމެއްގައި ތިބިބަޔަކު އެވިސްނުމަކާ ދުރަށް ދިއުމުގެ ސަބަބަކަށް އެފާޑުކަންކަން ވެފައި އެބަހުއްޓެވެ.ކަރުންނާރުނަގާ ޓީވީޗެނަލްތަކުގައި ހަޅޭލަވާއި ބޭއަދަބީ ބަހުރުވައިން ވާހަކަ ދެއްކުމަށްވުރެ ކެތްތެރިކަމާ އެކު ހުއްޖަތް ގާއިމު ކޮށްދިނުމުން މަޤްޞަދު ޙާސިލްވާލެއް އަވަސްވެފައި ގިނަބަޔަކަށް ބަލައިގަންނަން ފަސޭހަވާނެއެވެ.

ތައްމިނަށް ހުޅުވިފައިވާ މިނިވަން ނޫސްވެރިކަމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުހިފޭކަމަށް ގިނަބަޔަކު ދެކެއެވެ. ދިވެހި ނޫސްވެރިންނަށް ފާޑުކިޔާ ފުރައްސާރަ ކުރާ ބަޔަކުވެސް މިމުޖުތަމަޢުން ފެނެއެވެ. ބިނާކުރަނިވި ފާޑުކިޔުންތައް ވެސް އެހާމެ ގިނައެވެ. މިހެންމިވަނީ ކީއްވެގެން ހެއްޔެވެ. މިކަމާމެދު މީޑިޔާތަކުން ވިސްނާލާ ބާވައެވެ. ނޫސްވެރިން ވިސްނާލާބާއެވެ.

ރާއްޖޭން މިފެންނަ ހުރިހާ ނޫސްވެރިންނަކީ ނޫސްވެރިކަމުގެ ފަންނަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން ނޫސްވެރިކަން ކުރާ ނޫސްވެރިންހެއްޔެވެ. ކޮންމެވެސް މުސާރައެއް ލިބޭތީ ލާރިކޮޅުގެ ބޭނުމުގައި އުޅޭބައެއް ހެއްޔެވެ. ނޫނީ ވަކި މަސްލަހަތެއް ކުރިއަރުވަން ނޫސްވެރިކަމުގެ ތޮފިއަޅައިގެން އުޅޭ ބައެއްގެ އެޖެންޓުންތަކެއް ހެއްޔެވެ. ދުޅަހެޔޮ ޒިންމާދާރު ނޫސްވެރި ކަމަކަށްޓަކައި ކޮންމެ ބައެއްގެވިޔަސް މަޤްސަދު އެގެންޖެހެއެވެ.

ނޫސްވެރިކަމަކީ ބަޔަކު ބޭނުންވާ ވާހަކައެއް ރައްޔިތުންނަށް ފޯރުކޮށްދޭން އޮންނަ ވަސީލަތެއްވެސް ނޫނެވެ. ނޫސްވެރިން ޚަބަރާއި މަޢުލޫމާތު ދޭންޖެހެނީ ބަޔަކު ރުއްސާކަށްވެސް ނޫނެވެ. ހަމައެހެންމެ އަސާސެއް ނެތި ހިތަށް އައިހާ ވާހަކައެއް ފެތުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއްނޫނެވެ.

އެންމެ އަޖައިބުވާކަމަކީ ކޮންމެ މީޑިއާއެއްގައިވެސް އޮންނަން ޖެހޭ އެޑިޓޯރިއަލް ޕޮލިސީއެއް މީޑިއާތަކުން ހިފަހައްޓާތަން ނުފެންނަކަމެވެ. ޚަބަރާއި ރައުޔު މަސްހުނި ވެފައި އޮންނަކަމެވެ. ޚަބަރެއް ކިޔާނިމޭއިރު ސުވާލެއް ނުއުފެދޭވަރަށް ވަށައި ޖެއްސިފައި ނުހުންނަކަމެވެ. ޚަބަރުގެ ލީޑް ، ސުރުހީއާއި ކުޑަކަމެވެ. އިބާރާތްކުރުމުގައި ކަންކުރާއެއް ރައްދުވާއެއް ވަކިނުވާނުވުމެވެ. ފަރުދާގެ ފަހަތުގައި އެކަށީގެންވާ ވަރަށް މަސައްކަތްނުކޮށް ލައިވް ނޫސް ކޮންފަރެންސް ތަކަށް ގޮސް އަތަށްގޮއްވާލުމެވެ.

މޫނަށްބެލުމެއްނެތި ބިރަކާނުލާ ނޫސްވެރިކަން ކުރުމަަށް މީޑިއާތަކާއި ނޫސްވެރިން ފިސާރި ރަނގަޅަށް ތައްޔާރުވެ މައުލޫމާތު ހުރުން މުހިންމުކަން ގަބޫލުކުރައްވާށެވެ. ޒާތީ މަސްލަހަތުތައް ދޫކޮށް ޙަޤީޤަތާއި ކުރިމަތިލުމަކީ ލާޒިމުކަމެކެވެ. އެޑިޓޯރިއަލް ޕޮލިސީގެ ފޯކަސް ގެއްލުވާނުލާ ސުވާލުއުފެއްދުމާއި ސުވާލު ކުރުމަށް ސަމާލުވާން ޖެހެއެވެ. ނަހަމަ ގޮތުގައި އެއްވެސް ފަރާތަކުން މީޑިއާއާއި ނޫސްވެރިން ބޭނުން ނުކުރެވޭވަރަށް މީޑިއާގެ މިނިވަންކަން ކަށަވަރު ކުރުމަކީ އެޑިޓޯރިއަލް ބޯޑަށް ލާޒިމު ކަމެކެވެ.

ތަމްރީނުތައްދީ ނޫސްވެރިންގެ ޤާބިލުކަން އިތުރު ކުރުމަށް މީޑިއާތަކުން މެދުނުކެނޑި މަސައްކަތްކުރަންޖެހެއެވެ. ވަސީލަތްތައް ހޯދައިދީ މޫނަކަށް ބެލުމެއް ނެތި ބިރަކާނުލާ ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ނޫސްވެރިންނަށް ހޯދައިދިނުމަކީ އެޑިޓަރުންގެ އެންމެ ބޮޑު ޒިންމާއެވެ. ނޫސްވެރިންނަކީ ފަހަރެއްގައިވެސް ނުފޫޒުގަދަ މީހުންނާއި އާންމު ރައްޔިތުންނާ ދޭތެރޭ ކަންފަތިވާން އޮތް ޕެކިނެއްނޫނެވެ. މަހުޖަނުންގެ ބުމަރެއް ނޫނެވެ. ސަރުކާރުގެ އަނގައެއް ވެސް ނޫނެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!