20،000ރ. އިން މަތިން މުސާރަ ލިބޭ ސަރުކާރު މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރަނީ
ވިހި ހާސް ރުފިޔާއިން މަތިން މުސާރަ ލިބޭ ސަރުކާރު މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރަން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޑެޕިއުޓީ މިނިސްޓަރުން ފެށިގެން ހުރިހާ ފަންތިއަކަށް މުސާރަ އުނިކުރަން ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް 20،000 ރުފިޔާއަށް ވުރެ ދަށްކޮށް މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރައަށް ބަދަލެއް ނުގެންނަވާނެކަމަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
މުސާރަ އުނިކުރާ މިންވަރު ( ސަރުކާރުގެ މުވައްޒަފުން )
20 އިންސައްތަ - 20،000 - 25،000 ރުފިޔާ ލިބޭ ފަރާތްތަކުން
30 އިންސައްތަ - 25،000 - 60،000 ރުފިޔާ ލިބޭ ފަރާތްތަކުން
35 އިންސައްތަ - 60،000 ރުފިޔާއިން މަތި ލިބޭ ފަރާތްތަކުން
ކުންފުނިތަކުގެ އެމްޑީ ޑީއެމްޑީ ފެންވަރުގެ ބޭފުޅުން މުސާރައިން 32 އިންސައްތަ ކުޑަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. މި ގޮތުން މުސާރައިން 22 އިންސައްތަ އަދި ބޯޑު އެލަވަނަސްގެ ގޮތުގައި ދެމުން އަންނަ 11،000 ރުފިޔާވެސް މި ވަގުތު ކަނޑާލާފައިވާކަންވެސް އަމީރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރު މުވައްޒަފުންގެ ތެރެއިން މުސާރަ 10،000 ވުރެ ދަށް މުވައްޒަފަކަށް މި ހާލަތުގައި އެލަވަންސްތަކާއި އެކު އެންމެ ބޮޑުކޮށް ގެއަށް ގެންދެވޭނީ 25،000 ރުފިޔާކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.