ޚަބަރު

ﷲ އަށް ޙަމްދު ހުރި، ކުރިން ލަފާކުރި ވަރަށްވުރެ ރާއްޖެއިން ކޮވިޑް19ގައި މަރުވާނެ ކަމަށް ލަފާކުރާ މީހުންގެ އަދަދު މަދުވާނެ

ދެން އެމްވީ ، ދެން އޮންލައިން

މީގެ ކުރިން ލަފާކުރި ވަރަށްވުރެ ރާއްޖެއިން ކޮވިޑްގައި މަރުވާނެ ކަމަށް ލަފާކުރާ މީހުންގެ އަދަދު މަދުވާނެ ކަމަށް ޑރ. ޝީނާ މޫސަ ވިދާޅުވެއްޖެ އެވެ.

ޑރ. ޝީނާ މިހެން ވިދާޅުވީ އެންއީއޯސީ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގައި މިވަގުތު ކޮވިޑް19ގެ ހާލަތު އޮތް ގޮތާއި އަދި އެ ހާލަތު ބަދަލުވެދާނެ ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ހާއްސަ ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުންނެވެ.

މީގެ ކުރިން ލަފާކޮށްފައިވަނީ ރާއްޖޭގެ އެންމެ ވޯސްޓް ސިނާރިއޯ ގައި 2،000 މީހުން މަރުވާނެ ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު ވަރަށް ބޮޑުތަން މަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޝީނާ ވިދާޅުވިއެވެ.

"ޕީކަށް ފަހު ކާވް ދާނީ ދަށަށް. އޭގެ މާނައަކީ ޕީކްގެ ފަހުން ވެސް ބަލި އުޅެނީއޭ. ބެލެވޭ ގޮތުގައި ޖުލައިއާ ހަމައަށް ދެމިގެންދާނެ. އެކަމަކު ގޭބިސީތަކުން ފެންނަ އަދަދު ދަށްކުރެވިއްޖިއްޔާ ކާވް ވަރަށް ބޮޑަށް ދަށް ކުރެވިދާނެ." ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ ކުރިއަށް ދެ ތިން ހަފްތާގެ ތެރޭގައި ފުދޭވަރަކަށް ވަރަށް ބޮޑު ސާޖެއް ފެނުމަކީ އެކަށީގެންވާ ކަމަށެވެ.

"77،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހޭނެ ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ. މިއީ ޕީކްގެ ތެރޭގައި އަޅުގަނޑުމެން ޕްރޮޖެކްޓް ކުރާ ގޮތް. ޕީކް 14 ދުވަހުގެ ތެރޭގައި، އެއީ މެއި 15 އިން 30 މެއިގެ ނިޔަލަށް ޕީކް ކަމަށް މި ބަލަނީ 6804 މީހުންނަށް ބަލި ޖެހޭނެ ކަމަށް." ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީޕީކްގެ ތެރޭގައި 281 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކުރާނެ ކަމަށާއި މުޅި ޖުމްލަ މި ބަލީގައި ޖުމްލަ 13،568 މީހުން އެޑްމިޓް ކުރާނެ ކަމަށެވެ.

އަދި ޕީކްގައި 101 މީހަކަށް އައިސީޔޫގައި ފަރުވާ ދޭން ޖެހިދާނެ ކަމަށާއި މި ބަލީގައި ޖުމްލަ 5805 މީހުން އެޑްމިޓް ކުރާނެ ކަމަށް ބެލެވޭ ކަމަށް ވެސް ޑރ. ޝީނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ޓެސްޓް ކުރެވޭލެއް ވަރަށް މަދު. މިހާރު ފެންނަން ޖެހޭނެ 300 ވަރުގެ އިންފެކްޝަން. އަޅުގަނޑުމެންގެ އަތުގައި ހުރި ވަސީލަތަށް ބަލާއިރު ޓެސްޓިން ސްޓްރެޓެޖީ އެބަ ޖެހޭ ބަދަލު ކުރަން. ހުރިހާ ހައި ރިސްކް މީހުން ބަދަލު ކުރަން ކުރިން އޮންނާނީ. އެކަމަކު މިހާރު ޓެސްޓް ކުރަނީ ހަމައެކަނި ހައި ރިސްކް މީހުން އެކަނި." ޑރ.ޝީނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!