ސަރުކާރުން މަޓީގެ ހެޔޮ ލަފާ އިރުޝާދު ބަލައިގަންނާނެ: ނަޝީދު
ސަރުކާރުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާއި އެހެން ހުރިހާ ފަރާތެއްގެ ވެސް ހެޔޮ ލަފާ އިރުޝާދު ބަލައިގަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޓީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުން އިއުލާންކުރި އެހީގެ ޕެކޭޖް ކަނޑައެޅީ އެ ޖަމިއްޔާ އާއި މަޝްވަރާ ނުކޮށް ކަމަށާއި އެ ޕެކޭޖްގެ ފައިދާ އެ ދާއިރާގެ ގިނަ ފަރާތްތަކަށް ނުލިބޭނެ ކަމަށް ބުނެފައެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މަޓީން ނެރުނު ބަޔާނަކީ މި ހާލަތުގައި ސަރުކާރުގެ ގައިގައި ކޮޅުފައިން ޖެހުން ކަމަށެވެ.
ފައްޔާޒު މިހެން ވިދާޅުވެފައި ވަނިކޮށް ރައީސް ނަޝީދު މިވަނީ މަޓީ ދިފާއުކުރައްވާ ވަހަކަ ދައްކަވާފައެވެ. ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޓީ އާއި އެހެން ވެސް ފަރާތްތަކުން ސަރުކާރަށް ދޭ ހެޔޮ ލަފާތައް ލަފާތައް ބަލައިގަންނަ ކަމަށާއި ވިޔަފާރިވެރިންނަކީ ގައުމުގެ ތަރައްގީގެ ބޮޑެތި ހިއްސާދާރުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އުފެއްދުންތެރިކަން ނިކުންނާނީ މަސައްކަތްތެރީންނާއި ވިޔަފާރިވެރިންގެ އިތުރުން ގުދުރަތީ ވަސީލަތްތައް އެކުވީމައި" ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވި އެވެ.
Sarukaarun MATI adhi ehen huriha faraathehgeves heyo lafaa irushaad balaagannane. Viyafaariverinakee qawmehge tharaqeege bodethi hissaadhaarun. Ufehdhuntherikan nukunnanee masakkaiytherinai, viyafaariverinai adhi gudhurathee vaseelaiythah ekuveema
— Mohamed Nasheed (@MohamedNasheed) May 8, 2020
މަޓީގެ ބަޔާނުގައި ބުނެފައި ވަނީ ރިލީފް ޕެކޭޖްގެ ސަބަބުން ޓްއަރިޒަމްގެ ވިޔަފާރިތަކަށް ފައިދާއެއް ނެތްކަން ފާހަގަ ކުރަމުން މަޓީއިން ވަނީ ޓްއަރިޒަމްގެ ވިޔަފާރިތައް ހިމާޔަތް ކުރަން ސަރުކާރުން އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ. އަދި ޓްއަރިޒަމް ސިނާއަތަށް ކުރާ އަސަރުތަކާ މެދު ސަރުކާރުން ޖަހާ އަންދާޒާތައް ނުބައިކަން ވެސް މަޓީއިން ވަނީ ފާހަގަކޮށްފަ އެވެ.