މޭ 31 އަށް ދުރާލާ ތައްޔާރު ނުވެވިއްޖެ ނަމަ ރައްޔިތުން ހަނާވެދާނެ: އާދަމް ޝަރީފް
މި މަހުގެ 31 ގައި ފުރަތަމަ ކޮވިޑް-19 "ސާޖް" އަށް އަރާނެ ކަމަށް ލަފާ ކޮށްފައި ވާތޫ އެ ދުވަހަށް ދުރާލާ ތައްޔާރު ނުވެވިއްޖެ ނަމަ ރައްޔިތުން ހަނާވެދާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ނޫސްވެރިންްގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ވިދާޅުވީ މާލެ ސަރަހައްދު ލޮކްޑައުން ކުރި ފަހުން މިހާރު މާލެ ސަރަހައްދުގައި ކޮވިޑް19 ފެތުރެމުންދާނެ ގޮތުގައި އާ ޕްރޮޖެކްޝަނެއް ތައްޔާރު ކުރެވިފައިވާ ކަމަށެވެ.
އެގޮތުން މި މަހުގެ 31 ވަނަ ދުވަހު އެކަނިވެސް ކޮވިޑްގެ 1600 އެއްހާ ކޭސް އުޅޭނެ ކަމަށާއި، އައިސީޔޫތަކަށް ބާރުބޮޑުވާނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޭ 31 އަށް އިތުރަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. އެގޮތުން ޕީޕީއީ އާއި ވެންޓިލޭޓަރު ހޯދައި، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ދުރާލާ ރަށް ރަށަށް ފޮނުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"މޭ 31 ހިމެނޭ ހަފްތާގެ ލޮކްޑައުން އިތުރަށް ސްޓްރިކްޓު ކުރަން ޖެހޭނެ. ދުރާލާ ތައްޔާރު ނުވެވިއްޖެ ނަމަ ރައްޔިތުން ހަނާވެދާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.
May 31 ah ithurah thayyaaruve, PPE, ventilator hoadhaa. Rayyithunnah beynunvaa zarooree thakethi dhuraalaa rahrashah fonuvaa! May 31 himeney hafuthaa ge lockdown ithurah strict kuranjeheyne. Dhuraalaa thayyaaru nuvejjenama rayyithun hanaavedhaane!https://t.co/gVZRCX08hB
— Adam Shareef Umar (@Adamshareefz) May 8, 2020
ޑރ. ޝީނާ ރޭ ވިދާޅުވީ މިހާރު ކޭސްތައް ފެންނަ މިންވަރަށާއި، އެމީހުންގެ ފަރާތުން ބަލި ފެތުރޭ މިންވަރަށް ބަލާއިރު ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ޕީކަށް ދާނެ ކަމަަށެވެ. އަދި އެ ދުވަހު ބަލި ޖެހިފައި ތިބޭ މީހުންގެ އަދަދު ހާހުން މަތިވާނެ ކަމަށެވެ.
އަދި މޭ 31 އަށް ދާއިރު އެކްޓިވް ކޭސްތަކުގެ ޖުމްލަ އުޅޭނީ 6804 ގައި ކަމަށާއި، 281 މީހަކު އެޑްމިޓްކޮށްފައި ތިބޭނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފައެވެ. އަދި އައިސީޔޫގައި 101 މީހަކަށް ފަރުުވާ ދޭން ޖެހި، އައިސީޔޫގެ 100 އެނދު މުޅިން ފުރޭނެއެވެ.