ޚަބަރު

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހާއަށް ހަރުކަށި އަދަބު ދިނުމަށް އިދިކޮޅުން ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

އުތުރުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހާއަށް ހަރުކަށި ައަދަބު ދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުޑަކުއްޖަކާމެދު ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގި މީހާއަށް ޤާނޫނުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވައިލާ ކަމުގައެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، އެއް ޖިންސުން ގުޅުން ހިންގުމާއި، ޖިންސީ ފުރައްސާރަކުރުމާއި، ގަދަ ކަމުން ޢިއްފަތްތެރިކަން ފޭރިގަތުން ފަދަ ޢަމަލުތަކަކީ އެކޯލިޝަނުން އެއްވެސް ގޮތެއްގައި ބަލައިގަންނަ ޢަމަލުތަކެއް ނޫން ކަމުގައިވެސް އެބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިކަހަލަ ޢަމަލުތައް ހުއްޓުވުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމަކީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ ޒިންމާ ފުރިހަމައަށް އަދާކުރުން ކަމުގައި އެކޯލިޝަނުން ބުނެއެވެ. އެގޮތުން އެފަދަ މައްސަލަތައް ލަސްނުކޮށް ތަހުގީގުކޮށް އެމައްސަލަތަކުގައި ޝާމިލުވާ މީހުންނަށް ޤާނޫނުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށްވެސް ކަމާބެހޭ މުއައްސަސާތަކުން މަސައްކަތްކުރަންޖެހޭ ކަމުގައި އެކޯލިޝަނުން ބުނެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ މައްސަލަތައް ރިޕޯޓުކުރެވުނަސް، އެކަމުގައި ޝާމިލުވާ މީހުންގެ މައްސަލަތައް ނުބެލި މުޖުތަމަޢަށް ދޫވެފައި ތިބޭތީ އެކަމުގައި އެކޯލިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މައްސަލަތައް ނުބެލުމާއި، ސިޔާސީ ނުފޫޒުން ބައެއް މައްސަލަ އޮއްބައިލުމަކީ މިފަދަ ކަންކަންކުރާ މީހުންނަށް ހިތްވަރު ލިބޭ ކަމެއް ކަމުގައިވެސް އެކޯލިޝަނުން ބުންޏެވެ.

އެއާއެކު ކުޑަކުދިންނާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ޝަރީޢަތަށް ސާބިތުވެ، ޙުކުމް ތަންފީޒުކުރަމުން ދިޔަ ބައެއް ފަރާތްތައް ޖަލުން މިނިވަންކޮށްފައިވާކަންވެސް އެކޯލިޝަނުން ފާހަގަކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!