އައްޑޫން އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ
އައްޑޫން އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
'އައްޑޫލައިވް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވައިރަހަށް ފައްސިވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެނައުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހެކެވެ.
އޭނާ އަށް ކޮވިޑް19 ޖެހިފައިހުރިކަން އެނގުނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންދާ ހުރިހާ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން ހެދި ޓެސްޓު ގެ ނަތިޖާ ފައްސިވުމުން ކަމުގައި ވެސް އެ ނޫހުން ބުނެފައިވެއެވެ.
އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި ބައްޔަށް ފައްސިވި މީހާއަކީ މަރަދޫފޭދޫ މީހެއް ކަމަށެވެ. އަދި އެމީހާއަކީ ރިސޯޓެއްގައި ވަޒީފާ އަދާކުރުމަށް ފަހު މާރޗް 10 ވަނަަ ދުވަހު އައްޑޫއަށް އައި މީހެކެވެ.
ސަރުކާރުން އަދި މި ކަން ހާމަކޮށްފައެއް ނުވެއެވެ.