25 މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އޮންނަ އުސޫލުގެ ތެރެއިން: ޓްރީޓޮޕް
ޓްރީޓޮޕް ހޮސްޕިޓަލްގެ 25 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ ޑޭވިޑް ފެއިންބަރގް ވިދާޅުވީ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހުނީ ކޮވިޑް-19އާ ގުޅިގެން އެ ހޮސްޕިޓަލަށް ލިބޭ އާމްދަނީ 70 ޕަސެންޓަށް ދަށްވުމާ ގުޅިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ކޮވިޑަށް ފަރުވާ ދޭ ތަނަކަށް އެ ހޮސްޕިޓަލު ހެދުމާއެކު އާންމުންނަށް ހެ ހޮސްޕިޓަލުގެ ހިދުމަތެއް ނުލިބޭނެ ކަމަށާއި އެހެންކަމުން ބައެއް މުވައްޒަފުން ހޮސްޕިޓަލުގެ މަސައްކަތަށް ބޭނުން ނުވާ ކަމަށެވެ.
އަދި މިހާލަތު ބަދަލުވެ އާންމު ހާލަތަށް ރުޖޫޢުވުމުން އެންމެ ފުރަތަމަ ވަޒީފާ އަނބުރާ ދޭނީ އެމީހުންނަށް ކަމަށް ޑރ. ޑޭވިޑް ވަނީ ވިދާޅުވެފައެވެ.
އިތުރަށް ޑޭވިޑް ވިދާޅުވީ މިހާރު އެ ހޮސްޕިޓަލުގައި 500 މުވައްޒަފުން ތިބޭނެ ކަމަށެވެ.
ކޮވިޑް-19 އަށް ފަރުވާދޭ ހޮސްޕިޓަލަކަށް ޓްރީޓޮޕް ހޮސްޕިޓަލު ބަދަލުކުރުމަށް އެންޑީއެމް އާއެކު ސޮއިކޮށްފައިވަނީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އެވެ.