ޚަބަރު

ކޮވިޑް19: ފައްސިވި ބަޔަކާއެކު ތުލުސްދޫގެ އެއް ކޮޓަރިއެއްގައި ތިބި ބިދޭސީންތަކެއް ގުޅީފަޅަށް ގެންގޮސްފި!

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފައްސިވި ބިދޭސީންތަކަކާއެކު ކ. ތުލުސްދޫގައި، އެއް ކޮޓަރިއެއްގެ ތެރޭގައި ދިރިއުޅެމުންދިޔަ ބިދޭސީން ކ. ގުޅީފަޅަށް ގެންގޮސްފިއެވެ.

Ads by MWSC

"ތުލުސްދޫގަ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ބައިތިއްބާފަ ތިބި ކުޑަކުޑަ ކޮޓަރި" ކަމަށް ބުނެ މީސްމީޑިއާގައި ދައުރުވަމުންދާ މިފޮޓޯތަކާއި ބެެހޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލު ރައީސް އަޙުމަދު އަނީސް ވިދާޅުވީ އެއީ ތުލުސްދޫގައި ހުރި ދެ ކޮޓަރީގެ ގެއެއްގައި ތިބި ބައެއް ކަމަށެވެ. އޭގެ ތެރެއިން އެއް ކޮޓަރިއެއްގެ ތެރޭގައި 15 ބިދޭސީން ތިބިއިރު، ކޮވިޑް އަށް ފައްސިވީ ހަ މީހަކު ތިބި ކަމަށް ވެސް އަނީސް ވިދާޅުވިއެވެ.

"15 ބިދޭސީން ތިބީ އެކޮޓަރީގައި. އޭގެ ތެރެއިން ހަ މީހަކު މިބައްޔަށް ފައްސިވެފައިވޭ. ނަމަވެސް މިހާރު އެއެންމެން ވެސްވީ ގުޅީފަޅުގައި ހުރި ކަރަންޓީނު ފެސިލިޓީއަށް ގެންގޮސްފައި" ކައުންސިލު ރައީސް އަނީސް ވިދާޅުވިއެވެ.

އެމީހުންނަކީ ކޮންޓްރެކްޓް މަސައްކަތްކުރާ ގްރޫޕެއް ކަމަށާއި ތުލުސްދޫ އަށް އެމީހުން ދިޔައީ ސްޓެލްކޯގެ މަސައްކަތެއް ކުރަން ކަމަށް ވެސް އަނީސް ވިދާޅުވިއެވެ.

"އެއީ ކޮންޓްރެކްޓް ގްރޫޕެއް. މިކޮޅަށް އެމީހުން އައީ މަސައްކަތެއް ކުރަން. ސްޓެލްކޯގެ މަސައްކަތެއް ކުރަން ގެނައި ކޮންޓްރެކްޓް ގްރޫޕެއް އެއީ. އެމީހުން ނެގި ގެއެއް އެއީ. އެގޭގަ ހުންނަ ދެކޮޓަރީގަ މީހުން ތިބީ. އޭގެ ތެރެއިން އެއް ކޮޓަރީގައި ހުންނަނީ ދިވެހި ސަރުދާރު މީހާ، ދެން ތިބި ހުރިހާ ބިދޭސީން ތިބެނީ އަނެއް ކޮޓަރީގައި،ގާތްގަނޑަކަށް 15 ވަރަކަށް މީހުން ތިބީ. ދިވެހި ސަރުދާރަކަށް ފުރަތަމަ ހުރި މީހާ މާލެގައި މިދިޔަ މަހު 15ގަ ހުއްޓާ ފައްސިކަން އެނގުނީ. ދެން އަސްލު އެކަމުގަ ބަލަމުން ދިޔައީ. ބަލަމުން ގޮސް ފަހަރަކު ދެމީހުން އެގޮތަށް ފައްސިވަމުން ގޮސް ހަ މީހުން ކޮވިޑަށް ފައްސިވީ. ހަ މީހުން ފައްސިވީ ފަހުން އަދި ކިރިޔާ އެބަދަލުކުރީ. މިހާރު ހުރިހާ އެންމެން ގެންގޮސްފި. މިއަދު 15:00 ހާއިރު ގެންދިޔައީ ގުޅީފަޅަށް. ފަހުން ހުރި ދިވެހި ސަރުދާރު ގެންދިޔައީ ރޭގަ، ހުދުރަންފުށި ރިސޯޓަށް" ވަރަށް ތަފްސީލުކޮށް ތުލުސްދޫ ކައުންސިލު ރައީސް މައުލޫމާތު ދެއްވިއެވެ.

މޮނީޓަރިންގެ ހާލަތުގައި އޮތް ނަމަވެސް ތުލުސްދޫގެ އާންމު ސިއްޙީ ހާލަތު އެހާ ގޯސް ނޫން ކަމަށާއި ނަމަވެސް މިހާރު މޮނީޓަރިންގައި އޮތުމާއެކު ބައެއް ދަތިކަން ފޯރާކަން އަނީސް ފާހަގަ ކޮށްފައިވެއެވެ.

"ކޮންމެވެސް ވަރަކަށް ދަތިކަން ހުރޭ ތަކެތި ހޯދުމުގައި. އަޅުގަނޑުމެން މާލެއަށް ދަތުރު މިކުރަނީވެސް ވަރަށް ބަލައިގެން. ކޮންމެހެން ރަށަށް ގެންނަން ޖެހޭ އެއްޗެހި ގެންނަން ދަނީ. މިރަށަކީ ގާތްގަނޑަކަށް 2500 އެއްހާ މީހުން އުޅޭ ރަށަކަށްވާތީ. ހަފްތާއަކު ދެ ފަހަރު ވަރަކަށް މުދާ ގެންނަން. އެކަމަކުވެސް މަދުވޭ އެއީ މިތާ ކައިރީގަ އެބަހަދާ ރިސޯޓެއް، އެތާވެސް އެބަ އުޅޭ 300 ނުވަތަ 400 އެއްހާ ބަންގްލަދޭޝް މީހުންނާއި އެހެން މީހުން ވެސް މަސައްކަތް ކުރަން. އެތަނުން ވެސް ވިޔަފާރި ކުރާނީ މިރަށުން. އެހެންވެ މުދާ ލިބިފަ ހުންނަވަރު މަދު" އަނީސް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!