މުނިފޫހިފިލުވުން ދިވެހި ސިނަމާ

އިއްލެގެ "ބިރުވެރި ވާހަކަ": ޚާއްސަ މޭކަޕްތަކާއި އިފެކްޓްތަކާއެކު ވަރަށް ތަފާތުވާނެ ސީރީޒެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށް ބަލާއިރު، ގިނަ ބައެއްގެ ތުންތުންމަތިން އެންމެ ގަދަޔަށް ދެކެވެމުން އަންނަ ވާހަކައަކީ އައިފިލްމްސް އިން މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަަށްވާ "ބިރުވެރި ވާހަކަ" އިގެ ވާހަކަތަކެވެ.

Ads by MWSC

"ބިރުވެރި ވާހަކަ" އަކީ، ކާމިޔާބު ފިލްމް "ބަވަތި" ލިޔެ ޑައިރެކްޓު ކުރި އިލްޔާސް ވަހީދު (އިއްލެ)، ޑައިރެކްޓުކުރާ ސީރީޒެކެވެ.

މިސީރީޒާއި ބެހޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން އިއްލެ ބުނީ މިއީ ޖުމްލަ 15 އެޕިސޯޑުގެ މައްޗަށް ބިނާކޮށް އުފައްދާ ސީރީޒެއް ކަމަށާއި މިހާރުވެސް ގާތްގަނޑަކަށް ތިން އެޕިސޯޑުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

"ކޮންމެ ހަފްތާއަކު އެޕިސޯޑެއް ނެގުމުގެ މަަސައްކަތް ކުރަމުން މިއަންނަނީ. އެގޮތުން މިހާރު ތިންވަނަ އެޕިސޯޑުގެ މަސައްކަތް ވެސް ނިމެމުން މިއަންނަނީ." އިއްލެ ބުންޏެވެ.

މީގެއިތުރުން އިއްލެ ބުނީ، މިސީރީޒްގައި ގިނައިން ފުރުސަތު ދީފައި ހުންނާނީ އޮޑިޝަނުން ހޮވުނު އާކުދިންނަށް ކަމަށާއި، މިހާރު އިންޑަސްޓްރީގައި ހިމެނޭ ބައެއް މޫނުތައް ވެސް ފެނިގެން ދާނެ ކަމަށެވެ.

"ބިރުވެރި ވާހަކަ"އިގެ ޝޫޓިންތަކަށް ގިނަ ވަގުތު ދަނީ ވަރަށް ގިނަ ސްޕެޝަލް މޭކަޕް ތަކާއި ސްޕެޝަލް އިފެކްޓްސްތައް ވެސް ހިމަނާތީ ކަމަށް ވެސް އިއްލެ ބުންޏެވެ.

އާސިމް ޢަލީ ޕްރޮޑިއުސް ކޮށްފައިވާ މިސީރީޒްގެ ދެ އެޕިސޯޑް ލިޔެފަވަނީ ހޫދު އިބްރާހިމް އެވެ. ދެން އިން 13 އެޕިސޯޑް ލިޔެފައިވަނީ އިއްލެއެވެ. އިސްމާއިލް މުނައްވަރު އާއި އަހުމަދު ޒިފާފްގެ މޮޅު ވީޑިއޮގްރަފީ އާއެކު މިސީރީޒްގެ ސްޓާރުންގެ ކެރެކްޓަރަށް އިތުރު ފުރިހަމަކަން ގެނެސްދީފައިވަނީ ކުޅަދާނަ މޭކަޕް އާޓިސްޓް ރުތުބާ އަޙްމަދު އެވެ. ސީރީޒްގައި ޑްރޯނުން ނަގާފައިވާ މަންޒަރުތައް ނަގާފައިވަނީ އޮކޭޒް ޕޯސްޓް ޕްރޮޑަކްޝަންގެ ފަރާތުންނެވެ.

"ބިރުވެރި ވާހަކަ" އަކީ ވެސް އިއްލެ ގެ އެހެން މަސައްކަތްތައް ފަދައިން ސަސްޕެންސެކެވެ. މިސީރީޒްގެ ސްޓޯރީލައިން ބިރުވެރިވާނެ އެކި ގޮތްތައް އެނގުން ވަނީ ބެލުންތެރިންގެ ކެތްތެރިކަން ހުރިވަރަށް ދޫކޮށްލާފައެވެ.

މިސީރީޒް ބެލުންތެރިންނާ ހަމައަށް ފެންނާނެ ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށާއި ނަމަވެސް އުންމީދު ކުރަނީ ވީހާވެސް އަވަހަށް ފެންނާނެ ކަމަށް ވެސް އިއްލެ ބުންޏެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!