ޚަބަރު

ދެ އަހަރު ނުވާ ތުއްތު ދަރިފުޅު ބަހައްޓާފައި އިމަޖެންސީކޮށް ވިހަން މާލެ ގެނައި އަންހެނަކު އަތްމަތި ދަތިވެ ބިކަވަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން މާލެ ލޮކްޑައުން ކުރުމާއެކު އެތައް ބަޔަކު ވަނީ ރަށަށް ނުދެވި މާލޭގައި ތާށިވެފައެވެ. އެކިމީހުން އެކި ޙާލަތުގައެވެ. ސަރުކާރުން އެފަދަ މީހުން ގެންދިޔުމަށް އިސްކަންދޭ ތަރުތީބެއް އިޢުލާންކޮށް ރަށަށް ދިޔުމަށް ބޭނުންވާ މީހުން ނަންނޯޓް ކުރުމަށް ހުޅުވާލި ފުރުސަތުގައި 5000 މީހުން އެކަމަށް އެދިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު މިއަދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވެފައިވަނީ މި ބަލިމަޑުކަން އޮއްވާ ރަށަށް ދިޔުމަކީ ރައްކާތެރިކަމެއް ނޫންކަމަށެވެ.

Ads by STELCO

ނަމަވެސް ޒަރޫރީ ޙާލަތްތައް ކުރިމަތިވެފައިވާ އެތަކެއް ފަރާތްތަކެއް ތިބުމާއެކު އެމީހުން އެފަދަ މީހުން ރަށަށް ގެންދިޔުމުގެ ކުރިން ، މާލެ ސަރަޙައްދުން ކޮޓަރިތަކެއް ހޯދާ އެތަންތަނުގައި 14 ދުވަހު ކަރަންޓީނު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ. ހަމަމިއާއެކު ޙާލުގައި ޖެހި ބިކަވަމުންދާ މީހުންގެ ޙާލަތު ދުވަހަކަށްވުރެ ދުވަހެއް ދަނީ ދަށްވަމުންނެވެ. މިފަދަ އެކަކީ މިމަހުގެ މިދިޔަ މަހުގެ 30 ވަނަ ދުވަހު ވިހަން ވެގެން އިމަޖެންސީގައި މާލެ ގެނައި އަންހެނެކެވެ.

''ދެން''އާއި ވާހަކަ ދައްކަމުން މިއަންހެން މީހާ ބުނީ ވިހެއުމުގެ ކަންތައް ނިމި މާލޭގައި ފިރިމީހާއާއި އަދި 10 ދުވަސްނުވާ ދަރިފުޅާއެކު ތިބީ ކޮޓަރިއެއް ކުއްޔަށް ހިފައިގެން ކަމަށާއި ނަމަވެސް އަތްމަތި ދަތިވެ ބިކަވަމުން ދާކަމަށެވެ.

''ދެއަހަރު ނުވާ ދަރިފުޅު މަންމައާއި ޙަވާލުކޮށްފައި އައީ ، މަންމައަކީ ވެސް އެކަނިވެރި މައެއް ، މަންމަގެ އެބަހުރި ކުޑަކުއްޖެއްވެސް ، ރަށުގައި ހުރި ދަރިފުޅު ވެސް އަބަދު ރޮނީ މަންމަ ހޯދަން ، އަނެއްކޮޅުން ފިރިމީހާއަށް މިހާރު އާމްދަނީއެއް ނުލިބޭ ، އަތުގައި ހުރި ފައިސާ ހުސްވަމުންދަނީ" އޭނާ ބުންޏެވެ.

އޭނާ ބުނީ ރަށަށް ފޮނުވައިދިނުމަށް އެދި ނަން ނޯޓްކޮށް އެޗްޕީއޭ އަށް އަދި ޖެންޑަރ މިނިސްޓްރީއަށް ވެސް މިދިޔަ އެއް ހަފްތާ ވަންދެން ގުޅާ މެއިލްކޮށް ވަރަށް މަސައްކަތް ކުރެވިއްޖެ ކަމަށެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށާއި އެންމެ ފުރަތަމަ ކަރަންޓީނުކުރާ މީހުންގެ ތެރޭގައި ހިމަނައިދީގެން ނަމަވެސް ވީ އެންމެ އަވަހަކަށް ރަށަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން އެދޭ ކަމަށް ވެސް މި އަންހެންމީހާ އެދެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!