ކަރަންޓީނު ފެސިލިޓީއެއްގައި ސިފައިންގެ ކޮމާންޑަރުގެ ކޮޓަރިއަށް އަންހެން ޑޮކްޓަރު ދިޔަ މައްސަލަ ބަލަނީ
ކޮވިޑް-19 އަށް ފަރުވާ ދޭ ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ އއ. ވެލިދޫގައި މަސައްކަތްކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި އެ ފެސިލިޓީއާ ހަވާލުވެ ހުންނެވި ސިފައިންގެ އެންމެ އިސް މީހާ ދަންވަރު އެކަހެރިކޮށް ބައްދަލުކުރިކަން އެނގި ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
އޮންލައިން ނޫހެއް ކަމަށްވާ "މިހާރު" އިން ރިޕޯޓްކޮށްފައިވާައި ގޮތުގައި އެކަން ފަޅާ އެރީ ރޭ ދަންވަރުގެ ވަގުތެއްގައި، ސިފައިންގެ މީހާގެ ކޮޓަރިން ޑޮކްޓަރު ނުކުތްތަން އެ ރަށުގެ ސެކިއުރިޓީ ބަލަހައްޓާ ފުލުހުންނަށް ފެނިގެންނެވެ.
ފުލުހުން މައްސަލަ ތަހުގީގުކުރަމުން އަންނަކަން ވަނީ އެނގިފައިވާ ކަމަށްވެސް އެނޫހުން ބުނެއެވެ. އެކަމަކު އެއްވެސް ތަނަކުން ރަސްމީ ބަހެއް މިކަމުގައި ލިބޭ ގޮތެއް ނުވި އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ކަރަންޓީންކޮށްފައި ތިބޭ ވެލިދޫގައި އެކެއްގެ ކޮޓަރިއަށް އަނެކަކު ގޮސް އުޅުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދި އިސް މަގާމެއްގައި ހުރި ދެ މީހަކު މިފަދަ ގޮތަކަށް ފެނުމުން އެކަމުގައި ތުހުމަތު ކުރެވޭ އެހެން ކަންތައްތަކެއް ހުރި ކަމަށް ފެންނާތީ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ ނޫހުން ރިޕޯޓްކުރެއެވެ.
އެ މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އަންހެން ޑޮކްޓަރު މިރޭ މާލެ ގެނައުމަށް ވަނީ ނިންމާފައިވާ ކަމަށްވެސް އެނޫހުން މަޢުލޫމާތުދެއެވެ.. އެ ޑޮކްޓަރުގެ އިތުރުން ސިފައިންގެ މީހާ ވެސް އުޅެނީ ކައިވެނިކޮށްގެންނެވެ.
ކޮވިޑް-19 އަށް ހާއްސަކޮށްފައިވާ ކަރަންޓީން ފެސިލިޓީތައް ހިންގަނީ ސިފައިންގެ ބެލުމުގެ ދަށުންނެވެ. އެތަންތަނުގެ ސެކިއުރިޓީ ފުލުހުން ބަލަހައްޓާއިރު ކޮންމެ ތަނެއްގައި ވެސް ނަރުހުންނާއި ޑޮކްޓަރުން ތިބެ އެވެ.