ޚަބަރު

"ލޮކްޑައުންގެ ސަބަބުން ވައިރަސް ފެތުރޭ މިންވަރު މަޑުޖައްސާލެވިއްޖެ"

ދެން އެމްވީ ، ދެން އޮންލައިން

މާލެ ސަރަހައްދު ފުރަބަންދުކުރުމާއި ގުޅިގެން، ވައިރަސް ފެތުރީ މިންވަރު މަޑުޖައްސާލެވިފައިވާކަމަށް ނެޝަނަލް ޓާސްކްފޯހުން ހާމަކޮށްފި އެވެ.

Ads by MWSC

ކުރިއަށް އޮތް ދެ ހަފުތާއަށް ހެދިފައިވާ އަންދާޒާތަކާއި ގުޅޭގޮތުން ނެޝަނަލް ޓާސްކްފޯހުގެ މިރޭ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ. މިހާތަނަށް ހެދިފައިވާ ޕްރޮޖެކްޝަންތަކަށް ބަލާއިރު، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި، ބަލި ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވުމެއް އަންނާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

އެގޮތުން މި ހިނގާ މެއި މަހުގެ 31 ވަނަ ދުވަހަށް މި ސަރޖްގެ ގުދު އެންމެ މައްޗަށް ދާއިރު، އަލަށް 1523 ކޭސްއެއް ފެންނާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އަދި މި ސަރޖްގެ ގުދު ތިރިކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ވަނީ ލަފާއަރުވާފަ އެވެ.

ޓާސްކްފޯހުގެ ބައްދަލުވުމާއި ގުޅިގެން މަޝްވަރާކުރެވުނު ބައެއް ކަންކަން ހިއްސާކުރައްވާ އާންމުކުރި ޓްވީޓެއްގައި ރައީސް އޮފީހުން ބުނެފައިވަނީ، އުނދަގޫ ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތައް ދެމެހެއްޓުމަކީ މުހިންމުކަމެއް ކަމަށެވެ.

މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމުގެ މަޝްވަރާތައް ކުރިއަށް ނުދާކަމަށް، އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!