ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުންނަށް ހަރަދު ދޭން ފާހެއް ނުވި
އެކި ބޭނުންތަކަށް މާލެ އައި މީހުންގެ ތެރެއިން ލޮކްޑައުންގެ ސަބަބުން އަނބުރާ ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި މީހުންގެ ހަރަދުތައް ސަރުކާރުން ހަމަޖައްސައިދިނުމަށް އިދިކޮޅު ކޯލިޝަނުން ހުށަހެޅި ހުށަހެޅުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާހެއް ނުވި އެވެ.
މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ތައްޔާރުކުރި ރިޕޯޓު ފާސްކުރުމުގެ ކުރިން އެރިޕޯޓަށް ޝިޔާމު ހުށަހެޅުއްވި ދެ އިޞްލާޙުވެސް މަޖިލިހުން ވަނީ ބަލައިނުގަންނަން ނިންމާފައެވެ. އެއިސްލާހުތަކުގެ ތެރެއިން ފުރަތަމަ އިސްލާހަކީ އިސް ސަފުގެ މަސައްކަތްތެރިންނަށް ހާއްސަ ރިސްކް އެލަވެންސެއް ދިނުމަށް އެދުމަށް ހުށަހެޅުއްވި ހުށަހެޅުއްވުމެވެ.
ދެވަނަ ހުށަހެޅުމަކީ މާލޭގައި ތާށިވެފައި ތިބި މީހުނަށް މާލޭގައި ތިބޭ މުއްދަތުގައި އެ މީހުންގެ އަތުން ދާ ހަރަދުތައް ސަރުކާރުން ދިނުމަށެވެ.
އެ ދެ އިސްލާހު ވެސް ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 40 މެންބަރަކު ވޯޓު ދެއްވި އެވެ. އެހެންކަމުން އެއިން އެއްވެސް އިސްލާހެއް ފާހެއް ނުވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޓީގެ ރިޕޯޓް ފާސްކޮށްފައިވާއިރު، އެ ރިޕޯޓް ފާސްކުރީ 56 މެންބަރުންގެ ވޯޓުންނެވެ. ރިޕޯޓް ފާސް ކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ. ވަކި ގޮތަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް ހަތަރު މެންބަރަކު ވޯޓު ދެއްވި އެވެ.