ޚަބަރު

ގޮއިދޫގެ ޒުވާނުން ނަރުދޫގެ ކޮންމެ ގޭބިސީއަކަށް 4 ކިލޯ ރޯ މަސް ހަދިޔާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން މަސް ލިބުން ދަތިވެފައިވާ މި ދަނޑިވަޅުގައި ށ. ގޮއިދޫ ޒުވާނުން އިސްނަގައިގެން އެ އަތޮޅު ނަރޫދޫއަށް 4 ކިލޯ ރޯ މަސް ހަދިޔާ ކޮށްފިއެވެ.

Ads by STELCO

ނަރުދޫ ކައުންސިލްގެ ރައީސް އަހުމަދު އާރިފް "ކުޅުދުއްފުށި އޮންލައިން" އަށް ވިދާޅުވީ މި ނުތަނަވަސްކަމުގެ ތެރޭގައި މަސްވެރިކަމަށް ނުނިކުމެވުމުގެ ސަބަބުން ރަށް ރޯމަހަށް ޖެހިފައިވާކަމަށެވެ.

މިކަން އެ އަތޮޅު ގޮއިދޫ ރައްޔިތުންނަށް އެނގުމާއެކު އެރަށުގެ ޒުވާނުން ވަނީ މަހަށް ނުކުމެ އެރަށަށް ހަދިޔާކޮށްދީފައެވެ. އެގޮތުން މިއަދު މެންދުރު 1:00 ހާއިރު ވަނީ އެރަށަށް މަސް ހިފައިގެން ދޯންޏެއްގައި ގޮސްފަ އެވެ.

މިކަމުގައި އިސްކޮށް އުޅުނު އިބުރާހިމް ނިޝާމް "ކުޅުދުއްފުށި އޮންލައިން"އަށް ބުނީ ނަރުދޫއަށް އެންމެ ބޭނުން ޖެހިފައިވަނީ ކޮންކަމެއް ތޯ އެރަށު ކައުންސިލަށް ގުޅައި ގޭބިސީތަކުގެ އަދަދާއި އިތުރު މައުލޫމާތު ސާފުކުރުމުން އެނގިގެންދިޔައީ ރޯމަހަށް ޖެހިފައިވާ ތިބި ކަމަށެވެ. އެހެންވުމުން ރަށުގެ ޒުވާނުން އިސްނަގައި މަހަށް ނުކުތީ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، މިދުވަސްވަރަކީ ގިނަ ބަޔަކު އެއްވެގެން އުޅެވޭ ދުވަސްވަރަކަށް ނުވާތީ މަސައްކަތަށް ނުކުތުމަށް ނިންމީ ޒުވާނުންކަމަށެވެ. އެހެންނަމަވެސް މިކަމުގައި ކޮންމެވެސް ވަރަކަށް މެދު އުމުރުގެ ރައްޔިތުންވެސް ބައިވެރިވި އެވެ. ތިން ދުވަހަށް ބަހާލައިގެން ދޯނިފަހަރުތަކުގައި ޒުވާނުން މަހަށް ނުކުމެ 340 ކިލޯގެ މަސް ބޭނި އެވެ.

ވިއްސަކަށް ޒުވާނުން އިސްގައިގެން ކުރި މިމަސައްކަތުގައި ފުރަތަމަ ދިޔައީ މުށި މަހަށެވެ. އެއަށްފަހު ފަރުމަހަށެވެ. މިކަމުގެ ރަށުގެ ހުރިހާ ދޯނި ފަހަރުތަކާއި ޑިންގީތައް ބައިވެރިވި އެވެ. ބޭނި މަސްކޮޅު މިއަދު ވަނީ ނަރުދޫ ރައްޔިތުންނަށް ހަދިޔާކޮށްފައި އެވެ. މަސް ހިފައިގެން ނަރުދޫއަށް ދިޔައީވެސް ގޮއިދޫ ޒުވާނުންނެވެ.

ނިޝާމް ވަނީ މިކަމުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކޮށްފައި އެވެ. މިފަދަ ވަގުތެއްގައިވެސް ރައްޔިތުންނާއި ކައުންސިލްތައް އަދި ޒުވާނުން ފަރާތުން ފެނިގެންދިޔައީ އާދަޔާ ހިލާފް ހިއްވަރެއްކަމަށާއި އެކަމަށްޓަކާ ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!