ރިޕޯޓު

އެއީ ޣާޒީންނެވެ.ބާޣީންނެއް ނޫނެވެ.

ފޮޓޯ: ސަން

އެމިހުންގެ އަތުގައި މިއަދު އޮތީ މުގުރެއްނޫނެވެ. ޕެޕަރސްޕްރޭ އެއްވެސް ނޫނެވެ. ރައިޓް ގިޔަރާއި ޝީލްޑެއްވެސް ނޫނެވެ. ބަރު ހަތިޔާރެއް ވެސްނޫނެވެ. ކުރިމަތިލާ ހަނގުރާމަ ކުރަނީ ޒަމާނީ ހަތިޔާރު އެޅި އަސްކަރީ ފައުޖަކާވެސް ނޫނެވެ. އެމްބިއުލާންސް ތަކުގައި އުފުލައިގެން ގެންގޮސް ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަނީ އުންޑައެއް އަރައިގެން ޒަހަމްވާ މީހުންނެއް ނޫނެވެ. ޓެރެރިސްޓް ބަޔަކުދިން ހަށިގޮއްވާލުމުގެ އަމަލަކުން އަނިޔާވާ ބައެއްގެ ހަށިތަކެއް ނޫނެވެ.

އެމީހުން އެކުރަނީ ބޮޑު ހަނގުރާމައެކެވެ. ރައްޔިތުންގެ ފުރާނަތައް ސަލާމަތްކުރުމަށް ކުރަނީ ގައުމީ ޖިހާދެކެވެ. އަމިއްލަ ހަށިތައް ނުރައްކަލަށް ހުށައެޅިގެން ފަހަތަށް އެންމެ ފިޔަވަޅެއްވެސް ނުޖެހިއެވެ. ލޮލަށް ނުފެންނަ ޢާލަމީ ވަބާކަމުގައިވާ ކޮވިޑް19 ދެކޮޅަށް އިސްސަފުގައި ނިކުމެ މަސައްކަތްކުރާ އެއްބަޔަކީ ގައުމީސަލާމަތީ ޚިދުމަތުގެ ހީވާގި ޚިދުމަތްތެރިންނެވެ. އަންނާނެ ތީރެއް އުންޑައަކަށް ގަންނާކުރެއްވި ބިރުން ފަހަށް ނުޖެހި އަށްޑަނައަކަށް އަމިއްލަ މޭދިއްކޮށްގެން ނިކުމެތިބި ދިވެހި ސިފައިންނާ ފުލުހުންނެވެ.

ސިޔާސީ ފިތުނައިން ފޯވެފައިވާ ދިވެހި މުޖުތަމަޢުގައި ޚިދުމަތް ދިނުމުގައި ވަކިމީހަކަށް ނުބަލައެވެ. އެމީހުންނަށް ސިޔާސީ ކުލައެއް މުހިންމެއްނޫނެވެ. އެމީހުންގެ ކުލަޔަކީ ފެއްސާރަތާ ހުދެވެ. އެމިހުން ދިފާޢުކުރަނީ ޤައުމާއި ރައްޔިތުންނެވެ. ކޮވިޑް19 އަށް ފައްސިވެފައިވާ ބަލިމީހުންނަށް ފަރުވާދޭ ޑޮކްޓަރުންނާއި ނަރުހުންނާއި އެނޫންވެސް ފްރޮންޓްލައިން ސިއްޙީ ޚިދުމަތްތެރިންނާ އެންމެ ގާތުން މަސައްކަތްކުރަނީ ސިފައިންނާއި ފުލުހުންނެވެ. ސިފައިންނާ ފުލުހުންގެ އަމަލީ މަސައްކަތް ނުހިމެނޭ އެއްވެސް ކަމެއް ކޮވިޑް19 އާއި ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ މައިދާނުގައި ނުވެއެވެ. ބަލިމީހަކު ފާހަގަވާ ހިސާބުން ފެށިގެން އެމީހަކު ގަދަވަންދެން ހުރިހާ މަރުހަލާއެއްގައި ސިފައިންނާއި ފުލުހުންގެ ދައުރު އިންތިހާއަށް ބޮޑެވެ. އެބަލީގައި މީހަކު މަރުވެއްޖެނަމަ ޖަނާޒާގެ ހުރިހާކަމެއް ކުރަނީ ސަލާމަތީ ޚިދުމަތްތެރީންނެވެ. ފުރާނަ އަތް މައްޗަށް ލައިގެނެވެ.

ކަރަންޓީނު ފެސިލިޓީތައް ބިނާކުރުމާއި ރާއްޖޭގެ އެތަންމިތާގައި ޤާއިމުކޮށްފައިވާ ކަރަންޓީނު ފެސިލިޓީތައް ބެލެހެއްޓުމުގައި އިސް މޭސްތިރިންނަކީ އެއީއެވެ. ލޮކްޑައުން ކޮށްފައިވާ ފުރަމާލެ ބެލެހެއްޓުމުގައި ލޮލުފިޔަ ނުޖަހައެވެ. ގައިދުރުވެގެން ގޭތެރޭގައި ތިބިހާ ރައްޔިތުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމަށް ހޭބޯނާރައި ރެޔާދުވާލު ހިންދަމާނުލައެވެ. ސިފައިންގެ ކަނބަލުންގެ ކޮނޑުކޮނޑުމަތިން ކާޑުބަސްތާ އުފުލާ މަންޒަރު ފެނި ލޮލުން ކަރުނަ އާދެއެވެ. މިހުރިހާ ކަންކަމާއެކުވެސް ޤާނޫނީ ހުކޫމަތު ނަގަހައްޓާ ދެމެހެއްޓުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ކުރަމުން އައި އެއްވެސް ކަމަކަށް ފަރުވާ ކުޑަކުރުމެއް ނެތެވެ. ލޯބިވާ އާއިލާ ލޮލަށް ނުފެނި ޤައުމީ ޚިދުމަތުގައި ސިފައިންނާއި ފުލުހުން އެއުޅެނީ ގައުމު އިސްކޮށްގެންނެވެ. މިބޮޑު ހަނގުރާމަގައި ދިވެހި ސިފައިންނާއި ފުލުހުންގެ ސަފުތަކަށް ކުޑަވެސް ލޮޅުމެއް ނާރައެވެ. އެހެނަސް، ބިރުވެރި ކަމުގެ ކޮޅެއްނެތެވެ. ސިފައިންނާ ފުލުހުންގެ ތެރެއިން އެތައްބަޔަކު ފައްސިވެއްޖެއެވެ. އެތައްބަޔަކު ކަރަންޓީން ކޮށްފިއެވެ. އެހެންނަމަވެސް ހިތްވަރަކަށް ބުންވަރަކަށް ބަދަލެއް ނާދެއެވެ. އަޒުމެއްނުގުޑައެވެ.

ޤައުމާރައްޔިތުންނަށްޓަކައި ކުލަކުލައިގެ ސިޔާސީ ތޮފިތައް އަޅައިގެން އުޅުނު މީހުންތައް ކޮބައިހެއްޔެވެ. ޚުޠޫރަތްތެރި މިދަނޑިވަޅުގައިވެސް އެވެރިން ކުރާތީ ފެންނަނީ ސިޔާސީ މަންފާތައް ހޯދުމުގެ މަސައްކަތެވެ. ޤައުމީ ކާރިސާގެ މިހާލަތުގައިވެސް އެކަކު އަނެކަކަށް އިނގިލި ދިއްކޮށް ލިބެންއޮތްމޮޅެއް ހޯދަން އުޅޭތަންނޫނީ ނުފެނެއެވެ. ސިޔާސީ ބާރުވެރިކަން ފުޅާކުރުންނޫން ގޮތަކަށް އިނގިލިވެސް ހަލުވާނުލައެވެ. މަގޭރާއްޖެއަށް ރަށްވެހި ފަތިސް ނުވެގެނެއް ސިފައިންނާއި ފުލުހުންނޫޅެއެވެ. އެމީހުން އުޅެނީ ޤައުމާއި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. ޖާނާއި ފުރާނައިންނެވެ. އެއީ ޣާޒީންނެވެ.ބާޣީންނެއް ނޫނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!