ރިޕޯޓް

ގިނިކަންޏާ ހޭދަ ކުރައްވާ ފުރަތަމަ އުފަންދުވަސް : ރައީސް ޔާމީން ގެ ދޮށީ ދަރިކަލުންގެ އިހުސާސް ބަންޑުން ކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

މިއަދަކީ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ 61 ވަނަ އުފަންދުވަހެވެ. 2013ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސަކީ ޔާމީނެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން ދައުރެއް ފުރިހަމަ ކުރެއްވި ހަމަ އެކަނި ރައީސަކީވެސް ރައީސް ޔާމީނެވެ.

Ads by Sosun Fihaara

ރައީސް ޔާމީންގެ ސަޕޯޓަރުން ސިފަކުރައްވާ ގޮތުގައި ރާއްޖޭގެ ތަރައްޤީގެ ބާނީއަކީ އެމަނިކުފާނެވެ. ޒަމާނީ ތަރައްޤިއަށް ދިވެހިން ލޯ ހުުޅުވަދީ، ތަރައްޤިގެ ބިޔަ ބޮޑެތި މަޝްރޫޢުތައް ފައްޓަވާ ނިންމަވާދެއްވީވެސް އެމަނިކުފާނެވެ. ބޭރު ދުނިޔޭގެ ކުރިމަތީގައި އިސް އުފުލާފަ ކުރިޔަށް ދިޔުމުގެ ހިއްވަރު ހުރި ހަމަ އެކަނި ރައީސަކީވެސް ރައީސް ޔާމީންކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ފާހަގަކުރެއެވެ. އަދި އިގުތިސާދީ ނާރެހުން ރާއްޖެ ކުރިއަރައި އިގުތިސާދު ކޮޅަށް ޖެހި މާލިމަކީވެސް އެމަނިކުފާނުކަމަށް އެ ބޭފުުޅުން ހަރުއަޑުން ބުނެއެވެ.

ނަމަވެސް ވެރިކަން ބަދަލުވެ، ދައުލަތުގެ ފަރާތުން އެމަނިކުފާނަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައި އިއްވި ހުކުމް ތަންފީޒުކުރައްވަން އެމަނިކުފާނު މިވަގުތު އޮންނެވީ މާފުށީ ޖަލުގައެވެ. މިއީ އާއިލާއާއި ދުރުގައި ގިނިކަންޏާ އޮންނަވައިގެން ފާހަގަކުރައްވާ ފުރަތަމަ އުފަންދުވަހެވެ.

އެމަނިކުފާނުގެ ސަޕޯޓަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން ދަނީ އުފަން ދުވަހުގެ ތަހުނިޔާ އަރިސްކުރަމުންނެވެ. އަދި އެމަނިކުފާނުގެ އާއިލާ ކައިރިޔަށް ގެޔަށް ބަދަލުކޮށްދެއްވުމަށް ގޮވާލަމުންނެވެ. ނުވަތަ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ.

ބައްޕާފުޅުގެ 61 ވަނަ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން، ދޮށި ދަރިކަލުން ޒެއިން ޢަބްދުﷲ ޔާމީން ވަނީ ފޭސްބުކްގައި އަސަރުގަދަ މެސެޖެއް ލިޔުއްވާފައެވެ. ތިރީގައި އެވަނީ ޒެއިން ލިޔެފައިވާ މެެސެޖްގެ ދިވެހި ތަރުޖަމާއެވެ.

"އުފާވެރި އުފަންދުވަހަކަށް އެދެމެވެ. އަހަރެންގެ ދުޢާގައި އަބަދުވެސް މަންމައާއި ބައްޕަގެ ނަން ޝާމިލުވެއެވެ. ދުޢާއަކީ ބައްޕައަށް ﷲ ސުބްޙާނަހޫވަތަޢާލާގެ ފާފަފުއްސެވުމާއި ރުއްސެވުން މިންވަރުކުރެއްވުމެެވެ. އަދި ރަނގަޅު ސިއްޙަތުގައި މަންމައާއި ބައްޕަ ލެހެއްޓެވުމެވެ. ބައްޕަ މަތިން ވަރަށް ހަނދާންވެއެވެ. މުޅި ރާއްޖެ ބައްޕަގެ ފަންވަރާއި ކެރުމުގެ މަތިން ވަރަށް ހަނދާންވެއެވެ. ބައްޕަގެ ސުލްހަވެރިކަމާއި، އުސޫލުތަކާއި، ކަންކަމަށް ބަހައްޓަވާ ކެތްތެރިކަމާއި ހިތްނުތަނަސްވާ ވަގުތުގައިވެސް ހިލްމު އިސްކުރައްވާތީވެ، އަހަރެންގެ ކޮންމެ ކަމެއްގައިވެސް އިރުޝާދަށް އެދެނީ ބައްޕަގެ ކިބައިންނެވެ. އަވަސް މުސްތަޤްބަލެއްގައި ބައްޕަ ގެޔަށް އަންނާނެ ދުވަހެއްގެ އިންތިޒާރު ކުރަމެވެ."

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!