ރިޕޯޓް

މަންމަގެ ލޮލުން އޮހޮރުނު ކަރުނައިގެ ބަދަލުގައި ކިޑްނީ ހަދިޔާކުރި ދިވެހި ޒުވާނެއް :''މަންމަގެ ޙައްޤުގައި މިއީ ކުޑަކުޑަ މިންވަރެއް"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދަރިންނަށްޓަކައި އެއްވެސް ޝަކުވާއަކާއި ނުރުހުމަކާއި ނުލާ ، ވޭނާއި ތަކްލީފް އުފުލާ އެންމެ ބޮޑު ޤުރުބާނީއެއް ވާ މީހަކީ މައިން ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. މައިމީހާގެ ބަނޑުގައި ދަރިފުޅު ޣަރުބަ ގަންނަ ދުވަހުން ފެށިގެން އެދަރިފުޅު ދުނިޔެއަށް އައިސް، ތުއްތު ކުއްޖަކުން ކުޑަ ކުއްޖަކަށް، އަދި ކުޑަ ކުއްޖަކުން ފުރާވަރު އުމުރުގެ ކުއްޖަކަށް، އެއަށްފަހު ޒުވާނަކުން މެދު އުމުރުފުރައިގެން މީހަކަށް އަދި އުމުރުން ދުވަސްވީ މީހަކަށްވީ ނަމަވެސް މަންމަގެ ކުލުނަކާއި ލޯތްބަކަށް ބަދަލެއް ނާދެއެވެ. އަމިއްލަ ނަފްސަށް ނޭދޭ ވަރަށް ތިމާގެ ދަރިއަށް ހެޔޮއެދޭ މަންމަގެ އަބަދުގެ ވެސް ދުޢާއަކީ ދަރިފުޅު ހެޔޮހާލުގައި ލެހެއްޓެވުމެވެ.

Ads by Hajj Corporation

މައިން ދަރިންނަށް ޓަކައި ވާ ޤުރުބާނީއަކީ އޭގެ އަގު ފައިސާއިން މުދަލަކުން ނުވަތަ އެނޫން އެހެން ކަމަކުންވެސް އަދާ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް މައިންގެ ޚިދުމަތުގައި ކުރިއަށް އަޅާލާ ކޮންމެ ފިޔަވަޅަކީ މާތް ، ބަރަކާތްތެރި ފިޔަވަޅެކެވެ. އެމަންމަގެ އުފަލާއި ސަލާމަތަށްޓަކައި ޚިދުމަތުގައި ހުންނަ ދަރިއެއްގެ މަތިވެރިކަމާއެވެ.

އަމިއްލަ ހަށިގަނޑުން ލެއާއި ކާނާ ދީގެން ބަނޑުގައި ލޯބިން ގެންގުޅުނު ދަރިފުޅުގެ "އެފަދަ" އެހީއެއް މަންމަ ބޭނުންވާ ދުވަހުގައި މައިމީހާގެ ސިއްޙަތާއި އުފަލަށްޓަކައި އަމިއްލަ އުފަލާއި ހިތްހަމަޖެހުން ޤުރުބާން ކުރާނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ކިތައް މީހުންތޯއެވެ.

އެފަދަ އެއް ދަރިއަކީ ގ. ވަށަފަރު މުޙައްމަދު އަހުސަން (29އ.) އެވެ. އޭނާގެ ލޯބިވާ މަންމަގެ ފުރާނަ ސަލާމަތްކުރުމަށް ކިޑްނީއެއް ހަދިޔާ ކޮށްލުން އޭނާއަށްވީ މަންމަގެ ޚިދުމަތުގައި ، އެކަމަނާގެ ރައްކާތެރިކަމަށް އޭނާއަށް ކޮށްދެވުނު ވަރަށް ކުޑަކުޑަ ކަމަކަށެވެ.

އެހާދިސާގެ ވާހަކަ ހިއްސާކުރުމަށް އަހްސަން ފުރަތަމަ އިންކާރު ކުރި ނަމަވެސް ތަކްރާރުކޮށް އެދުމުން އޭނާވަނީ ''ދެން'' އާއި މި ވާހަކަ ހިއްސާކޮށްފައެވެ. އަހުސަން ބުނީ، އެއީ މީގެ ހަ އަހަރު ކުރި ކަމަށާއި ނަމަވެސް މިހާރުވެސް އެހުރިހާ ކަމެއް އިއްޔެވީ ކަމެއް ފަދައިން ހަނދާން ހުރި ކަމަށެވެ.

"އެއޮޕަރޭޝަން ކުރީ 2014 ވަނަ އަހަރު. އޭގެ ކުރިން ވެސް މަންމަ ދިޔައީ ކިޑްނީގެ މައްސަލަތަކެއް ދިމާވެފައި ހުރުމުގެ ސަބަބުން ބޭސް ބޭނުން ކުރަމުން، ދެން 2013 ވަނަ އަހަރުގެ ޑިސެމްބަރ މަހު މަންމަ މާބޮޑަށް ބަލިވުމުން އަޅުގަނޑު ދިޔައީ މަންމަ ގޮވައިގެން ބެންގަލޫރަށް. ޑޮކްޓަރު ބަލާފައި ދިން ހިތާމަވެރި ޚަބަރަކީ މަންމަގެ ދެ ކިޑްނީ ވެސް ފެއިލްވި ޚަބަރު. ޑޮކްޓަރު ވިދާޅުވި، އޮތީ ދެ ފަރުވާއެކޭ، އެއް ގޮތަކީ ކިޑްނީ ޓްރާންސްޕްލާންޓު ކުރުމޭ، އަނެއް ގޮތަކީ ޑަޔަލިސިސް ހެދުން ކަމަށް. އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ މަންމަގެ ގަޔަކު އެހާވަރެއް ނުހުންނާނެކަން ޑަޔަލިސިސް ހަދާނެ، އެހެންވެ ނިންމީ ޓްރާންސްޕްލާންޓު ކުރަން އަޅުގަނޑުގެ ކިޑްނީ ހަދިޔާ ކުރަން" އަހުސަން ބުންޏެވެ.

އެއިރު ރާއްޖެއަށް އެނބުރި އައީ ރާއްޖެއިން ނަގަންޖެހޭ ހުއްދަތައް ނެގުމަށް ކަމަށާއި އެއިރުގެ ސަރުކާރުން އެކަމަށް ވަރަށް ބޮޑަށް އެއްބާރުލުން ދެއްވިކަން އަހުސަން ފާހަގަ ކުރިއެވެ. އަދި މަންމަގެ ކިޑްނީ ޓްރާންސްޕްލާންޓު ކުރުމަށް 2014 ވަނަ އަހަރު ބެންގަލޫރަށް މަންމަ ގޮވައިގެން އޭނާ ދިޔައެވެ.

ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ ކުރިންނާއި، ކުރުމުގެ ތެރޭގައި އަދި ކުރުމަށްފަހު ދެން ވާނެ ގޮތެއް އެެއިރު ނޭނގޭ ކަމަށް ވެސް އަހުސަން ބުންޏެވެ.ނަމަވެސް އެކަމާ ކުޑަވެސް ފިކުރެއް ނުކުރާކަމަށް އޭނާ ބުންޏެވެ.

"އެކޮޅަށް (ބެންގަލޫރަށް) ގޮސްފައި ހެދި ކްރޮސްމެޗްތަކާއި ހުރިހާ ކަމަކަށްފަހު ޑޮކްޓަރުން ކިޔައިދެއްވި ޕްރޮސީޖަރ އޮންނަ ގޮތާއި ހުރިހާކަމެއް. އަޅުގަނޑަކަށް އަންދާޒާއެއް ނުކުރެވޭ ފަހުން ވެދާނެ ގޮތެއް. ޑޮކްޓަރުން ދެއްކި ވާހަކަ އެވަރަށް ނުވިސްނުނު، އަޅުގަނޑުގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ އެންމެ ޚިޔާލެެއް ، ކޮންމެ ގޮތެއްވިޔަސް މަންމަގެ ފުރާނަ ސަލާމަތް ކުރުން" އަހުސަން ބުންޏެވެ.

އަހުސަންގެ އާއިލާގައި އަހުސަންގެ ދޮށްޓަށް ތިބެނީ ތިން ބެއިންނެވެ. އޭގެތެރެއިން އެކަކު އެއިރު ވެސް އަދި މިހާރު ވެސް ހުރީ ލަންޑަން ގައި ކަމަށާއި ދެން ހުރި ބޭބެވެސް ހުރީ ކިޔަވަން ދާން ލަންޑަން ވިސާއަށް އެޕްލައި ކޮށްގެން ކަމަށާއި ދެން ހުރީ ދައްތަގެ ކުޑަ ދަރިފުޅެއް ވެސް އޮތުމުން މަންމައަށް ކިޑްނީ ހަދިޔާކުރަން އެމީހުން ގާތު ނޭދޭކަމަށް އަހުސަން ބުންޏެވެ.

އެސަަރޖަރީ ހެދީ 27 މެއި 2014 ގައި ކަމަށާއި އެއީ ގާތްގަނޑަކަށް ހަތްގަޑިއިރާއި ބައިގެ ސަރޖަރީއެއް ކަމަށް އަހުސަން ބުންޏެވެ.

"ސަރޖަރީ ކުރުމުގެ ކުރިން އެއްފަހަރު މަންމަގެ ޑަޔަލިސިސް އެއް ހެދި. ޑަޔަލިސިސް ހަދައިގެން އެފަހަރުވެސް މަންމަގެ ލޮލުން އެފެނުނު ކަރުނައަކީ އަޅުގަނޑުގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ މަންޒަރެއް ނޫން. އެއީ އެއްވެސް ދަރިއަކަށް ކެތްކުރެވޭނެ މަންޒަރެއް ނޫން" އަސަރާއެކު އަހުސަން ބުންޏެވެ.

ސަަރޖަރީ ހެދުމަށް ތިއޭޓަރަށް ފުރަތަމަ ވެއްދީ އަހުސަން ކަމަށާއި ހޭނެއްތުމަށް އޭނާގެ ބުރަކަށީގެ މައިބަދައަށް މޮހޮރެއް ވަރުވާ ހަތް އިންޖެކްޝަން (އެނިސްތީސިޔާ) ޖެހިކަމަށެވެ.

"ގާތްގަނޑަކަށް ދެ ފަހަރު ޖެހިއިރު އަޅުގަނޑު ހިތަށް އެރި އަަޅުގަނޑަކަށް ނުވާނޭ މިކަމެއް. އެވަރަށް ވޭން އެޅި. ތިންވަނަ 'މޮހޮރު' ޖަހަން އުޅެނިކޮށް އަޅުގަނޑަށް ފެނިއްޖެ އަޅުގަނޑުގެ މަންމަ ވައްދަނިކޮށް. އެހިސާބުން އަނެއްކާވެސް ހިތަށް އެރީ ކޮންމެ ގޮތެއް ވިޔަސް ކެތްކޮށްލައިގެން އޮންނާނީއޭ، އަނެއްކޮޅުން އެވެއްދީ މައިމީހާއޭ، ތިންވަނަ އިންޖެކްޝަން ޖެހިފަހުން އަޅުގަނޑު ހޭނެތުނު ، އަޅުގަނޑަކަށް ދެން ނޭނގެ ވީގޮތެއް. އޮަޕަރޭޝަންކޮށް ނިމުނުފަހުން ދެމީހުން ގެންދިޔައީ ދެ އައިސީޔޫ އަކަށް. އެއީ މަންމަ ކުޑަކޮށް އިންފެކްޓް ވެދާނެތީ، އޮޕަރޭޝަން ކުރުމަށްފަހު ވަރަށް ބޮޑަށް ތަދުވި. ހަށިގަނޑުން ބައެއް މަދުވެއްޖެކަމުގެ އިޙުސާސް ވަރަށް ބޮޑަށް ކުރެވުނު" އެދުވަހުގެ ތަޖުރިބާ އަހުސަން ކިޔައިދިނެވެ.

އެސަރޖަރީއަށްފަހު އިތުރު ބައެއް ކަންކަމާއިވެސް ކުރިމަތިލާން އަހުސަން އަށް ޖެހުނެވެ. އެގޮތުން އެއިރު ވަރަށް ގިނައިން އުކުނޑި ކޮއްޓި ކަމަށާއި އުކުނޑި ކޮއްޓާއިރު ވަރަށް ބޮޑަށް ތަދުވި ކަމަށް އޭނާ ބުންޏެވެ. އަދި ކުރިން ހިނގާ އުޅުނު ގޮތަށް ހިނގަންވެސް ފުރަތަމަކޮޅު ނޭނގުނު ކަމަށާއި އަދި އޭގެފަހުން ކުޑަ ކަމުދިޔުމުގެ މައްސަލައެއް ވެސް ދިމާވި ކަމަށާއި އެގޮތުން ކުޑަކަމު ނުދެވުމުގެ ސަބަބުން އަހުސަންގެ އިތުރު ސާޖަރީއެއް ހަދަން ޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ.

މިވަރުގެ ބޮޑު ކަމަކާއި ޙަޔާތުގައި ދިމާވުމުން އޭނާއަށް އެންމެ ބޮޑު ހިތްވަރެެއް ލިބުނީ އޭނާގެ އާއިލާގެ ފަރާތުންނާއި އޭނާގެ ބޭބެ (ކެލާ ދާއިރާގެ ކުރީގެ މެމްބަރު) އަލީ އާރިފްގެ ފަރާތުން ކަމަށެވެ. އަދި އާއިލާގެ އެންމެން ވެސް ހިތްވަރު ދެއްވިކަމަށް އަހުސަން ފާހަގަ ކުރިއެވެ.

"ޝުކުރު އަދާ ކުރަން ބޭނުމީ ހެއްދި ފަރާތަށް. އަޅުގަނޑުގެ ހަށިގަނޑުގެ ގުނަވަނެއް އަޅުގަނޑުގެ މަންމައަށް ހަދިޔާ ކުރުމުގެ ފުރުސަތެއް ދެއްވީތީއާއި އެކަން ކާމިޔާބު ކޮށްދެއްވި ކަމަށްޓަކައި ﷲއަށް ޙަމްދުކުރަން . ދެން ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން ބޭނުން ގާތް އެކުވެރިއެއް ކަމަށްވާ މިސްބާޙު އަށާއި އާއިލާއަށާއި އެއިރުގެ ސަރުކާރުން އެދެއްވި އެހީއަށާއި އެއްބާރުލުން ވެސް ފާހަގަކޮށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން ބޭނުން"އަހުސަން ބުންޏެވެ.

އަހްސަން ބުނީ މަންމަގެ ލޮލުން ފައިބާ އެންމެ ކަރުނަ ތިއްކަކީ ވެސް ހިތްދަތިކަން ގެނުވާ ހިތްދަތި މަންޒަރެއް ކަމަށާއި މަންމަގެ ޤުރުބާނީއާއި މިންކުރާއިރު ކިޑްނީއެއް ހަދިޔާ ކުރުމަކީ ކުޑަކުޑަ މިންވަރެއް ކަމަށެވެ. ނަމަވެސް އެފަދަ ޚިދުމަތެއް މަންމައަށް ވެދެވި މަންމަގެ ލޮލުން އޮހޮރުނު ކަރުނައިގެ ބަދަލުގައި އެމަންމަގެ މޫނަށް އުފާވެރިކަން ލިބުމީ ޙަޔާތުގައި ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަހްސަންގެ މަންމައާއި އަހްސަން ރައްކާތެރިކަމާއި ދުޅަހެޔޮ ޞިއްޙަތުގައި ލަހައްޓަވާށިއެވެ. އަހްސަންގެ މި ލާމަސީލް ޢަމަލުގެ ހެޔޮ ދަރުމައާއި ޘަވާބު ގުނަ ކުރައްވާށިއެވެ. މިފަދަ ދަރީން މުޖުތަމަޢުގައި އިތުރު ކުރައްވާށިއެވެ. ހަމަކަށަވަރުން ހެޔޮކޮށް ހިތުމަކީ ސުވަރުގެއަށް ކޮށޭ މަގެކެވެ.

ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

(رَغِمَ أَنْفُ، ثُمَّ رَغِمَ أَنْفُ، ثُمَّ رَغِمَ أَنْفُ»، قِيلَ: مَنْ؟ يَا رَسُولَ اللهِ قَالَ: «مَنْ أَدْرَكَ أَبَوَيْهِ عِنْدَ الْكِبَرِ، أَحَدَهُمَا أَوْ كِلَيْهِمَا فَلَمْ يَدْخُلِ الْجَنَّةَ) [رواه مسلم]

މާނައީ: “އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ. ދެންވެސް އެ މީހަކު ނިކަމެތިވެ ގެއްލި ހަލާކުވެއްޖެއެވެ.” އެކަލޭގެފާނަށް ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. “އެއީ އެ މީހެއްގެ މައިންބަފައިން މުސްކުޅި ޙާލުގައި، އެ ދެމީހުން، ނުވަތަ އެއިން އެކަކާ ބައްދަލުވެ، (އޭނާ އެބައިމީހުންނަށް ހެޔޮކޮށް ނުހިތުމުން) އޭނާއަށް ސުވަރުގެ ނުވަދެވުނު މީހާއެވެ.”

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!