ޚަބަރު

ރަށްރަށުން ފެން ހުސްވުމުގެ 14 ދުވަސް ކުރިން އަންގަން އެދިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ހޫނު މޫސުމާ ދިމާކޮށް ރާއްޖޭގެ ރަށްރަށުން ފެން ހުސްވެ، ފެނަށް ޖެހުމުގެ މައްސަލަ ކުރިމަތިވާތީ، ފެން ހުސްވުމުގެ 14 ދުވަސް ކުރިން އެކަން އަންގަން އެންވަޔަރަމެންޓް މިނިސްޓްރީން ހުރިހާ ރަށު ކައުންސިލްތަކަށް އަންގައިފިއެވެ.

Ads by MWSC

މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ މިދިޔަ އަހަރެކޭ އެއްފަދައިން 2020 ވަނަ އަހަރުގެ ހޫނު މޫސުމުގައި ފެނަށްޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމަށް ނިންމާފައި ވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް ކަމަށެވެ.

އަދި ފެނަށް ޖެހޭ ރަށްރަށުން ފެނަށް އެދުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި ފެން ފޯރުކޮށްދިނުމުގައި އަމަލު ކުރާނެގޮތުގެ ތަފްސީލް މިހާރު ވަނީ އާންމުކޮށްފައެވެ.

މިނިސްޓްރީން ބުނީ އެރަށެއްގެ އިޖުތިމާއީ ސަރަހައްދުތަކުގައި ބަހައްޓާފައިހުރި ޓޭންކްތަކުގައި ފެން ރައްކާކުރެވިފައި ހުރި މިންވަރާއި، ރަށުގައި އާންމުކޮށް ފެން ބޭނުންކުރެވޭ މިންވަރާއި އަދި ރަށުން ފެން ހުސްވަމުންދާ މިންވަރު ގަވާއިދުން މޮނީޓާކޮށް ބެލުމަކީ ރަށު ކައުންސިލްގެ ޒިންމާއެއް ކަމަށެވެ.

އަދި އެ މައުލޫމާތު މަހަކު އެއްފަހަރު ގަވާއިދުން މިނިސްޓްރީގެ އީމެއިލް އަށް ފޮނުވަން ވެސް ހުރިހާ ކައުންސިލްތަކަށް ވަނީ އަންގައިފައެވެ.

ކައުންސިލްތަކުން ވާރޭ ވެހޭ ދުވަސްވަރު ފެން ނަގާ ރައްކާކޮށް އަދި ހިދުމަތް ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ވާނެ ކަމަށް ސާކިއުލާގައި ބުނެފައިވެއެވެ.

ފެނަށްޖެހޭ ކަމަށް ލަފާކުރެވޭނަމަ "ބޯފެނަށް އެދި ހުށަހަޅާ ފޯމް" ފުރުމަށްފަހު ފެނަކަ ބްރާންޗެއް ހުރި ރަށެއްނަމަ އެ އޮފީހަކަށް ނުވަތަ ފެނަކަ ބްރާންޗެއް ނެތް ރަށެއްނަމަ ފެނަކަ ހެޑް އޮފީހަށް، ފެން ހުސްވާނެކަމަށް އަންދާޒާ ކުރެވޭ ތާރީހުގެ 14 ދުވަސް ކުރިން އެރަށެއްގެ ކައުންސިލުން ފޮނުވަންވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ފެނަކަ ބްރާންޗަށް ފޯމު ހުށަހެޅި ނަމަވެސް ފޯމުގެ ކޮޕީ މިނިސްޓްރީއަށް މެއިލް ކުރަން ޖެހޭނެ ކަމަށާއި ފޯމު ހުށަހެޅުމުގެ ކުރިން ފޯމުގެ ހުރިހާ ބައެއް ފުރިހަމަ ކުރެވިފައިވޭތޯ ބަލައި ޔަގީންކުރުމަކީ ރަށު ކައުންސިލްތަކުގެ ޒިންމާއެއް ކަމަށެވެ.

އަދި ފެނަށްޖެހޭ ރަށަކަށް ފެން ފޮނުވުމުގެ ކުރިން އެރަށެއްގެ ކައުންސިލުން ފެން ރައްކާކުރާ ޓޭންކްތައް ސާފުކުރަން ވެސް ވަނީ އަންގައިފައެވެ.

ފެން ފޯރުކޮށްދިނުމުގެ މަސައްކަތަކީ ގިނަ މަރުހަލާތަކެއްގެ މައްޗަށް ބަރޯސާވާ މަސައްކަތަކަށްވާތީ، މިމަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި 14 ދުވަހުގެ މުހުލަތެއް ބޭނުންވާކަމަށް ސާކިއުލާގައިވެއެވެ.

މިނިސްޓްރީން ބުނީ ފެނުގެ ކޮލިޓީ ކަށަވަރުކުރުމަށްޓަކައި ފެނަކައިން ފެން އުފުލުގެ މަސައްކަތް ކުރިއަށް ގެންދާނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން، އެއް ތަނުން އަނެއް ތަނަށް ފެން އުފުލުމަށް ކަނޑައަޅާފައިވާ މިންގަނޑުތަކާއި އުސޫލުތަކަށް ފެތޭގޮތަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!