ޚަބަރު

ކީ ސްޓޭޖް ހަތަރަކާ ހަމައަށް ފޮތްތައް ޑިޖިޓަލައިޒްކުރަނީ

ސްކޫލްތަކުގެ ކީ ސްޓޭޖް 1-4 އަށް ކިޔަވައިދޭ ބައެއް ފޮތްތައް ޑިޖިޓަލައިޒްކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ވިދާޅުވީ ކޮންމެ ކީ ސްޓޭޖަކުން 10 ސްކޫލެއްގެ ފޮތްތައް ޑިޖިޓަލައިޒްކުރުމުގެ ޕައިލެޓް ޕްރޮގްރާމެއް ފަށާނެ ކަމަށެވެ.

ކީ ސްޓޭޖް އެކެއްގައި ހިމެނެނީ ގްރޭޑު 1،2،3 އެވެ. ކީ ސްޓޭޖް ދޭއްގައި ހިމެނެނީ ގްރޭޑް 6،5،4 އެވެ. ގްރޭޑް 7 އަދި 8 ކީ ސްޓޭޖް ތިނެއްގައި ހިމެނޭއިރު ކީ ސްޓޭޖް ހަތަރެއްގައި ހިމެނޭ ގްރޭޑުތަކަކީ 9،10 އެވެ.

ފާތިމަތު ވިދާޅުވީ ފޮތްތައް ޑިޖިޓަލައިޒްކުރާނެ 40 ސްކޫލެއް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި މި 40 ސްކޫލުގައި މި އަހަރު އެކަން ޕައިލެޓްކުރެ ކަމަށް އޭނާ ވިދާޅުވިއެވެ.

ފޮތްތައް ޑިޖިޓަލައިޒްކުރުމުގެ މަގުސަދަކީ، ފާތުން ވިދާޅުވި ގޮތުގައި، އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) އަކީ މަންހަޖުގައި ވަރަށް މުހިއްމު ބަޔަކަށްވެފައި ދަރިވަރުންގެ އަތުގައި ހުރި ޓެބްލެޓްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ.

ސްކޫލުތައް ޑިޖިޓަލައިޒްކުރުމަށް 154 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޮޑު މަޝްރޫއެއް ފެށި އެވެ. އެ މަޝްރޫއުގެ ދަށުން 70،000 އަށްވުރެ ގިނަ ޓެބްލެޓް ގެނެސް ދަރިވަރުންނަށް ބެހި ކަމުގައި ވިއަސް އެ އެއްޗެހީގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!