ހިމަބިއްސަށް ޝައްކުވާ އިތުރު ކުއްޖަކަށް ފަރުވާދެނީ
ހިމަބިއްސަށް ޝައްކުވާ އިތުރު ކުއްޖަކަށް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އުމުރުން 17 އަހަރުގެ ފިރިހެންކުއްޖަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭތީ ޓެސްޓުތައް ހަދަމުން އަންނަ ކަމަށެވެ.
"އެ ކުއްޖާ އައިޖީއެމްއެޗަށް ގެނައީ އިއްޔެގެ އިރުއޮއްސުނުހާއިރު. އަޅުގަނޑުމެން މިހާރު މިދަނީ ޓެސްޓުތައް ހަދަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަން އިއުލާން ކޮށްފައިވާތާ ދެ އަހަރެއްހާ ދުވަސް ފަހުން، އެ ބަލި ޖެހިފައިވާ ކުއްޖަކު ފެނިގެން ފަރުވާ ދީފައިވާކަން ސަރުކާރުން ހާމަކުރީ މިދިޔަ ހަފުތާގަ އެވެ. އުމުރުން ތިން އަހަރުގެ އެ ފިރިހެން ކުއްޖާ އަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ، ހިމަބިހި ކަމަށް ޝައްކު ކުރެވިގެން މިހާރު އެ ހޮސްޕިޓަލްގައި ފަރުވާދޭ ކުއްޖާ އާއި އެ ބަލި ކުރިން ޖެހުނު ކުއްޖާއާ އާއިލީ ގޮތުން އެއްވެސް ގުޅުމެއް އޮތް ކަމުގެ މައުލޫމާތެއް ނެތް ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ހޮނިހިރު ދުވަހު ބުނެފައި ވަނީ އެއީ ވެކްސިން ޑޯޒް ފުރިހަމަ ނުކޮށް ހުރި ކުއްޖެއް ކަމަށެވެ.
އެޗްޕީއޭ އިން ބުނެފައި ވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ، އުމުރުން ތިން އަހަރުގެ ކުއްޖަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ޓެސްޓު ކުރިއިރު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއީ ނުވަ މަހާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިން ނުދީ ހުރި ކުއްޖެއް ކަމަށެވެ. އަދި އައިޖީއެމްއެޗްގައި ފަރުވާދީ، އެ ކުއްޖާ ރަނގަޅު ވެ އަދި އެ ކުއްޖާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވުމުން އެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެ އެވެ.