ވެކްސިން ނުދޭ ކުދިން ވައްދާ ސްކޫލްގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ
ވެކްސިން ނުދީ ކުދިން ވައްދާ އައްޑޫ ސިޓީގެ ސްކޫލްގެ މައުލޫމާތު ހިއްސާކުރަން އެޑިއުކޭޝަން މިނިސްޓްރީން އެދިއްޖެއެވެ.
ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫ ސިޓީގައި ހުންނަ ކަމަށް ތުހުމަތު ކުރެއްވީ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލްއެވެ.
އެގޮތުން ފައިސަލް ވިދާޅުވީ ވެކްސިން ނުޖަހާ ކުދިން މާލޭގައިވެސް އަދި އެހެން ރަށްރަށުގައި ވެސް "އަޑިއަޑިން" ސްކޫލަށް ވައްދާ ކަމަށާއި ނަމަވެސް އައްޑޫގައި ހުންނަ އެ ސުކޫލަކީ ގިނަ އަދަދެއްގެ ކުދިން ވެކްސިން ނުޖަހާ އުޅޭ ސުކޫލެއް ކަމަށެވެ.
"މީގެ މައްސަލަޔަކީ ވެކްސިން ނުޖަހާ ސުކޫލްތަކަށް ވައްދާތީ. އައްޑޫގައި ހުންނާނެ ސުކޫލެއް ވެކްސިން ނުޖަހާ ވައްދާ،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލްގެ ޓުވީޓަށް ޖަވާބުދެއްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކަމާބެހޭ ތަޖުރިބާކާރު ބޭފުޅުން އެފަދަ ވާހަކަތައް ދެއްކެވުމީ އާންމުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމަށެވެ.
"އެހެންކަމުން ޑޮކްޓަރަށް އެނގިވަޑައިގެންފައިވާ މައުލޫމާތު އަޅުގަނޑުމެންނާ ހިއްސާކުރެއްވޭނަމަ އެކަން ކޮށްދެއްވާ. އޭރުން އަޅުގަނޑުމެންނަށް އެކަމަށް އަވަސް ފިޔަވަޅު އެޅޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަތަކާ ގުޅިގެން ޑރ.ފައިސަލް ވިދާޅުވީ އެއީ ކޮން ސްކޫލެއްކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށާއި އައްޑޫ ސިޓީގައި ވެކްސިން ޖެހުމުގެ ކަންކަމާ ހަވާލުވެތިބި ފަރާތްތަކަށް އެނގޭނެ ކަމަށެވެ.
"އަޅުގަނޑަށް މި މަޢުލޫމާތުތަށް މިދިޔަ އަހަރު އައްޑުއަށް އެކަމާ ގުޅިގެން ދިޔަ ޓީމާއެކު ދިއުމުން ދެއްވީ ވެސް އެބޭފުޅުން" ފައިސަލް ވިދާޅުވިއެވެ.