ޚަބަރު

ދެ ވަނަ މީހަކަށް ހިމަބިހި ޖެހި، އިތުރު މީހެއްގެ ޓެސްޓު ހަދަނީ

ދެން އެމްވީ

ހިމަބިއްސަށް ޝައްކު ކުރެވޭ ތިން ވަނަ މީހަކު ފެނިގެން ޓެސްޓު ހަދަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 17 އަހަރުގެ ކުއްޖެއްގެ ޓެސްޓް ހަދަމުން އަންނަ ކަަމަށް އައިޖީއެމްއެޗުން މިއަދު ހެނދުނު ބުނެފައި ވަނިކޮށް އެޗްޕީއޭ އިން ވަނީ ހާލަތު އޮޅުންފިލުވައިދީފަ އެވެ.

އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ ދެ ވަނަ މީހަކަށް ހިމަބިހި ޖެހިފައިވާ އިރު، ބައްޔަށް ޝައްކު ކުރެވޭ އިތުރު މީހަކު ވެސް ފެނިފައިވާ ކަމަށެވެ. އެ މީހާގެ ޓެސްޓްތައް ހަދަމުން އަންނަ ކަމަށް އެތަނުން ބުންޏެވެ.

ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އެކަމަކު މި ބައްޔާ ގުޅޭ ގޮތުން އާއްމުންނަށް މައުލޫމާތު އޮޅުންފިލުވައިދޭން މެންދުރު 1 ޖަހާއިރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މީގެ ދެ އަހަރު ކުރިން ނައްތާލާފައިވާ ހިމަބިހި ޖެހިގެން ފުރަތަމަ ފަރުވާދިނީ ތިން އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ކުއްޖާގެ ވެކްސިން ފުރިހަމައެއް ނުކުރެ އެވެ. އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކުޑަ ކުއްޖާ އަށް ހިމަ ބިހި ޖެހުނު ގޮތެއް ހޯދަމުން އައި ނަމަވެސް މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!