މަރަދޫފޭދޫގައި ހުންނަ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނަގައިފި
އައްޑޫ ސިޓީ މަރަދޫފޭދޫގައި ހުންނަ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނަގައިފި އެވެ.
ފުލުުހުންގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހު މަރަދޫފޭދޫގައި ހުންނަ ދަމަނަވެށިން ވައްކަން ކޮށްފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުން ވަގަށް ނަގާފައިވަނީ ވެކްސިން ޖެހިކަން އަންގައިދިނުމަށް ބޭނުންކުރާ ތައްގަނޑަކާއި ރަސްމީ ލިޔެކިޔުންތަކެއް ބަލަހައްޓާ ކޮމްޕިއުޓަރުގެ ސީޕީޔޫއެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައިމިވަނީ ވެކްސިން ނުޖަހާ ކުދިން ވައްދާ ސްކޫލެއް އައްޑޫ ސިޓީގައި ހުންނަ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް ތުހުމަތު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
އެގޮތުން ފައިސަލް ވިދާޅުވީ ވެކްސިން ނުޖަހާ ކުދިން މާލޭގައިވެސް އަދި އެހެން ރަށްރަށުގައި ވެސް "އަޑިއަޑިން" ސްކޫލަށް ވައްދާ ކަމަށާއި ނަމަވެސް އައްޑޫގައި ހުންނަ އެ ސުކޫލަކީ ގިނަ އަދަދެއްގެ ކުދިން ވެކްސިން ނުޖަހާ އުޅޭ ސުކޫލެއް ކަމަށެވެ.
"ހަމަ އެކަނި އެންމެ ސުކޫލެއް ނޫން. އެކަމަކު މިި ބުނީ މިކަމުގައި އަރާ ހުރި ސުކޫލެއްގެ ވާހަކަ" ސްކޫލްގެ ނަން ހާމަނުކޮށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލްގެ މި ވާހަކަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަމާބެހޭ ތަޖުރިބާކާރުން އެފަދަ ވާހަކަތައް ދެއްކުމަކީ އާންމުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމަށެވެ.
އެހެންކަމުން ޑޮކްޓަރަށް އެނގިވަޑައިގެންފައިވާ މައުލޫމާތު ހިއްސާކުރުމަށް އެދޭ ކަމަށާއި މިކަމާ މެދު އަަވަސް ފިޔަވަޅެއް އެޅޭނީ އޭރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.