Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ރިޕޯޓް

ވިލީނިޔާ: އެތައް ބަޔަކަށް ހިލޭ މާސްކު ފަހައިދީ ބަހާފައިވާ، އޯގާތެރި ލާމަސީލު ކަނބަލެއް!

ވިލީނިޔާ: އެތައް ބަޔަކަށް ހިލޭ މާސްކު ފަހައިދީ ބަހާފައިވާ، އޯގާތެރި ލާމަސީލު ކަނބަލެއް!
އިއްޔެ މުޅި މީސް މީޑިއާގައި ދައުރުވަމުންދިޔަ އެއް ވާހަކައަކީ ކޮވިޑްގެ ކަންތަކުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް އޮފިސަރުންތަކަކަށް، ހެޔޮއެދޭ ފަރާތަކުން ހިލޭ މާސްކުތަކެއް ހަދިޔާ ކުރި ވާހަކައެވެ. ޚުދު ފުލުހުން ވެސް ވަނީ އޭނާގެ އެމަސައްކަތް ފާހަގަކޮށް ޝުކުރު އަދާ ކޮށްފައެވެ. މިފަދަ ހީވާގި ބުރަ މަސައްކަތެއް ކޮށްފައިވަނީ އައިމިނަތު ވިލީނިޔާ އެވެ. https://twitter.com/PoliceMv/status/1267832437800792064 އޭނާގެ އެމަސައްކަތާއި ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން ވިލީނިޔާ ބުނީ މިއީ އޭނާ އަމިއްލައަށް ފެހި މާސްކުތަކެއް ނަމަވެސް ވަރަށް ބޮޑަށް ރިސާޗްކޮށްގެން ފަހާފައިވާ މާސްކުތަކެއް ކަމަށެވެ. "އަޅުގަނޑު ބޭނުމެއް ނުވި އާދައިގެ މާސްކެއް ފަހާފަ ދޭކަށް. އެއީ ފްރަންޓްލައިންގަ މަސައްކަތްކުރާ ބޭފުޅުންވީމަ އަޅުގަނޑު ބޭނުންވީ ރައްކާތެރިކަން ލިބޭނެ ކަހަލަ މާސްކުތަކެއް ހަދަން. އެހެންވެ ވަރަށް ބޮޑަށް ރިސާޗްވެސް ކޮށްފަ ސީޑީސީ އެޕްރޫވްޑް 80-90 % ރައްކާތެެރިކަން ޔަގީންވާ މާސްކު އުފައްދާފަ އެހުރީ" ވިލީނިޔާ ބުންޏެވެ. އެސްއޯ ފުލުހުންގެ ޔުނީފޯމް ފޮތިން ފަހާފައިވާ 100 މާސްކު އަމިއްލައަށް ފަހާ ހަދިޔާ ކޮށްފައިވާއިރު، އޭނާ އެމަސައްކަތް ކުރަން ފެށީ ފުލުހުންގެ އިދާރާގައި އުޅޭ އޭނާގެ އެކުވެރިއަކަށް ގުޅާ އެހީތެެރިކަން ހޯދައިގެން ކަމަށް ވިލީނިޔާ ބުންޏެވެ. ވިލީނިޔާއަކީ ފަހާމީހެކެވެ. ފުލުހުންނަށް މާސްކުތަކެއް ހަދިޔާ ކޮށްފައިވާއިރު، އޭނާވަނީ އޭގެ ކުރިން ވެސް އެތައް ބަޔަކަށް މާސްކުފަހާދީ ހަދިޔާ ކޮށްފައެވެ.
އެގޮތުން ފުލުހުންނަށް ހަދިޔާކުރި މާސްކުގެ އިތުރުން 800 އަށްވުރެ ގިނަ މާސްކު އޭނާވަނީ ހަދިޔާކޮށްފައެވެ. "މާސްކު ފަހަން އަސްލު ފެށީ، އަަޅުގަނޑަކީ ފަހާމީހެއްވީމަ ވަރަށް ގިނަ މީހުން އަޅުގަނޑު ކައިރިން އެކަމަށް އެދުނީމަ. އަޅުގަނޑަށް މިހާރު ހަދިޔާ ކުރެވިފަ ހުންނާނެ 800 އަށްވުރެ ގިނަ މާސްކު. އެއީ އެކިއެކި ބޭފުޅުން އަތަށް ދީގެން ހަމަ. ޑެލިވެރީ ކުރަން އަންނަ މީހުން އަތަށްވެސް ދީގެން. ސިފައިންގެ ތެރެއިން ވެސް އެކިއެކި ބޭފުޅުން ގުޅައިގެން ހުންނާނެ އަޅުގަނޑު މާސްކު ހަދިޔާ ކޮށްފަ" ވިލީނިޔާ ބުންޏެވެ. ވިލީނިޔާ ބުނި ގޮތުގައި މިފަހަކަށް އައިސް ވިޔަފާރީގެ ގޮތުން، މާސްކެއް 20ރ. އަށް ކަމަށް ކުޑަކުދިންގެ މާސްކުވެސް އޭނާ ފެއްސެވެ. . ނަމަވެސް އެތަކެތީގެ ޑިމާންޑު ވަަރަށް ބޮޑުވުމުން މިހާރު ކުޑަކުދިންނަށް ވެސް އޭނާ މާސްކު ފަހައިދެނީ ހިލެއެވެ. ވިލީނިޔާއަށް މިކަމުގައި އެހީތެރިވެ ހިތްވަރު ދެއްވި ކަމަށްޓަކައި އޭނާ ޝުކުރު އަދާ ކޮށްލަން ބޭނުންވާ ފަރާތްތަކެއް ވެއެވެ. "ވަރަށް ޚާއްސަ ޝުކުރެއް އަދާ ކުރަން ބޭނުން އަލީ ޝިފާޒް އަށާއި، އަޙްމަދު އަބްދުލްޣަނީ (އަންމަޑޭ) އަށާއި ނަސީމް އަށް. މިމީހުންނަކީ އަޅުގަނޑަށް ހިތްވަރުދީ އެހީތެރިވެދިން މީހުން. ނަސީމް އަކީ އަޅުގަނޑަށް މިމަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިން މީހާ" ނިންމާލަމުން ވިލީނިޔާ ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް