ޚަބަރު

އެމްޑީޕީ މެމްބަރުންނަށް ހައްގު މިންވަރު ނުލިބެނީ ކޯލީޝަންގެ ސަބަބުން: ނަޝީދު

އެމްޑީޕީ މެމްބަރުންނަށް ހައްގު މިންވަރު ނުލިބިގެން އުޅެނީ ކޯލީޝަންގެ ސަބަބުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އެޖެންޑާ 19 ރަށަށް" ނަމުގައި އެމްޑީޕީން ބޮޑުތިލަދުން މައްޗަށް ކުރާ ދަތުރުގައި މިއަދު ހއ. އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެމްބަރުން އުއްމީދު ކުރި މިންވަރު އެ މެމްބަރުންނަށް ނުލިބޭ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީ ވެެރިކަމަށް އައުމުން ރަށްތަކުގައި ތިބި އެމްޑީޕީ މެމްބަރުންނަށް އޭގެ އެންމެ ފުރިހަމަ ހިތްހަމަ ޖެހުމެއް ލިބެމުން ނާންނަ ކަމަށެވެ.

"ހިތްހަމަޖެހުމެއް ލިބިގެން މި ނާންނަނީ އަޅުގަނޑަށް ފެންނަ ތަނުގައި އޭގައިވާ ސިއްރަކީ އިއްތިހާދު، މި ޕާޓީގެ މެމްބަރުންނަށްވެސް އަދި މި ޕާޓީގެ މަސައްކަތުގައި މިއޮތްހާ ޒަމާނު އުޅުނު މީހުންނަށް ހައްގުވާ މިންވަރު އެމީހުންނަށް ލިބެންޖެހޭ ބައި، ނުލިބި ދަނީ އެބައި އެހެން ތަންތަނަށް އަޅަންޖެހޭ މިންވަރުން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެއީ ސަރުކާރު އުފެދުނު ގޮތް ކަމަށާއި، ސަރުކާރަށް އެމްޑީޕީ އައީ ގުޅިފައިވާ އިއްތިހާދެއްްގެ ތެރެއިން ކަމަށެވެ. ނަމަވެސް ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން އެކަނި ނިކުމެ ރައްޔިތުންގެ މަޖިލީހުގެ 87 ގޮޑީގެ ތެރެއިން 65 ގޮޑި ދީފައިވާ ކަމަށެވެ. އަދި ނުލިބި ދިޔަ ގޮޑިތައްވެސް ދިޔައީ ވަރަށް މަދު ވޯޓު ކޮޅަކުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މަޖްލިސް އިންތިހާބުގެ ނަތީޖާއިން ސާފުވީ ކަމަކީ ދިވެހި ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އޮންނަން ޖެހޭނީ ރައްޔިތުންގެ ވެރިކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު އަދި އެމްޑީޕީއަށް މާ މުހިއްމު ކަމަށާއި، އެޖެންޑާ 19 ގައި ހުރި ކަންކަން ރަށްތަކަށް ލިބެން އަންނަނީ ލޯކަލް ކައުންސިލް ގޮޑިތައް ލިބިގެންކަމަށެވެ. އަދި ކަންކަން ނުވުމުގައި ރައްުޔިތުންގެ ހުރި ކަންބޮޑުވުން އިހްސާސް ކުރެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!