ޚަބަރު

އެމްޑީޕީއަށް ނޫނީ ކައުންސިލް ހިންގާކަށް ނޭނގޭނެ: ނަޝީދު

އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ލާމަރުކަޒީ ނިޒާމު ނުހިންގޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

"އެޖެންޑާ 19 ރަށަށް"ގެ ނަމުގައި އެމްޑީޕީން ތިލަދުންމަތީގެ ރަށްތަކަށް ކުރާ ދަތުރުތަކުގެ ތެރެއިން ހއ. ހޯރަފުއްޓަށް ވަޑައިގެން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމާއި ރަށްރަށުގެ ކައުންސިލްތަކަށް ފުރިހަމަ ބާރު ދިނުމަކީ އެމްޑީޕީގެ "އެޖެންޑާ 19" ގެ ވައުދެއް ކަމަށާއި އެ ވައުދު މިހާރު ފުއްދާފައިވާ ކަމަށެވެ.

މީގެ ބޭނުމަކީ ކައުންސިލްތަކުގެ އިހުތިސޯސުގައިވާ މުޅި މިލްކިއްޔާތު ދިނުން ކަމަށާއި އަދި މާލޭގައި ހިފެހެއްޓިފައިވާ އިދާރީ އަދި ހިންގުމުގެ ބާރުތައް ރަށްރަށަށް ގެނައުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފަރާތުން ރައްޔިތުންނަށް ދިން ވިސްނުމެއް ކަމަށާއި އެ ނިޒާމު އެހެން ޕާޓީތަކަށް ހިންގަން ނޭނގޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"މިއީ އެހެން ބަޔަކަށް ކޮށްދެވޭނެ ކަމެއް ނޫން. ޕީޕީއެމް އަކަށް ވެސް، ޖުމްހޫރީ ޕާޓީއަކަށް ވެސް އަދި އެހެން ޕާޓީއަކަށް ވެސް މި މަސައްކަތެއް ނުކޮށްދެވޭނެ. މީގެއިން އެއްވެސް ކަމެއް ކޮށްދޭކަށް ނުވެސް އިނގޭނެ، އެ ވިސްނުމެއް ވެސް ނުވެސް ހުންނާނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކުގެ ވިސްނުމަކީ ބާރު އެއްކުރުމުގެ ވިސްނުން ކަމަށެވެ. އެގޮތުން ރަށް ރަށުގެ ކައުންސިލްތައް ހަލާކުކޮށް، ރަށް ރަށުގެ ރަށްވެހިކަން ރޫޅާލައި، މާލެ އަށް އެންމެން ޖަމާކުރުމަކީ އެ ފަރާތްތަކުގެ އަމާޒު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ތި ބޭފުޅުންގެ ގަދަ ހިތްވަރާއި މަސައްކަތުން، ތި ބޭފުޅުން ސަރުކާރު ބަދަލުކުރީ، ތި ބޭފުޅުންގެ އަތްމައްޗަށް އެ ބާރު ނަގަން ވެގެން. އިރާދަކުރެއްވިއްޔާ މިއަދު ހިނގަމުން މިދަނީ އެ މަސައްކަތް" ނަޝީދު ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާއިރު އެ ބިލުގައި ވަނީ ކައުންސިލްތަކުގެ ދައުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކޮށްފައެވެ.

އަދި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލް ތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ބިންތަކުގެ ކުލީގެ ސައްތައިން ސައްތަ އެ ރަށެއްގެ ކައުންސިލަކަށް ލިބޭ ގޮތަށް ހަމަޖެއްސުން ވެސް ހިމެނެއެވެ. އަދި ދައުލަތުގެ ބަޖެޓްގެ ފަސް ޕަސެންޓް ކައުންސިލްތަކަށް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!