ވެކްސިން ނުދީ ތިބި ކުދިން ސްކޫލަށް ނުފޮނުވަން އިލްތިމާސްކޮށްފި
ވެކްސިން ނުދީ ތިބި ކުދިން ސްކޫލަށް ނުފޮނުވަން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އިލްތިމާސް ކުރައްވައިފިއެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން ސަރުކާރުން މިއަދު ރަސްމީކޮށް ވަނީ އިއުލާނު ކޮށްފައެވެ. އެގޮތުން މިހާތަނަށް ދެ މީހަކަށް ހިމަބިހި ޖެހި، އިތުރު މީހަކު ޓެސްޓުކުރަމުންދާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުނުފަހުން ސްކޫލް އުމުރުގެ ވަރަށް ގިނަ ކުދިންނަށް ވެކްސިން ދެވިފައިވާ ކަމަށާއި ނަމަވެސް ސްކޫލް އުމުރުގައި ވެކްސިން ނުޖަހާ ތިބި ކުދިންނަށް ވެކްސިން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑު އިލްތިމާސްކުރަން، ވެކްސިން ނުޖަހާ ހުރި ކުއްޖެއް ކަމަށްވާނަމަ، ވެކްސިން ޖެހުމަށްފަހު މެނުވީ ސްކޫލް ފޮނުވައިގެން ނުވާނެ" އަމީން ވިދާޅުވިއެވެ.
ސަރުކާރުގެ އެއްވެސް ސުކޫލަކަށް އަދި ސަރުކާރުގެ ތައުލީމުދޭ އެއްވެސް ނިޒާމެއްގެ ތެރެއަށް ވެކްސިން ނުދޭ ކުއްޖަކަށް ވެދެވޭނީ ވެކްސިން ދިނުމަށް ފަހުކަން ކަށަވަރުކުރާނެ ކަމަށާއި ވެކްސިން ނުޖަހާ ކުދިން އަމިއްލަ ފަރާތްތަކުގެ ސުކޫލްތަކަށް ވައްދާފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާތަނަށް ވެކްސިން ނުޖަހާ ފަރާތްތަކާމެދުގައި ގާނޫނީ ގޮތުން ހުރި ހުރަސްތަކެއްގެ ސަަބަބުން ވެކްސިން ނުޖަހާ ފަރާތްތައް އެ ގޮތުގައި ދެމި ތިބީ" އަމީން ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ވެކްސިން ދިނުމަށް އިންކާރު ކުރާ ފަރާތްތަކަށް ވެސް ވެކްސިން ޖެހުމަށް އަންގާ ކަމަށާއި ވެކްސިން ނުޖަހާ ތިބުމުގެ ސަބަބުން އެހެން ގައުމު ނުރައްކަލުގެ ތެރެއަށް ދޫކޮށްލެވެން ނެތް ކަމަށްވެސް ވިދާޅުވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ނަމަވެސް، ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށް ގޮސް، ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.