އަލީފްގެ "ލީފްފޮޓޯސް" އެކައުންޓް ހެކްވީ މީހަކު ފޮނުވި ލިންކެއް ހުޅުވާލުމުން!
މިމަހުގެ 3 ވަނަ ދުވަހު އިންސްޓްގްރާމުން ހެކްވި ރާއްޖޭގެ މަޝްހޫރު ފޮޓޯގްރާފަރ މުޙައްމަދު އަލީފް (24އ.) ގެ ވިޔަފާރި އެކައުންޓު ކަމުގައިވާ "ލީފް ފޮޓޯސް" އޭނާއަށް އަލުން އަނބުރާ ލިބިއްޖެއެވެ.
އެކައުންޓު ލިބުމާއި ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން އަލީފް ބުނީ އޭނާގެ އެއެކައުންޓު އަލުން އަނބުރާ ލިބިފައިވަނީ މިމަހުގެ 8 ވަނަ ދުވަހުގެ ރޭ 19:30 ހާއިރު ކަމަށެވެ.
"ހަމަ އިންސްޓަގްރާމުން ރަނގަޅު ކޮށްދިނީ. އެކަމަކު ވަރަށް ބުރަ މަސައްކަތުން. މޯލްޑިވްލް ޕޮލިސް ސާވިސަސްގެ ރިޕޯޓަކާއި އެއްކޮށް ހުށަހެޅީމަ އެހާ ފަސޭހައިން މިކަން ކާމިޔާބު ކުރެވުނީ. އޭގެއިތުރުން އަޅުގަނޑުގެ ވަރަށް ގިނަ އިންފްލުއެންސާސް އާއި އެހެން ބައެއް ފޮޓޯގްރާފަރުން ވެސް ވަރަށް ބޮޑަށް އެހީތެރިވެދިން. 'ބިއުޓިފުލް ޑެސްޓިނޭޝަންސް' އަކީ އަޅުގަނޑު ކުރިން ފޮޓޯތަކެއް ނަގައިދިން ބައެއް. އެތަނުގެ ސީއީއޯ ވެސް ވަރަށް އެހޯތެރިވެދިން. ދެން 'ބްރޭންޑް އޮން' ވެސް އެހީވި. އެމީހުންގެ އެހޭތެރިކަމާއި، ފުލުހުންގެ ފަރާތުން ލިބުނު ރިޕޯޓާއިއެކީގައި ހުށަހަޅައިގެން ވަރަށް ގިނަ މެއިލް ފޮނުވައިގެން އެކައުންޓު އަލުން އަނބުރާ ލިބުނީ" އަލީފްގެ އެކައުންޓު ލިބުނުގޮތް ހިއްސާ ކުރަމުން އޭނާ ކިޔައިދިނެވެ.
"ލީފްފޮޓޯސް" ހެކް ކުރި ފަރާތުން އެއިރުވަނީ ގިނަ އަދަދެއްގެ ފައިސާ ދިނުމަށާއި، ފައިސާ ނުދީފިނަމަ އެއެކައުންޓުގައި ހުރި ފޮޓޯތަށް އެއްކޮށް ފުހެލާނެ ކަމަށެވެ. މިހާރު އެކައުންޓު އަނބުރާ ލިބިފައިވާއިރު، އެކައުންޓު ހެކް ކުރީ ކޮން ފަރާތެއްކަން ހޯދިފައިވޭތޯ ސުވާލުކުރުމުން އެއީ ކާކުކަމެއް އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވާ ކަމަށާއި އެއީ ކާކުކަމެއް ހޯދަންވެސް ބޭނުން ނުވާކަމަށް އަލީފް ބުންޏެވެ.
އަލީފްގެ އެކައުންޓު އަލުން އަނބުރާ ލިބުމުން ވަރަށް ގިނަ ކަންކަން ދަސްވިކަމަށާއި އޭގެ ތެރޭގައި އެންމެ މުހިންމު ކަމަކަށް ދަސްވީ ކޮލަބޮރޭޓް ވާންބުނެ ކަމުގައިވިޔަސް މީހަކު ފޮނުވާ ލިންކެއް ނުހުޅުވުންކަމަށް ވެސް އަލީފް ބުންޏެވެ.
"އަސްލުގަ އެކައުންޓު ހެކްވީ އެސަބަބާއިހެދި. ކޮލޭބޮރޭޓްވާން ބުނެ ހަމަ މަޝްހޫރު ފަރާތެއްގެ ނަން ބޭނުންކޮށްގެން މީހަކު ފޮނުވި ލިންކެއް ހުޅުވާލެވުނީ. އަޅުގަނޑަކީ އެގޮތަށް މީހުންނާއި ކޮލޭބޮރޭޓްވާ މީހެއްވީމަ. އެހެންވެ ދަސްވެއްޖެ ދެން އެހެން ފޮނުވާ ލިންކު ނުހުޅުވަން. އަޅުގަނޑު މިދާއިރާގައި އުޅޭ އެހެން މީހުންނާއި އެނެމެން ކައިރީގައިވެސް ބުނެލަން ބޭނުމީ އެގޮތަށް ފޮނުވާ ލިންކަށް ނުފިތައްޗޭ، އެނުހުޅުވައްޗޭ" އަލީފް ބުންޏެވެ
އަލީފް ބުނިގޮތުގައި އޭނާއަށް ދަސްވި އަނެއްކަމަކީ، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ކުރުން ކަމަށާއި އެކައުންޓު ހޯދުމުގެ މަސައްކަތުގައި ވަރަށް ގިނަ ވަގުތު ބުރަކޮށް އުޅެން ޖެހުނު ކަމަށެވެ. އެހެންކައމުން ބުރަކޮށް އުޅެންވެސް ދަސްވި ކަމަށް އޭނާ ބުންޏެވެ.