މުނިފޫހިފިލުވުން

"އެހެނަސް" ނިޔާ ކީއްވެ ޝާއިރާއާއި ކައިވެނި ކުރީ؟

ދެން އެމްވީ ، ދެން އޮންލައިން

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަހުމަދު އިޤްބާލް (އައިކިޔު) ލިޔެ ޕްރޮޑިއުސް ކޮށްފައިވާ ކާމިޔާބު ވެބްސީރީޒް "އެހެނަސް" ގެ ދެވަނަ ސީޒަން ފެށޭ ދުވަސް މިހާރު މިވަނީ ވަރަށް ގާތްވެފައެވެ.

Ads by STELCO

މިމަހުގެ 18 ވަނަ ދުވަހު ބައިސްކޯފުން އެސީރީޒް ފެންނާނެކަމަށް އިއުލާނު ކޮށްފައިވާއިރު، މިހާރުވެސް ގިނަ ބެލުންތެރިންތިބީ އެދުވަހެއްގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.

ވަރަށް ވެސް ކާމިޔާބު ކަމާއެކު "އެހެނަސް" ސީޒަން 1 ނިމިފައިވާއިރު، އެސީޒަންގައިވީ ބައެއް މުހިންމު ކަންކަމަށް އަލިއަޅުވާލާނަމެވެ.

އެގޮތުން މިސީރީޒްގެ ލީޑް ރޯލު ކަމުގައިވާ "ނިޔާ" ގެ ކެރެކްޓާއިން ފެނިގެންދާ މުޙައްމަދު ވިޝާލު (ރޯމަން) އެންމެ ފުރަތަމަ ފެނިގެންދަނީ ވަރަށް މަޑުމައިތިރި އަދި ކަންކަމާއި ޖެހިލުންވެފަ ހުންނަ މީހެއްގެ ގޮތުގައެވެ، އޭނާ ހުންނަ ގޮތުން މީހުން އޭނާއަކީ "ރަނޑެއް" ކަމަށް ބުނެފައިވެއެވެ. އަދި ގެއިން ބޭރުންނާއި ގޭތެރެއިން ވެސް އޭނާއާއި މީހުން ގަނާކުރެއެވެ.

ގޭތެރޭގައި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ "ޝިނާޒް" ގެ ކެރެކްޓާއިން ފެނިގެންދާ އަޙުމަދު ޝާރިފް އާއި އެއްބަނޑު ކޮއްކޮ "ލީޒާ" (ސިލްނާ) ވެސް ނިޔާއަށް ގަނާ ކުރެއެވެ. އެދެމީހުންގެ ހިތުގައި ނިޔާއަށްޓަކައި އަބަދުމެ ނަފްރަތު ފެނިގެންދާއިރު، އެގޭތެރެއިން ނިޔާއަށް އެހެން އަނިޔާއެއް ވެސް ލިބެމުންދާކަން ފެނެއެވެ. އެއީ ޖިންސީ ގޯނާ ލިބުމުންދާކަމުގެ މަންޒަރުތަކެކެވެ. ނަމަވެސް އެއީ ކާކު ދެމުންދިޔަ އަނިޔާތަކެއް ކަމެއް ސީޒަން 1 ނިމުންއިރުވެސް ނޭނގެއެވެ.

އެމާހައުލުން ނިޔާއަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބެންފެށީ ވަޒީފާއަކަށް ވަތްފަހުން، އެއޮފީސް ތެރެއިން "ޝަޒޫ" (ފާތިމަތު ޝަރާ) އާއި ބައްދަލުވީ ފަހުންނެވެ. އޮފީހުގައި ދެން އުޅޭ "ހަމިއްޓެ" (މުޙައްމަދު ޔުނާން) އަދި "ފަރޭ" (އަލީ ނަދީހް) ނިޔާއާއި އެވަރަށް ދިމާކުރިނަމަވެސް ޝަޒޫ އަބަދުވެސް ނިޔާގެ ދިފާއުގައި ހުރެއެވެ. ހަމިއްޓެމެންގެ ދިމާކުރުމުގައި އެއޮފީހުގައި ދެން އުޅޭ "ޒިދޫ" އެވަރަށް ބައިވެރި ނުވިނަމަވެސް އެކަމާއި މާބޮޑު އެއްޗެއް ނުބުނެ، ނިޔާއާއި އެކުވެރިކަން ބާއްވައެވެ.

ގިނަ ވަގުތު ނިޔާ އުޅެން ފެށީ ޝަޒޫ އާއެކުގައެވެ. ނަމަވެސް ނިޔާގެ ހިތުގައި ޚާއްސަ މަގާމެއް ދެވުނީ އެއޮފީހުގައި ދެން އުޅޭ "ނީން" (އައިމިނަތު ޝަމާނާ) އަށެވެ. ނީން އާއި ނިޔާ ގުޅުވައިދޭން ޝަޒޫ މަސައްކަތް ކުރިނަމަވެސް، ނީންގެ ހިތުގައި ނިޔާއަށްޓަކައި އެކަހަލަ ވިސްނުމެއް ނުހުންނަކަން އޭނާގެ އުފަންދުވަހު ހާމަ ވެގެންދެއެވެ.

އެކަމުގެ ސަބަބުން ކުޑަ މައްސަލައެއް ޖެހުން ކަމުގައިވިޔަސް ފަހުން އެކަން ހައްލުވެ އަލުން އެންމެން އެއްކޮށް އެކުވެރިކަމުގައި އުޅެއެވެ. ޝަޒޫގެ ހިތުގައި ނިޔާއަށްޓަކައި ޚާއްސަ ޝުއޫރުތަކެއް ވެސް އުފެދެން ފެށެއެވެ. އެކަން ހާމަވެގެންދަނީ ނީންއާއި ޝާމިންގެ ކައިވެނި ޕާޓީއަށްފަހު ގެއަށް ދިޔުމުގެ މަގުމަތީގައި ވާރޭވެހުމުން، ޝަޒޫ އަށާއި ނިޔާއަށް ގާތްވެވުމުންނެވެ.

އެރޭ ކަންތައްވީ ގޮތް ޝަޒޫގެ ލޯބިވެރިޔާ ނާފިޒަށް ކިޔައިދޭން އުޅުމުން އޭނާ ޝަޒޫއަށް ބޭވަފާތެރިވާކަން ފަޅާއަރައެވެ. އެހެންކަމުން އެވާހަކަތަށް ނިޔާގާތު ބުނުމަށާއި ހިތުގެ ޝުޢޫރުތަށް ނިޔާއަށް އަންގައިދިނުމަށް ޝަޒޫ ކުރާ މަސައްކަތްތަށް ބޭކާރުވެއެވެ. ޝަޒޫގެ މާމަ ނިޔާވެގެންވެސް ނިޔާއާއި ނިޔާއާއި ބައްދަލެއް ނުވެއެވެ. ކުއްލިއަކަށް ޝަޒޫއަށް ނިޔާ ގެއްލުނުފަދައެވެ.

ނިޔާއަށް ޖިންސީ ގޯނާކުރަމުންދާ މަންޒަރު އޭނާގެ މަންމަ "ޝަކީލާ" (ޝީލާ ނަޖީބު) އަށް ފެނެއެވެ. ނަމަވެސް ދެންވާ ގޮތެއް ނޭނގެއެވެ.

ޝަޒޫއާއި ނިޔާ ދެން ބައްދަލުވަނީ ފަރުނީޗަރު ފިހާރައެއްގެ ތެރެއިންނެވެ. ނަމަވެސް އެކަންޏެއް ނޫނެވެ. އެދުވަހަކީ ޝަޒޫއަށް ނިޔާގެ އަންހެނުން "ޝާއިރާ" އާއިވެސް ބައްދަލުވާ ދުވަހެވެ.

ޝާއިރާގެ ރޯލު ކުޅެދީފައިވަނީ ކުޅަދާނަ އެކްޓްރެސް ރިޝްމީ ރަމީޒެވެ. ސީޒަން 1 ނިމުމަށްފަހު ގިނަމީހުން ރިޝްމީ އާއިވެސް އަދި "އެހެނަސް" ޓީމާއިވެސް އެންމެ ގިނައިން ކޮށްފައިވާ އެއް ސުވާލަކީ "ނިޔާ ޝާއިރާ އާއި ކައިވެނި ކުރީ ކީއްވެ" ތޯޯއެވެ.

މިސުވާލުގެ ޖަވާބު "އެހެނަސް" ސީޒަން 2 ގައި ލިބޭނެކަމުގެ ޔަގީންކަން ޕްރޮޑަކްޝަން ޓީމުން ދެއެވެ. މިއާއެކު ނިޔާއަށް އަނިޔާކުރީ ކާކު ކަމާއި އައު ކެރެކްޓާތަކެއް ވެސް މިފަހަރު ފެނިގެންދާއިރު އެމީހުންގެ ރޯލުތައް ވެސް އެނގިގެންދާނެއެވެ.

"އެހެނަސް" ސީރީޒް ޑައިރެކްޓު ކޮށްފައިވަނީ ކުޅަދާނަ އެކްޓަރ/ޑައިރެކްޓާ ރަވީ ފާރޫޤް އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސީޒަން 2 ގައި ވަރަށް ތަަފާތު އަދި އެހާމެ ޚާއްސަ ރޯލަކުން ރަވީ ވެސް ފެނިގެންދާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!