ދުނިޔެ

ދަރިފުޅު ހޮސްޕިޓަލްގައި އޮންނަތާ 8 މަސް، އަތްމަތި ހުސްވެ ދަރީން މަދަރުސާއިން ވެސް ވަކިކޮށް ބައްޕަ ސަލާން ޖަހަނީ

ދެން އެމްވީ ، ދެން އޮންލައިން

ދުބާއީގައި މަސައްކަތް ކުރާ ޕާކިސްތާންގެ ރައްޔިތެއް ކަމަށްވާ ސާބިރުޚާންއަށް ތިންވަނަ ދަރިއަކު ލިބުނު ދުވަހަކީ ޙަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަހެވެ. މީގެ އަށް މަސްކުރިން ، އާއިލާއަށް އިތުރުވި މުޙައްމަދު ސުބާން ލިބުނުއިރު ދޮއްޓަށް ތިބި އަށް އަހަރުގެ ފިރިހެން ދަރިފުޅާއި ހަ އަހަރުގެ އަންހެން ދަރިފުޅު ދިޔައީ މަދަރުސާގައި ތަޢުލީމް ޙާޞިލް ކުރަމުންނެވެ.

Ads by Sosun Fihaara

ތިންވަނަ ދަރިފުޅާއެކު ޙަޔާތަށް ލިބުނު އުފާވެރިކަން އިޙްސާސް ކުރަން ސާބިރުޚާން އަށް ފުރުސަތު ލިބުނީ މަދު ވަގުތު ކޮޅެއް ވަންދެނެވެ. އޭގެ ފަހުން އޭނާގެ ޙަޔާތް އެފުށް މިފުށަށް ޖެހިގެން ދިޔައެވެ.

ސާބިރުޚާންގެ ތިންވަނަ ދަރިފުޅު ، މުޙައްމަދު ސުބާން ވިހެއީ ދުބާއީ އެސްޓަރ ހޮސްޕިޓަލްގައެވެ. ވިހެއުމަށްފަހު ދަރިފުޅަށް ދިމާވި މައްސަލަތަކުގެ ސަބަބުން ހެދި ޓެސްޓްތަކުން އެނގުނީ މަދުން ނޫނީ ނުފެންނަ ބައްޔެއް ދަރިފުޅަށް ޖެހިފައިވާ ކަމެވެ.''މައިކްރޯވިލަސް އިންކްލޫސަން ޑިސީސް (އެމްވީއައިޑީ)'' އަކީ އެ ބައްޔެއް ޖެހުމުން ކެއުން ބުއިމާ ދުރުވާ ބައްޔެކެވެ. ކާއެއްޗެހި ދޭން ޖެހެނީ ހޮޅިގުޅައިގެން ކުރިއަށް ގެންދާ ''ޕޭރެންޓެރަލް ނިއުޓްރިޝަން''ގޮތަށެވެ.


ދަރިފުޅު ވިހެއުމުގެ ހުރިހާ ޚަރަދުތަކާއި 22 ދުވަސްވަންދެން ދަރިފުޅަށް ދޭން ޖެހުނު ފަރުވާގެ ހުރިހާ ޚަރަދެއް އިންސުއަރެންސުން ހަމަ ޖެހުނު ނަމަވެސް ސާބިރުޚާންއަށް ދަތިކަމާއި ކުރިމަތިލާން ޖެހުނީ އޭގެ ފަހުންނެވެ. 22 ދުވަހާއި ހަމައަށް އިންސުއަރެންސް ހަމަވުމާއެކު ސާބިރުއަށް ޖެހުނީ ދަރިފުޅު އެ ހޮސްޕިޓަލުން ނެރޭށެވެ. އެހެންކަމުން އޭނާ ވަނީ ދުބާއީގެެ ކުޑަކުދިންގެ ޚާއްޞަ ހޮސްޕިޓަލަކަށް ދަރިފުޅު ބަދަލުކޮށްފައެވެ. މަހަކު 5500 ދިރުހަމް (ގާތްގަޑަކަށް 1500 ޔޫއެސްޑޮލަރު)ގެ މުސާރައެއް ލިބޭ ސާބިރުޚާން ، އެހެން ކުދީންނަށާއި އާއިލާގެ ޚަރަދުތައް ފުރިހަމަ ކުރުމަށްފަހު ހޮސްޕިޓަލްގެ ޚަރަދުތައް ފޫބެއްދޭ ވަރެއް ނުވެއެވެ. ޚަރަދު ކުރެވެން ނެތިގެން އެންމެފަހުން ސާބިރުޚާން ވަނީ ކޔަވަމުންދާ ދެ ދަރީން ވެސް މަދަރުސާއިން ވަކިކޮށްފައެވެ. ހޮސްޕިޓަލްގެ ބިލްތައް ނުދެއްކި ، ބިލްތަކުގެ އަދަދު މިހާރު ވަނީ 1.9 މިލިއަން ދިރުހަމް (517،000 ޔޫއެސް ޑޮލަރު) އަށް އަރާފައެވެ. މިފައިސާ ނުދެއްކުނު ނަމަވެސް ، ހޮސްޕިޓަލުން ފަރުވާ މެދުކަނޑާނުލާ ކުރިއަށް ގެންދާކަން ސާބިރުޚާން ވަނީ އުފަލާއެކު ފާހަގަ ކޮށްފައެވެ.

ސާބިރުޚާން ގެ މިހާރުގެ އެދުމަކީ އެންމެ އެދުމެކެވެ. އެއީ ދަރިފުޅު ގޮވައިގެން އަމިއްލަ ގައުމު ، ޕާކިސްތާނަށް ދިޔުމެވެ. ގައުމަށް ގޮސް ހޮސްޕިޓަލްގައި ބާއްވައިގެން ފަރުވާ ދިނުމެވެ. ނަމަވެސް ޕާކިސްތާނަށް މިހާރު ދެވެން އޮތީ ވެސް އެއަރ އެމްބިއުލެންސެއް ހަމަޖައްސައިގެން ކަމަށްވުމާއެކު އޭނާ ވަނީ އެކަމަށް ވެސް ނުކުޅެދިފައެވެ.

''ހޮސްޕިޓަލްގައި އަބަދު ބާއްވަން ޖެހުނަސް ދަރިފުޅު ގެއްލިދާކަން އަހަރެން ނޭދެން ، އަހަންނަށް ޔަގީން ، މިކަމުން އަރައިގަނެވޭނެ މަގެއް ﷲ ދައްކަވާނެ" އެހީއަށް އެދެމުން ސާބިރުޚާން ބުނެފައިވެއެވެ.


މައިކްރޯވިލަސް އިންކްލޫޝަން ޑިސީސް (އެމްވީއައިޑީ) އަކީ ކޮބާ؟

ސިއްޙަތާއި ބެހޭ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މައިކްރޯވިލަސް އިންކްޝަން ޑިޒީޒް (އެމްވީއައިޑީ) އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ، ގޮހޮރަށް ޖެހޭ ބައްޔެކެވެ. އާއްމުގޮތެއްގައި މިބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ކުއްޖަކު އުފަންވާތާ ގަޑިއިރުތަކެއް ނުވަތަ ދުވަސްތަކެއް ފަހުންނެވެ.

ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ސިފަކޮށްފައިވާ މިބަލީގެ ސަބަބުން ބަނޑުދިޔާވުމުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ފައިދާހުރި މާއްދާތައް ވެސް ލިބުމަށް ދަތިވެއެވެ.

ތުއްތު ކުދިންނަށް އެމްވީއައިޑީ ޖެހުމުގެ ސަބަބުން ހަށިގަނޑަށް ނުރައްކާވާވަރަށް ބަނޑު ދިޔާވުމުގެ އިތުރުން، ފެން މަދުވުމާއި، ފައިދާހުރި މާއްދާތައް ނުލިބި ހެދިބޮޑުވުމަށް ވެސް އަސަރު ކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!