ދުނިޔެ

ކަސްޓަމަރަކު ގޯސް ރިވިއުއެއް ދިނުމުން، 850 ކިލޯމީޓަރުގެ ދަތުރެއްކޮށްފައި ގޮސް އޭނާ ގައިގައި ތަޅައިގަނެފި

އޮންލައިން ޝޮޕިންގ ކުރެވޭ ތަންތަނަށް ރިވިއު ދިނުމާއި ބެހޭގޮތުން އަހަރެމެން އެންމެންނަށް ވެސް އެނގެއެވެ.

އެއީ އެވިޔަފާރިއެއް ކުރާ ތަނަކާއި ބެހޭގޮތުން އެހެން މީހުންނަށް ފަސޭހައިން މައުލޫމާތު ހޯދޭނެ، އަދި އެހެން މީހުންގެ ނަޒަރުގައި އެއީ ކޮންކަހަލަ ވިޔަފާރިއެއްކަމާއި އެތަނުގެ ޚިދުމަތާއި ބެހޭ ގޮތުން ވެސް އެހެން މީހުންނަށް ބޮޑަށް އަންގައި ދިނުމަށެވެ.

ކަސްޓަމަރުން ދޭ ރިވިއު އަކީ ކޮންމެ ވިޔަފާރިވެރިއަކަށް ވެސް ވަރަށް މުހިންމު އެއްޗެކެވެ. ރަނގަޅު ރިވިއުއެއް ދީފިނަމަ ވިޔަފާރި ކުރިއަރައެވެ. އަދި ހަމަ އެހެންމެ ގޯސް ރިވިއުއެއް ދީފިނަމަ އެވިޔަފާރިއަށް ނުހަނު ގެއްލުން ބޮޑުވެއެވެ.

މިއީ ވެސް އެފަދަ ރިވިއު އެއްގެ ސަބަބުން ދިމާވި ހާދިސާއެކެވެ.

ޗައިނާގައި ހިނގި މިހާދިސާ ހިނގާފައިވަނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ޝިއާއޯ ޑީ ނަމަކަށް ކިޔާ މީހަކު އަލީބާބާގެ އޮންލައިން ސްޓޯރެއް ކަމަށްވާ ޓާއޮބާއޮ އިން ޖުމްލަ 300 ޔުއާން އަށް ވާވަރަށް ހެދުން ގަތެވެ. އެއީ ޑިސެމްބަރ 20 ވަނަ ދުވަހުގައެވެ.

ނަމަވެސް ތިން ދުވަސް ތެރޭގައި ލިބޭނެކަމަށް ބުނި އެހެދުންތައް އެމުއްދަތުގައި ނުލިބުމުން ޝިއާއޯ އެކަމާއި ޝަކުވާކޮށް، ޓާއޮބާއޮ އާއި ބެހޭގޮތުން ނެގަޓިވް ރިވިއު އެއް ދިނެވެ.

އޭގެ ސަބަބުން އެއޮންލައިން ސްޓޯރު "ސިމިލާ ރޭޓިންގުން" 12 ޕޮއިންޓް ދަށަށް ދިޔައެވެ.

އެކަމާއި ރުޅިއައިސްގެން ޑިސެމްބަރ މަހުގެ 27 ވަނަ ދުވަހު، ޕިކަޕް ޕޮއިންޓުގައި ޝިއާއޯ މަޑުކޮށްގެން އިންދާ، ޒަންގް ކިޔާ މީހަކު ގޮސް ޝިއާއޯ ގައިގާ ތަޅައިގަތެވެ. އެމަންޒަރު ސީސީޓީވީ ކެމެރާއަކުން ވަނީ ރިކޯޑު ވެސް ކުރެވިފައެވެ.

ޒަންގް އަކީ އެއޮންލައިން ސްޓޯރ ހިންގާ މީހާއެވެ. އޭނާ ބުނިގޮތުގައި 850 ކިލޯމީޓަރުގެ ދަތުރެއް ކޮށްފައި އޭނާ އެތަނަށް ހަމަ ދިޔައީ ޝިއާއޯ ދިން ނެގަޓިވް ރިވިއުގެ ސަބަބުން ބަދަލުހިފަން ކަމަށެވެ.

ޝިއާއޯ އަށް ދިން މިހަމަލާގެ ސަބަބުން އެރްލިޓާންގް ޕަބްލިކް ސެކިއުރިޓީ ބިއުރޯ ޕޮލިހުން ވަނީ ޒަންގް 10 ދުވަހަށް ބަންދު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!