ޝިޔާމް، ފުލުހުންނަށް: މާޔޫސް ނުވޭ، އަޅުގަނޑުމެން އެބަ އަންނަން!
ފުލުހުންގެ ހައްގު މަގާމު ލިބި ގާނޫނީ ފުރިހަމަ ބާރު ލިބޭނެ ދުވަހެއް އަންނާނެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ފުލުހުންނަށް ފާޑިކިޔައި އެމްޑީޕީގެ މަޖިލިސް މެމްބަރުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝިޔާމް މިއަދު ކުރެއްވި ޓުވީޓެއްގައި ޝިޔާމް މިއަދު ފުލުހުން ކާކީ ކުލައިގެ ސޯޓު ބުރި ލައްވާ، ރަބަރު ގަނޑަކަށް އަރުވާފައި، މާލޭ މަގުމައްޗަށްވެސް ނެރެވިދާނެ ކަމަށެވެ. އަދި މުއައްސަސާތަކުގެ ކުލަ ބަދަލުކޮށް، ފުލުހުންގެ ބާރުތައް ހަނިކޮށް، ބާރުތައް ހިތުހުރިތާކަށް ޖަމާކޮށް، ފުލުހުންގެ މައި މަރުކަޒުގެ ނަންވްސް ބާޣީންގެ ނަމަށް ބަދަލު ކުރެވިދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ނަމަވެސް ފުލުހުން ގައުމީ ޒިންމާ އަދާކުރުން މަތީ ދެމިތިބޭނެ ކަމަށާއި، މާތްﷲ ގެ ހެޔޮ ރަހުމަތްފުޅުން މިނޫން ދުވަހަކާއި ދިވެހިން އަދި ބައްދަލުކުރާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
"އެ ދުވަހަކުން ފުލުހުންގެ ހައްގު މަގާމު ލިބި ގާނޫނީ ފުރިހަމަ ބާރުވެސް ލިބޭނެ. މާޔޫސް ނުވޭ، އަޅުގަނޑުމެން އެބަ އަންނަން" ޝިޔާމް ވިދާޅުވިއެވެ.
Miadhu Fuluhun kaakee kulaige sortburi lavva rabarugandakah aruvaafa Male' magumahchahves nerevidhaane. Muassasaage kulathah badhalukoh Fuluhunge baaru thah hanikoh baaruthah hithuhuri thaakah jamakoh Fuluhunge mai marukazuge nanves baagheenge namah badhalu kurevidhaane. 1/2
— Ahmed Shiyam (@Shiyamaldives) June 18, 2020
ރައްޔިތުން މަޖިލީހުގައި ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެމްބަރުން ވަނީ އެ އިދާރާއަށް ވަރަށް ބޮޑަށް ފާޑު ކިޔާ ބާރުތައް ނުދިނުމަށް ގޮވާލައިފަ އެވެ. އަދި ފުލުހުން ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ މެމްބަރަކަށް އަނިޔާ ކުރާ ވީޑިއޯއެއް ވެސް މަޖިލީހުގެ ތަޅުމުގައި އެޅުވި އެވެ. އޭގެ އިތުރުން ފުލުހުންނަށް ޓޭޒާ ގަން ދިނުން ކުށްވެރިކޮށް އެކަމާ ގުޅޭ ގޮތުން ވެސް މަޖިލީހުގައި ދަނީ ހޫނު ބަހުސެއް ކުރަމުންނެވެ.
ފުލުހުންގެ ހިދުމަތުގެ ބިލު މަޖިލީހަށް މިއަދު ބަލައިގަތުމަށްފަހު ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީއަށް ފޮނުވާފައެވެ. މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ހެންވޭރު ހުޅަނދު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެވެ.