ސުޝާންތުގެ މަރާ ގުޅިގެން އިންޑިއާގައި 4 ކުއްޖަކު އަމިއްލައަށް މަރުވެއްޖެ
އިންޑިއާ ގެ ގިނަ ނޫސްތަކެއްގެ ފަލަ ސުރުހީގައި އަދިވެސް އޮތީ މިދިޔަ ހަފްތާގެ ތެރޭގައި އަމިއްލައަށް މަރުވި ބޮލީވުޑު ތަރި ސުޝާންތު ސިންގް ރާޖްޕުތް ގެ ނަމެވެ. އޭނާގެ މަރާ ގުޅިފައިވާ އެތައް ވާހަކަތަކެއް ދެކެވަމުން އަންނައިރު ސުޝާންތު ގެ މަރުވެގެންދިޔައީ އެކަމުގެ ފުން އަސަރު ގިނަ ބަޔަކަށް ކުރުވި ކަމަކަށެވެ.
ސުޝާންތުގެ މަރާއި ގުޅިގެން އިންޑިއާގައި ހަތަރު ކުޑަކުއްޖަކު ވަނީ އަމިއްލަ ފުރާނަ ނަގާލާފައެވެ.
ނިއުސް18 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސުޝާންތުގެ މަރުގެ ހަބަރާއެކު 15 އަހަރުގެ ކުއްޖަކު ވަނީ ޑިޕްރެޝަން އަށް ގޮސް އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ. އަންދަމާން ޕޮލިސް ގެ ޑިރެކްޓާ އޮފް ޕޮލިސް މިކަން ކަށަވަރުކޮށްދީފައިވާއިރު އޭނާ ވަނީ މައިންބަފައިން ކުދިން އުޅުމަށް ސަމާލުވުމަށް އެދިފައެވެ. އަދި ޑިޕްރެޝަން ގެ އެއްވެސް އަލާމާތެއް ކުދިން ގެ ގައިން ފެނިއްޖެނަމަ ކުއްޖާ އާ ވާހަކަދެއްކުމަށް ވެސް އޭނާ ވަނީ އެދިފައެވެ.
ދެވަނަ އަށް މަރުވި ކުއްޖާއަކީ އުމުރުން 17 އަހަރުގެ ކުއްޖެކެވެ. ޓައިމްސްއޮފް އިންޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބިހާރުގައި އަމިއްލައަށް މަރުވި މި ކުއްޖާ ޑިޕްރެޝަން އަށް ގޮސްފައިވަނީ ކްލާސް އެކްސް ގެ ޓެސްޓުތަކުން ރަނގަޅު ނަތީޖާ އެއް ނުލިބުމުން ކަމުގައި ކުއްޖާގެ މަންމަ ފުލުހުން ކައިރީގައި ބުނެފައިވާކަމަށެވެ. އަދި ސުޝާންތުގެ މަރާއެކު އޭނާގެ މަރުގެ ހަބަރުތައް ކުއްޖާ ބަލަމުން ދިޔަ ކަން އޭނާ ގެ މަންމަ ފާހަގަކުރިއެވެ.
އުއްތަރު ޕްރަދޭޝް ގެ 17 އަހަރުގެ ފިރިހެން ކުއްޖަކު ވެސް އަމިއްލައަށް މަރުވެފައިވާއިރު ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ މަރުގެ ނޯޓުގައި 'ސުޝާންތު އަށް ވާ ނަމަ އަހަރެންނަށް ވެސް ވާނެ' އެހެން ލިޔެފައިވެއެވެ.
ހަތަރު ވަނަ އަށް މަރުވި ކުއްޖާގެ އުމުރަކީ އެންމެ 10 އަހަރެވެ. 'ކެޗް ނިއުސް' އިން އެކުއްޖާގެ މައިންބައިފައިންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި ސުޝާންތު މަރުވުމުގެ އެއްރޭ ކުރިން ސުޝާންތުގެ ފިލްމެއް ކަމަށްވާ "އެމް.އެސް ދޯނީ' އެކުއްޖާ ބަލާފައިވާ ކަމަށެވެ. އަދި ސުޝާންތުގެ މަރާއި ގުޅިގެން އެކުއްޖާ އަށް ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކުރި ކަމުގައިވެސް ކުއްޖާގެ މައިންބަފައިން ބުނެފައިވެއެވެ.
އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން އުންމީދުވެސް ނުކުރުމަށެވެ.
މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.