މާ ގަދަޔަށް ރުޅި ނާންނާތި، ހާޓް އެޓޭކް އެއް ޖެހިދާނެ
ރުޅި އައުމާއި ކަންކަމާ ހާސްވުމާއި ޖިސްމާނީ ގޮތުން މާބުރަކޮށް މަސައްކަތް ކުރުމުން ހާޓް އެޓޭކްގެ ނުރައްކާ ދެ ގުނަ އަށް އިތުރުވުން އެކަށީގެންވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ސާކިއުލޭޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ މި ތިން ކަންތައް އެކުވެއްޖެ ނަމަ އެއް ގަޑިއިރު ތެރޭ ހާޓް އެޓޭކެއް ޖެހުމަށް މަގު ފަހިވެދާނެ ކަމަށް ބަލަންޖެހޭ ގުޅުންތަކެއް ފާހަގަވެފައިވާ ކަމަށެވެ. ހަމަ މިގޮތަށް، ކަމަކާ ހާސްވެފައި ހުރެ ޖިސްމާނީ ގޮތުން ބުރަ މަސައްކަތެއް ކުރުމުން ހާޓް އެޓޭކެއް ޖެހުމުގެ ފުރުސަތު ތިން ގުނަ އަށް ވުރެ ވެސް އިތުރުވާ ކަމަށެވެ.
ކެނެޑާގެ މެކްމާސްޓާ ޔުނިވާސިޓީގެ ޓީމަކުން މި ދިރާސާކުރުމަށް 52 ގައުމެއްގެ 12،461 މީހަކު ބައިވެރިކުރި އެވެ. ދިރާސާގައި ބައިވެރިކުރި މީހުންނަކީ ހިތުގެ ބަލީގެ މީހުންނެވެ. އެ މީހުންގެ އެވްރެޖް އުމުރަކީ 58 އަހަރެވެ.
މި މީހުންނަށް ކުރި ސުވާލުތަކުގެ ތެރޭގައި، އެންމެ ފުރަތަމަ ހާޓް އެޓޭކް ޖެހުނު އިރު، އޭގެ އެއް ގަޑިއިރު ކުރިން ކުރި ކަމަކާއި އެ ވަގުތުގެ އިހްސާސްތަކާއި ތަޖުރިބާތަކާއި ހާޓް އެޓޭކް ޖެހުނު ދުވަހުގެ ކުރީ ދުވަހު ހަމަ އެ ވަގުތު ކުރީ ކޮން ކަމެއްތޯ ވެސް ބަލާފައިވެ އެވެ.
މި ބެލުންތަކުން އެނގުނު ގޮތުގައި ޖަޒުބާތީ ގޮތުން ކުރެވޭ ހިތްދަތި އިހްސާސްތަކާއި ވަރުބަލިވުމަކީ ހާޓް އެޓޭކް ޖެހުމާ ގުޅުން ހުރި ކަމެކެވެ. އަދި އެ މީހަކީ ދުންފަތުގެ އިސްތިއުމާލުކުރާ، އެކަށީގެންވާ ވަރަށް ވުރެ ފަލަ، ލޭ މައްޗަށްދާ އަދި އުމުރުން ދުވަސްވީ މީހެއް ނަމަ މި ދެ ސަބަބަކާ އެކު ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.
މި ދިރާސާއާ ބެހޭ ގޮތުން ޑރ. އެންޑްރޫ ސްމީތު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ޖަޒުބާތީ އަދި ނަފްސާނީ ބުރަކަމުގެ ސަބަބުން ވެސް ލޭގެ ޕްރެޝަރު މައްޗަށްދާ ކަމަށާއި ހިތުގެ ހިނގުން ވެސް އަވަސްވާ ކަމަށެވެ. އެއާ އެކު ހިތަށް ލޭ ސަޕްލައިކުރުން ދަށްވެ ހާޓް އެޓޭކް ޖެހުމަށް މަގު ފަހިވަނީ އެވެ. ލޭ ހޮޅިތައް ބެދި އަދި ހަރުވެފައި ހުންނަ ނަމަ މި ނުރައްކާ ވަކިން ބޮޑުވެ އެވެ.
"އާންމުކޮށް އާދައިގެ ގޮތުގައި ކަސްރަތުކުރުމަކީ ކުރަންޖެހޭ ކަމެއް. އެއީ ހާޓް އެޓޭކާ ދުރުވުމަށް ކުރަންޖެހޭ ކަމެއް. އެކަމަކު ކަމަކާ ރުޅި އައިސްފައި ހުރި ނަމަ ނުވަތަ ދެރަވެ ކަންބޮޑުވެފައި ހުރު ނަމަ ކަސްރަތު ކުރަން ފެށުމުގެ ކުރިން އެކަމުން ދުރުވާން ލަފާ ދެން،" ޑރ. ސްމީތު ވިދާޅުވެފައިވެ އެވެ.
އާ ދިރާސާއާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ބައެއް ތަޖުރިބާކާރުން ވެސް ވިދާޅުވެފައިވާ ގޮތުގައި ނަފްސާނީ ގޮތުން އަދި ޖިސްމާނީ ގޮތުން ވަރުބަލިކަން އިހްސާސްވާ ފަދަ ކަންކަމާ ދުރުވެ ހުރުމަކީ ހިތުގެ ބައްޔާ ދުރުވުމަށް ކުރަންޖެހޭ ކަމެކެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާއި މިފަދަ ނޭދެވޭ އަމަލުތަކާ ދުރުވުމަށް ވެސް ލަފާ ދީފައިވެ އެވެ.