ޚަބަރު

މެންބަރުން ސައިގެ ކަންތައް ހަމަޖެއްސުމަށް ގެއިން ތަށިބަރި ގެންނަވާ: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލިސްގެ މަސައްކަތު މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން، ގިނަ މުވައްޒަފުން ވަނީ ގޭގައި މަޑުކުރަން އަންގާފައެވެ. އެހެންކަމުން މަޖިލިސް މެންބަރުންގެ ސައިގެ ކަންތައް ހަމަޖެއްސުމަށް އަމިއްލައަށް ގެއިން ތަށިބަރި ގެންނެވުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު އެދި ވަޑައިގެންފިއެވެ.

Ads by STELCO

މަޖިލިހުގެ މުވައްޒިފަކު ކޮވިޑް އަށް ފައްސިވުމާއި ގުޅިގެން އޭނާއާއި ކޮންޓެކްޓްވި 22 މުވައްޒިފަކު ގޭގައި މަޑުކުރަން އަންގާފައިވާއިރު، އޭގެ ތެރޭގައި ގިނައީ އިދާރީ މުވައްޒަފުންނެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގޭގައި މަޑުކޮށްފައިވާ ގިނަ މުވައްޒަފުންނަކީ މަޖިލިހުގެ ސައިގެ ކަންކަން ބަލަހައްޓާ މުވައްޒަފުން ކަމުގައިވުމުން، ސައިގެ ކަންކަން ހަމަޖެއްސުމަށް ދަތިތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

"މަޖިލީހުގެ އިދާރީ މުވައްޒިފުންގެ ތެރެއިން ގޭގައި މަޑުކުރަން އެންގި ގިނަ މުވައްޒިފުންނަކީ ތިޔަބޭފުޅުންގެ ސައިގެ ކަންކަން ހަމަޖައްސަވާ މުވައްޒިފުން. އަޅުގަނޑު އެދެނީ ތިޔަބޭފުޅުން ތަށިބަރި ގެނެސް ސައިކަންތައް ހަމަޖެއްސުމަށް، ތަށިބަރި ގެނައުކަމުގައި ވީނަމަވެސް އެތަކެތި ވެއްދޭނީ ސެކިއުރިޓީގެ ބެލުންތަކުގެ ދަށުން. މެމްބަރުން މަޖިލީހަށް ވަންނަނީވެސް ހުންވެސް ޗެކްކޮށްގެން. ހަމަގައިމުވެސް އަޅުގަނޑު ގެންނަނާނަން ތަށިބަރި، އަޅުގަނޑު ތަށިބަރިގެނެސް ސައިބޮއިގެން މަސައްކަތްކުރާނީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރީ މުވައްޒިފަކު ކޮވިޑް އަށް ފައްސިވިކަން އެނގުން ދުވަހު، މަޖިލިސް ޑިސްއިންފެކްޓްކޮށް އޭނާއާއި ކޮންޓެކްޓްވީ މީހުން ވެސް ދެނެގަނެވުނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!