މިނިވަންކަން ނަގާލަން މަސައްކަތްކުރާ ކަމަށް ބުނެ، މައިމޫނާއަށް މަޖިލީހުން ފިޔަވަޅު އަޅަން ގޮވާލައިފި
ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މިނިވަންކަން ނަގާލައި، ރާއްޖޭގެ އިގްތިސާދު ފުނޑާލުމަށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު ވަނީ މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން މައިމޫނާ އާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައްވައިފިއެވެ.
ޖާބިރު މިހެން ވިދާޅުވީ ރާއްޖެ އަލުން ޓޫރިޒަމަށް ހުޅުވާލުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުންނެވެ. އެގޮތުން ރާއްޖެ ލޮކްޑައުން ކުރީ ބަލަން ޖެހޭ މިންގަނޑުތަކަށް ބެލުމަށް ފަހުގައި ނޫން ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ މުޅި އިގްތިސޯދަށް އަސަރު ކޮށްފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
އަދި އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ދީފައިވާ ބާރަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރަށް ވުރެ ވެސް ބޮޑު ބާރެއް ކަން ފާހަގަކޮށް ޖާބިރުވަނީ އެ ބާރުގެ ބޭނުންކޮށް މައިމޫނާ ކުރި ކަންކަން ކުށްވެރި ކުރައްވާފައެވެ.
އާއްމު ސިއްހަތުގެ ގާނޫނުގެ ދަށުން މައިމޫނާ އަކީ ބޮޑެތި ބާރުތަކެއް ލިބިދީފައިވާ ބޭފުޅެކެވެ. އެގޮތުން ކޮވިޑް19 އާއި ގުޅިގެން އެކަމަނާ އަންނަނީ އެބަލި ފެތުރުން ހުއްޓުވުމަށް ގާނޫނުން އެކަމަނާ އަށް ލިބިދީފައިވާ ގިނަ ބާރުތަކެއް ބޭނުން ކުރައްވަމުންނެވެ.