ޚަބަރު

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ރައީސް ވަހީދު އައްޔަން ކުރައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރަކަށް ކުރީގެ ރައީސް ޑޮކްޓަރ މުހައްމަދު ވަހީދު ހަސަން މަނިކު އައްޔަންކޮށްފިއެވެ.

Ads by MWSC

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނީ ރައީސް ވަހީދު އެޑްވައިޒަރު ކަމުގެ މަގާމަށް ހަމަޖެއްސީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަޝްވަރާގެ މަތިން ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ، އެމަނިކުފާނު ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވާތާ މިހާރު ހަ އަހަރުވެފައިވާ ކަމަށާއި ގައުމަށް ހިދުމަތް ކުރުމުގެ ވިސްނުމުގައި ހުންނަވަނިކޮށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވަނީ ޕާޓީގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންފައި ކަމަށެވެ.

ޑރ. ވަހީދު، ޕީޕީއެމްއަށް ސޮއި ކުރައްވާފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތުމުންނެވެ. އެގޮތުން އެޕާޓީއާ ގުޅިވަޑައިގަތީ އެމަނިކުފާނުގެ ޕާޓީ، ގައުމީ އިއްތިހާދު އުވާލުމަށް ފަހެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ ކުރީކޮޅުން ފެށިގެން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހަމައަށް ރައީސް ވަހީދު ވަނީ ރައީސްކަން ކުރައްވާފަ އެވެ. އެކަމަކު 2013 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ، އެމަނިކުފާނަށް ލިބިވަޑައިގަތީ އެންމެ ފަސް ޕަސެންޓެވެ. އޭގެ ފަހުން، އެހާ ބޮޑަސް ސިޔާސީ ދާއިރާގައި އުޅުއްވާ މަންޒަރެއް ފެނިގެނެއް ނުދެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!