ތިބާއާއި މެދު އެންމެން ހިތް ރުހޭނެ ކަމަށް ނުދެކޭށެވެ. ދިރިއުޅުމަށް ޒަހަރުލާ މީހަކީ އެންމެ ގާތްމީހާ ކަމުގައި ވެސް ވެދާނެއެވެ.
ކޮންމެ މީހެއްގެ ވެސް އެންމެ ގާތް ބަޔަކީ އާއިލާއެވެ. އެއަށްފަހު އެކުވެރިންނާއި ރަޙުމަތްތެރިންނެވެ. ނުވަތަ ހެޔޮ އެދޭ މީހުންނެވެ. ޙަޔާތުގައި ދިމާވާ އުސްގަނޑުތަކާއި އަޑިގަނޑުތަކުގައި އެންމެ ގާތުގައި ތިބޭނީ އެމީހުންނެވެ. އުފާތަކުގައި ބައިވެރިވެ ، ހީ މަޖާކުރާއިރު ހިތާމަތަކުގައި އެކުގައި ކަރުނަ އޮހޮރާނެ ބަޔަކީ ވެސް އެއީ އެވެ.
އާއިލީ ގުޅުންތަކާއި އެކުވެރިކަމުގެ ގުޅުންތަކަކީ މިފަދަ ބަދަހި ގުޅުމެއް ނަމަވެސް ، އޭގެ އަނެއް ފަރާތް ވެސް އެބައޮތެވެ. ބައެއް އާއިލާތަކުގައި އެެކަކު އަނެކަކާއި ދިމާ އިދިކޮޅަށް ތިބޭ މީހުން އުޅެއެވެ. އެކުވެރިންގެ ތެރޭގައި ވެސް އެފަދައެވެ. ބައެއް ފަހަރު ތިބާއާ އެންމެ ގާތްކޮށް އުޅޭ މީހާއަކީ ތިބާގެ ދިރިއުޅުމަށް ޒަހަރު ލާ މީހާ ކަމުގައި ވެދެއެވެ. ކުރިމަތިން ފެންނަ ހިނިތުންވުމަކީ އޭގެ އެއްވެސް އަގެއް ނެތް ، އަސްލެއް ނެތް އެއްޗަކަށް ވާ ކިތަންމެ މަންޒަރެއް އެކުވެރިންނާއި އާއިލާތަކުން ފެންނަމުންދާ ކަމީ ޙަޤީޤަތެވެ.
ތިބާގެ ޙަޔާތުގެ ހުވަފެންތައް ދެކޭނީ ތިބާއެވެ. އަދި އެ ހުވަފެންތަކުގައި ކުލަ ޖައްސާނެ ގޮތެއް ވެސް އެނގޭނީ ހަމަ ތިބާ އަށެވެ. އާއިލީ މެމްބަރުންނާއި އެކުވެރިންގެ ޚިޔާލު އޮތެއް ކަމަކު އެކަމެއްގެ ފުރިހަމަ ޒިންމާ ނަގާނީ ޚުދު ތިބާއެވެ. އެހެންކަމުން ތިބާގެ ދިރިއުޅުމުގެ މަގު ހެޔޮ ގޮތުގައި ކުރަހާފައިވާނަމަ އެގޮތުގައި ތިބާ ކުރިއަށް ދާށެވެ. އެހެންމީހުންގެ ފާޑު ކިޔުންތަކާއި މަލާމާތަށް ނަޒަރު ދިނުމަކީ މާނައެއް އޮތް ކަމެއް ނޫނެވެ.
ދުނިޔަވީ ކަންކަމުގައި އެންމެން ޚިޔާލު އެއްގޮތް ވުމަކީ ވާނެ ކަމެއް ނޫނެވެ. އެންމެންގެ ތަޢުރީފް ލިބުމަކީ އަމުދުން ވާނޭ ކަމެއް ވެސް ނޫނެވެ. އެހެންކަމުން ދިރިއުޅުމުގައި ތިބާ ހާސިލްކުރަން ބޭނުންވާ މަންޒިލާއި ލަނޑުދަނޑި ތިބާ ކަނޑައަޅާށެވެ. އަދި އެއީ ތިބާއަށް އެންމެ ފައިދާ ހުރިގޮތް ކަމަށް ދެކޭނަމަ އެގޮތުގައި ކުރިއަށް ދާށެވެ. އެންމެންގެ ރުހުމާއި އެންމެންގެ ފައްސި ޚިޔާލުތައް ލިބުމަކީ ވާނޭ ކަމެއް ނޫނެވެ. އެންމެންނަކީ ތިބާއަށް ހެޔޮ އެދޭ މީހުންކަމުގައި ވެސް ނުވާނެއެވެ. ތިބާގެ ޙަޔާތަށް ޒަހަރުލާ މީހާއަކީ އެންމެ ގާތްމީހާ ކަމަށް ވެފައި ހުރީ ވެސް މަދު ފަހަރެއްގައެއް ނޫނެވެ.