ގޭތެރޭގައި ފަސޭހަކަމާއެކު ހައްދާލެވިދާނެ ރީތި ގަސްތަކެއް
ގަސްހެއްދުމަށް ލޯބިކުރާ މީހުންނަކީ އިންސާނުންގެ މައްޗަށް އަޅާލާ ބައެއް ކަމަށް ދިރާސާތަކުން ދައްކާއިރު ލޮކްޑައުން އާއެކު ގޭގައި ތިބެން ޖެހުމާއެކު މިއޮތީ ގަސް ހެއްދުމުގެ މޫސުމެއް އައިސްފައެވެ. ވާނީީ ވެސް އެހެނެއް ނޫން ހެއްޔެވެ. މިހާރު ވަގުތު މިއޮންނަނީ މަދުވެފައެވެ. އެގޮތުން މި ހިމަނާލަނީ ގޭތެރޭގަޔާއި ކޮޓަރި ތެރޭގައި ހައްދާލެވިދާނެ އެއިން ގިނަ ގުނަ ފައިދާތަކެއް ލިބޭ، އެހާމެ ރީތި ބައެއް ގަސް ގަހެވެ.
- ޒީޒީ ޕްލާންޓު
މިގަހަކީ ފަސޭހަ ކަމާއިއެކު ގޭތެރޭގައި ހެއްދޭ އެހާމެ ފަސޭހައިން އިތުރުވާ ގަހެއްވެސް މެއެވެ. މިގަސް އާލާވަނީ ނިރު ފަދައިން ގަހުގެ މުލުންނެވެ. ރަނގަޅަށް ހެދޭނަމަ މި ގަހުގައި ފެހިކަން ގަދަވާނެއެވެ. މާ ގިނައިން އަވި ލިބޭނަމަ މި ގަހުގެ ފަތްތައް ދޮންވުމާއެކު މި ގަހަކީ ގޭތެރެއަށާއި އަވި މަދުން ލިބޭ ތަންތަނަށް ހާއްސަ ގަހެކެވެ. މި ގަސް ހެއްދުމަށް މާ ގިނައިން ފެނެއްވެސް ބޭނުމެއް ނުވާނެއެވެ.
- ސްނޭކް ޕްލާންޓު
ސްނޭކް ޕްލޭންޓަށް ވެސް ހަމައެކަނި ފެން ފޮދެއް ދީފައި، ގަދި އަވި ނުދޭ ތަނެއްގައި ބެހެއްޓުމުން އެކަނި ހުރެ ކިތަންމެ ދުވަހެއް ވަންދެން ހެދެ އެވެ. މީގެ ފަތުގެ ވަށައިގެން ހުންނަ ރީނދޫ ބައި ފަހަރެއްގައި ފަސޭހައިން ހިކިދާނެ އެވެ. އެކަމަކު އެކަށީގެންވާވަރަށް ވުރެ ގިނައިން ފެން ނުދޭ ނަމަ ހުންނާނީ ރަނގަޅަށެވެ.
- ޕީސް ލިލީ
ދިރާސާތަކުން ދައްކާގޮތުން މިގަހަކީ ގަސްތަކުގެ ތެރެއިން ވައި ސާފުކޮށް ދިނުމަށް އެހީތެރިވެދޭ ގަހެކެވެ. ރީތިމަލެއް އަޅާ މިގަހަކީ ޖައްވު ތަގައްޔަރުވުމުގެ މައްސަލައަށް ހައްލެއްގެ ގޮތުގައި ސާފުވައި ލިއްބައިދިނުމަށް އެހީތެރިވެދޭ ގަހެއް ކަމުގައިވެއެވެ.
- ޕޮތޯސް
ވެލެއް ގޮތަށް ހެދޭ މި ގަހަކީ ދިވެހިންނަށް ބީރައްޓެހި ގަހަކަށް ނުވާނެއެވެ. ހެދެމުންދާ ވަރަކަށް ވެލުގެ ފަތްތަށް ބޯޑެތިވާ މިވެލަކީ ގޭތެރޭގައި ހެއްދޭނެ ވެލެކެވެ. ނަމަވެސް އާންމުގޮތެއްގައި ދިވެހިން މިވެޔޮ ހައްދާ އުޅެނީ ބޮޑެތި ގަސްގަހައް އަރުވައިގެންނެވެ. ކުދި ޕޮޓުގެ އިތުރުން ފެނުގައި ވެސް މި ގަހުގެ ކުރިތައް ދިރުވޭނެއެވެ.
މީގެ އިތުރުން ގަސްތައް ގިނަ ދުވަހު ދިރި ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ދެތިންކަމެއް ވެސް ހިމަނައިލާނަމެވެ.
1. ގަސްތައް ގިނަ ގިނައިން އެއްތަނުން އަނެއްތަނަށް ބަދަލުނުކުރާށެވެ.
2. މާގިނައިން ފެން ނުދޭށެވެ.
3. ހިކިފައި ހުންނަ މާތައް ވަކިކުރާށެވެ.
4. ކުޑަކުދިންނާއި ދިރޭ ތަކެތިން ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރާށެވެ.
5. ގަހަށް އެކަށީގެންވާ ވަރުގެ ބޮޑު ޕޮޓެއްގައި ގަސް އިންދާފައި ބަހައްޓާށެވެ.