ލައިފްސްޓައިލް

ހޫނު ފެނަށް ވެއްޓި، "ފެއާ & ލަވްލީ" ގެ ނަން ބަދަލު ކުރަނީ

ނަސްލީ ދިމާ ކުރުން ތަކާ ދެކޮޅަށް މި އަހަރު ހިންގަމުން އަންނަ ހަރަކާތްތަކުގެ ތެރޭގައި ކުރިމަތިވި ތަފާތު އެކި އެކި ފާޑުކިޔުން ތަކާއެކު ކޮސްމެޓިކް ބްރޭންޑެއް ކަމުގައިވާ ޔުނިލީވާ އިން އެ ކުންފުނިން އުފައްދާ ހަމުގެ ކުލަ އަލިކޮށްދޭ ކްރީމެއް ކަމަށްވާ ފެއާ އެންޑް ލަވްލީ ގެ ނަން ބަދަލުކުރަން ނިންމައިފިއެވެ.

އެގޮތުން ޔުނިލީވާ އިންޑިއާ އިން ވަނީ ބްރޭންޑުގެ ނަމުގައި އިންނަ "ފެއާ" ކަނޑާލުމަށް ނިންމާފައެވެ.

ޔުނިލިވާ އިން އިއުލާން ކޮށްފައިވާ ގޮތުގައި "ފެއާ" މި ބަސް އެމީހުންގެ ބްރޭންޑުގައި ބޭނުން ކުރުން އެ ކުންފުނިން މުޅިން ހުއްޓާލަން ވަނީ ނިންމާފަ އެވެ. އަދި މި ކްރީމަށް ކިޔާނެ އާ ނަން ފާސްވުމުން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އަދި އެ ކުންފުނީގެ އަމާޒަކީ ރީތިކަން ފުރިހަމަ ކުރުމަށް މިހާރަށް ވުރެ ރަނގަޅަށް ޕްރޮޑަކްޓްތައް އިޝްތިހާރު ކުރުން ކަމުގައިވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން އެ ކުންފުނީގެ އުފެއްދުންތަކުގައި ދޮންވުން ދޭހަވާ ފަދަ ބަސް ބަސް އެއް ގޮތަކަށް ވެސް ބޭނުން ނުކުރާނެ ކަމަށް ވެސް އެކުންފުނިން ވަނީ ވައުދުވެފައެވެ.

ފެއާ އެންޑް ލަވްލީ އިން ދޮން މީހުން ރީތި ކަމަށާއި ކާމިޔާބު ކަމަށް ބުނެ އިސްތިހާރު ކުރަމުން އަންނަތާ އެތައް އަހަރެއް ވެފައިވާއިރު އެ އުފެއްދުންތަކަށް އަބަދުވެސް އެކަމާއި ގުޅިގެން އަންނަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

ބައެއް ފަރާތްތަކުން ވަނީ ފެއާ އެންށް ލަވްލީ ގެ ނަން ބަދަލުކުރުމުން ނުފުދޭ ކަމަށާއި އެ އުފެއްދުން ބާޒާރަށް ނެރުން އެއްކޮށް ހުއްޓާލަން ޖެހޭ ކަމަށް ބުނަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!