ޚަބަރު

މަޖިލިސް އިންތިހާބުގައި އަޅުގަނޑުގެ ކެމްޕެއިނަށް ގާސިމް ހަރަދުކުރެއްވި: އަދުރޭ

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ އަހަރުގެ މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ނާކާމިޔާބުވެ ވަޑައިގަތް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ކެމްޕެއިން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ސަރުކާރު ކޯލިޝަންގެ އިސް ބައިވެރިއެއް ކަމަށްވާ ގާސިމް އިބްރާހިމް ހަރަދު ކުރެއްވި ކަމަށް އަދުރޭ ވިދާޅުވެއްޖެއެވެ.

Ads by MWSC

ސީއެންއެމް "އިތުރުކާފު" ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، މަޖިލީސް އިންތިހާބުގައި ޤާސިމް، އޭނާގެ ކެމްޕެއިންނަށް ހަރަދު ކުރެއްވި ކަމަށެވެ.

"މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގަ އަޅުގަނޑުމެން [އިދިކޮޅު ކޯލިޝަން] ޖޭޕީ އާއި އެކީގަ މަސައްކަތްކުރިން. މަސައްކަތް ކުރި އިރު އަޅުގަނޑުމެންގެ ކެމްޕެއިނަށް ޤާސިމް ހަރަދުކުރެއްވި. އެއީ ވަކި އަޅުގަނޑެއް ނޫން. އަޅުގަނޑުމެން ދެ ޕާޓީން ކުރިމަތިލި ކެނޑިޑޭޓުންނަށްވެސް ޤާސިމް ހަރަދުކުރެއްވި. އެ އުސޫލުން އަޅުގަނޑުގެ ކެމްޕެއިނަށްވެސް ޤާސިމް ހަރަދުކޮށްދެއްވާފަ ހުންނާނެ." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ޤާސިމަކީ ވަރަށް ޒަމާންވީ ރައްޓެއްސެއްކަމަށެވެ. އަދި އެ ރަހުމަތްތެރި ކަމުގެ ދަށުން، އޭނާއަށް ދިމާވާ ބައެއް ދަތި ކަންކަމުގައި ޤާސިމް އެހީތެރިވެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޤާސިމްގެ އަތުން އަދުރޭ މަހު މުސާރަ ނަގާކަމަށް ދެކެވޭ ވާހަކައާއި ގުޅޭގޮތުން އޭނާ ވިދާޅުވީ، އެއްވެސް އިރެއްގައި ޤާސިމްގެ އަތުން މަހުމުސާރަ ނަގާފައި ނުވާކަމަށެވެ. އަދި ޤާސިމް އެހީތެރިވުމުގެ ގޮތުން އޭނާއަށް ކޮށްދޭ ކަންކަމުގެ ވާހަކަ އެހެން ފަރާތްތަކުން ދައްކާ ކަމަށާއި، އެހެން ނަމަވެސް އެއީ ޤާސިމް ކުރައްވާ ކަމެއްކަމަށް ގަބޫލުނުކުރާކަމަށް އޭނާ ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!