ކާންވީ މުރަނގަފަތް، ތެލުލި ފަތެއް ނޫން!
މުރަނގަ ފަތަކީ ކެއުމުގައި ވަރަށް ގިނައިން ބޭނުންކުރާ ފަތުގެ ބާވަތެކެވެ. ރޮލާ ކެއުމުގެ އިތުރުން ތަފާތު ވައްތަރުގެ ކާނާގެ ބާވަތްތައް ތައްޔާރު ކުރުމުގައި މުރަނގަ ފަތް ބޭނުންކުރެވޭކަން ފާހަގަ ކުރެވެއެވެ. މި ފަތުން ލިބިދޭ ފައިދާތަކަކީ ވެސް މީހަކަށް އޮޅިފައިވާ ކަމެއް ނޫނެވެ.
މުރަނގަ ފަތަކީ ޕްރޮޓީންގެ ރަގަޅު މަޞްދަރެކެވެ. 100 ގުރާމްގެ މުރަނގަ ފަތުގައި 9.8 ގްރާމްގެ ޕްރޮޓީން ހުރެއެވެ. މިއީ ދުވާލެއްގެ މައްޗަށް މީހަކަށް ބޭނުންވާ ޕްރޮޓީންގެ 17.5 އިންސައްތަ އެވެ. ހިއްކާ މުގުރާފައި ހުންނަ މުރަނގަ ފަތުގައި އެތައް ބައިވަރު އެމިނޯ އެސިޑް ހުންނާނެ އެވެ.
މުރަނގަ ގަހުގައި ހުންނަ ޅަކުރިތަކުގެ ފަތްތަކަކީ ވިޓަމިން އޭ އިން މުއްސަދިވެފައިވާ އެއްޗެކެވެ. 100 ގްރާމުގެ މުރަނގަ ފަތުގައި 7564 އިންޓަނޭޝަނަލް ޔުނިޓްގެ ވިޓަމިން އޭ އެކުލެވިގެން ވެއެވެ. ވިޓަމިން އޭ އަކީ ތަފާތު އެތައް ފައިދާތަކެއް ހަށިގަނޑަށް ފޯރުކޮށްދޭ އެންޓިއޮކްސިޑެންޓެކެވެ. އެގޮތުން ވިޓަމިން އޭ އިން ލިބިދާނެ ފައިދާތަކުގެ ތެރޭގައި، ހަށިގަނޑުގައިވާ ތެތްދުލިފަށަލަތަކަށް ލިބޭ ގެއްލުންތައް މަރާމާތުކޮށް ރަގަޅުކުރުން، ދިފާޢީ ބާރު ރަގަޅުކޮށްދިނުން، ލޮލުގެ ފެނުން ރަގަޅުކޮށްދިނުން އަދި ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.
މީގެ އިތުރުން މުރަނގަ ފަތުގައި ވިޓަމިން ކޭ، ވިޓަމިން ޑީ، އަދި ވިޓަމިން އީ ވެސް ހުރެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި މުރަނގަފަތަކީ ހަށިގަނޑުގައި ސަރުބީ ޖަހާ މިންވަރު ދަށްކޮށްދޭ ބާވަތެކެވެ. އަދި ހަށިގަނޑައި ހުންނަ ސަރުބީތައް ވިރުވާލާ މިންވަރުވެސް ރަނގަޅުކޮށްދޭ ބާވަތަކެވެ. މީގެ އިތުރުން، މުރަނގަފަތަކީ ބަނޑަށް ކުރާ ވައި/އެސިޑްގެ އުނދަގޫތަކުންވެސް ދުރުކޮށްދޭ އަސަރުތަކެއް އޭގައި އެކުލެވޭ ފަތެއްކަމުން، މިއީ ބަރުދަން ލުއިކުރަން އުޅޭއިރު ބޭނުން ކުރަން ހަމަ އެންމެ ރަނގަޅު އެއް ބާވަތްކަމުގައި ދެންނެވިދާނެއެވެ. މުރަނގަފަތުގެ އިތުރުން މުރަނގަތޮޅިއާއި ތޮޅީތެރޭގައިވާ އޮއްތަކުންވެސް މިކަން ކޮށްދޭކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
މުރަނގަ ފަތް ކިތަންމެ ފައިދާ ބޮޑުވެފައި ސިއްހަތަށް ރަނގަޅު ނަމަވެސް ތެލުލި މުރަނގަ ފަތަކީ އެއްގޮތަކަށް ވެސް ކާން ހެޔޮވާވަރުގެ އެއްޗެއް ނޫނެވެ. އެހެނީ، ގިނަ ފަހަރަށް އެ ފަތް ތެލުލާން ބޭނުންކުރާ ތެލަކީ ތަކުރާރުކޮށް ބޭނުންކޮށްފައި ހުންނަ، ނުރައްކާތެރި ތެޔޮގަނޑެކެވެ. ތެއްލައިގެން ކާ ނަމަ މުރަނގަ ފަތުން ލިބެން ޖެހޭ ފައިދާ ތައް ހަށިގަނޑަށް އެންމެ ރަނގަޅަށް ނުލިބޭނެއެވެ.