ލައިފްސްޓައިލް

އަނގައިން ނުބައި ވަސް ދުވާ މީހުންނަށް މިރިޕޯޓު ދައްކާލަބަލަ!

ދެން އެމްވީ ، ދެން އޮންލައިން

އަނގައިން ނުބައި ވަސް ދުވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމެކެވެ. އަދި މިއީ އެފަދަ މީހުންނާއި އެހެން މީހުން ދުރުވެސް ކުރާ ކަމެކެވެ.

Ads by STELCO

އަނގައިން ނުބައި ވަސް ދުވާނަމަ، އެކަމުން ސަލާމަތްވުމަށް މިކަންކަން ކުރެވިދާނެއެވެ.

▪︎ ޤަވާއިދުން ދަތް އުނގުޅުމާއި ފްލޮސް ކުރުން

ދަތް އުނގުޅުމަކީ ކޮންމެ މީހަކުވެސް ކުރާނެ ކަމެކެވެ. ނަމަވެސް ދަތްތައް ރަނގަޅަށް، ރީތިކޮށް ބެހެއްޓުމަށްޓަކައި ހެނދުނާއި ރޭގަނޑު ދަތް އުނގުޅުން މުހިންމެވެ. އަދި ދަތް އުނގުޅުމަށްފަހު، އެކަމަށް ޚާއްސަކޮށްފައިވާ ރޮދިކޮޅަކުން ފްލޮސް ކުރުން ވެސް މުހިންމެވެ. ބައެއް ފަހަރު ބުރުހުން ނުނެއްޓި ހުންނަ ޖަރާސީމުތައް، ފްލޮސް ކުރުމުން ނެއްޓޭނެއެވެ. އަނގައިގާ ޖަރާސީމު ގިނަވުމަކީ ވެސް ނުބައި ވަސް ދުވަން މެދުވެރިވާ ސަބަބެކެވެ.

▪︎ އަނގަ ދޮންނަ ފުޅި (މައުތު ވޮޝް) އެއް ބޭނުން ކުރުން

ދަތް އުނގުޅުމުގެ އިތުރުން ދެން ކުރެވިދާނެ އަނެއް ކަމަކީ އަނގަ ދޮންނަ ފުޅިއެއް ބޭނުން ކޮށްގެން ޤަވާއިދުން އަނގަ ދޮވުމެވެ. ދުވާލަކު އެއް ފަހަރު އެބޭނުން ކުރިޔަސް ފުދޭނެއެވެ. އޭގައި ހުންނަ އާވި ވަހާއި ރަހައިން، ޖަރާސީމުތައް މެރުމުގެ އިތުރުން، އަނގައިން ތާޒާ ވަސް ވެސް ދުއްވާނެއެވެ.

▪︎ ދޫ ސާފު ކުރުން

މިއީ ވަރަށް މަދު ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް އަނގަ ސާފުކޮށް ބެހެއްޓުމަށް މިއީ ވެސް ކުރަން ވަރަށް މުހިންމު ކަމެކެވެ. ދުލުގެ މަތީ ފަށަލާގައި ޝީޓެއް ފަދައިން އުފެދިފައި ހުންނަ ތަކެތި ކަހާ ސާފު ކުރުން މުހިންމެވެ. އެކަމަށްޓަކައި ޚާއްސަ ކޮށްފައި ހުންނަ ބުރުސް ވެސް ހުރެއެވެ.

▪︎އަނގައިން ނުބައި ވަސް ދުވާނެ އަދި ނުބައި ރަހަލާނެ ކާއެއްޗެހި ބޭނުން ނުކުރުން

މިސާލަކަށް ބުނާނަމަ ފިޔަލާއި ލޮނުމެދު ފަދަ ތަކެތި ރޮލާއި ކެއުމަކީ އަނގައިގާ އޭގެ ވަސް ހަރުލާފައި ހުންނާނެ ތަކެއްޗެވެ. އެތަކެތި ރޮލާއި ކެއި ކަމުގައި ވިޔަސް އަވަހަށް ދަތް އުނގުޅުން ނުވަތަ އަނގަ ދޮވުން ބުއްދިވެރިއެވެ.

▪︎ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުން

މިއީ ގިނަ މީހުންނަށް ކުރަން އެންމެ އުނދަގޫ ކަންތަކަށް ވެދާނެއެވެ. ނަމަވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އަނގައިގާ ވަރަށް ގަދަޔަށް ނުބައި ވަސް ހިއްޕާލާ ކަމެކެވެ. އެހެންކަމުން ސިއްޙަތަށް ވެސް ގެއްލުންދޭ މިނުބައި އާދަ ހުއްޓާލުން ބުއްދިވެރި ނޫންހެއްޔެވެ؟

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!