ރިޕޯޓް

"ޖީ" ހަނުހުރެ ރޭޕްކޭސްގެ ޖީވަންގެ ބައި ކުޅެނީބާ!

ދެން އެމްވީ ، ދެން އޮންލައިން

އަނެއްކާވެސް ނޫސްވެރިންނަކީ ދޮގު ހަބަރުފަތުރާ ދޮގުވާހަކަ ދައްކާ ބަޔަކަށް ވެއްޖެއެވެ. ނޫސްވެރިންނަކީ މާކަންތައް ބޮޑުކުރާ ބަޔަކަށްވެއްޖެއެވެ. މިފަހަރު ނޫސްވެރިން ގޯސްމިވީ މާ އަބުރުވެރި ބައެއްގެ ޝާހީ ރޭޕަކާހުރެޔޯލައެވެ. ލޮކްޑައުންގެ ތެރޭގައި އާއްމުކޮށް ބޭރަށް ނިކުމެ އުޅުން މަނާ ގަޑިއެއްގައި ރޭގަޑު މެންދަމު ހުޅުމާލޭ ފަޅުގައި އޮތް ސަފާރިއަކަށް ގޮސް ބަޔަކު ކުރި ޕާޓީއަކާ ގުޅިގެންނެވެ. ކުށުގެ މައްޗަށް ކުށްކޮށް އެކަން ބޮޑުތަނުން ފަޟީޙަތްވުމުން ނޫސްވެރިން އެކަން ފޮރުވައިދޭން މަސައްކަތް ނުކޮށް ހަގީގަތް ހޯދަން މަސައްކަތްކޮށް އެކަން ހާމަކުރީތީއެވެ. ކޮންމެ ބަޔަކުވެސް އެބަޔަކު ބޭނުންވާގޮތަކަށް ވާހަކަ ފަތުރާލުމަށް ނޫސްވެރިކަމުގެ ބޭނުން ހިފާއިރު ނޫސްވެރިން ވަރެއް ހަމަނޯވެއެވެ. މިހާދިސާއިން މިކަމުގެ ދެކޮޅު ވަރަށް ރަނގަޅަށް ފެނެއެވެ.

Ads by Sosun Fihaara

އަޖައިބެއް ނުވާނެ ހެއްޔެވެ. ޕާޓީކުރުމަކީ ބަޔަކު އެއްތާކަށް އެއްވެ ތިބެ ޒިކުރު ބުރުދާމައުލޫދު ކިޔުމަށް ކިޔާ ނަމެއްނޫނެވެ. ބަނގުރަލާއި ބިޔަރު ފަދަ މަސްތުވާއެއްޗެއް ބޮއެގެންތިބެ ނަށާ ގައިގޯޅިވުމަށް ކިޔާއެއްޗެކެވެ. މީގެ ހައެއްކަ އަހަރުކުރިން އަންބަރާ ކިޔާ ފަޅުރަށެއްގައި ދިވެހިންތަކެއް ޕާޓީކޮށްގެން އެކަންވެސް ފިސާރި ކަމަކަށް ވެގެން ފުލުހުން އުޅުނުތަން ދުށީމެވެ. އެހެންކަމުން ޕާޓީކުރުމަކީ އާދައިގެ ކަމެއް ނޫންކަން ކިތަންމެ ހާވެސް ރަނގަޅަކަށް ވެސް ފުލުހުންވަނީ ބުނެދީފައެވެ.

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއަކަށް ރާއްޖޭގައި އުޅޭ ކެންޔާ އަންހެނަކު ދިޔަކަން އެއީ ޔަޤީންކަމެކެވެ. އެ އަންހެން މީހާ ދިޔަ ސަފާރީއަކީ އެއަންހެން މީހާގެ އަމިއްލައެއްޗެއް ނޫނެވެ. އަދި އެސަފާރީއަކީ އެއަންހެން މީހާގެ ބެލުމުގެ ދަށުގައިވެސް އޮތް އެއްޗެއް ނޫނެވެ. އެ ސަފާރީއަށް އެއަންހެން މީހާއަށް ދެވޭނީ ގައިމު ބަޔަކު ގެން ދިޔައީމާތާއެވެ. އެއީ ކޮންބައެއްހެއްޔެވެ. އެރޭގެ 10 ޖެހީއްސުރެ މެންދަމުން އަލިވެ އެކެއްގެ ފަސްވަންދެން އެސަފާރީގައި ޕާޓީކުރީ އެއަންހެން މީހާ އެކަނިމާ އެކަނި ހެއްޔެވެ. އެރޭގެ ފަތިހު ފަހެއް ޖަހާލާހާއިރު ޕޮލިހަށް ޖިންސީގޯނާގެ މައްސަލައެއް ރިޕޯޓުކުރިކަމަށް ފުލުހުން އެއްބަސްވެފައިވެއެވެ. ހުޅުމާލޭ ލަކުޑި ޖެޓީ މަތީން 39 އަހަރުގެ ދެފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުކަން ފުލުހުން ކަށަވަރު ކޮށްދީފައިވެއެވެ. ތެމި ފޯވެފައިވާ އަންހެން މީހާއާއިއެކު ޕޮލިސް ސްޓޭޝަނަށް ގެންގޮސް ތަހުގީގު ކުރިޔަށް ގެންދާކަން ވެސް ޕޮލިހުން ކަށަވަރު ކޮށްދިނެވެ. ހައްޔަރުކޮށްފައި ބައިތިއްބާނެ ސަބަބެއް ނެތިގެން ބެލުމުގެ ދަށަށް ގެންދިޔަ ދެމީހުން ދޫކޮށްލަން ފުލުހަށް ޖެހުނީ ހަމަ ސަބަބެއް ނެތިގެން ހެއްޔެވެ. ނޫނެކެވެ. ތަހުގީގަށް އެދެމީހުން ބަންދު ގައި ބޭތިއްބުމުގެ ސަބަބުތައް ބައިވަރެވެ.

ލޮކްޑައުންގެ ހާލަތުގައި މީހުން ބޭރަށް ނިކުމެ އުޅުން މަނާ ގަޑިއެއްގައި ބިދޭސީ އަންހެނަކު ގޮވައިގެން އެކަހެރިކޮށް ތިބެން ޖެހުނީ ކީއްވެހެއްޔެވެ. ޖިންސީގޯނާކުރާ ކަމަށްބުނެ އެއަންހެނާ ރިޕޯޓްކުރީ ކީއްވެހެއްޔެވެ. އެއަންހެނާ އެގަޑީގައި ތެމިފޯވެފައި ފާލަމެއްގެ މަތީގައި ހުންނަން ޖެހުނީ ކީއްވެހެއްޔެވެ. އެތިން މީހުންނަކީވެސް ސަފާރީއެއްގައި ޕާޓީކޮށްފައި އައިބަޔެއްކަން އެނގުމުން އުފެދޭ ސުވާލެއް ހަމަނެތީހެއްޔެވެ. މަސްތުގެ ހާލަތުގައި ތިބިކަމަށް ނުބެލެވުނީ ކީއްވެހެއްޔެވެ. ސަފާރީތެރޭގައި ބަނގުރާ ސާރވްކޮށްފައި ވޭތޯ ނުބެލުނީ ކީއްވެހެއްޔެވެ. ފުރަމެންދަމު ކަނު އަނދިރީގައި އެއަންހެނާ މޫދަށް ފުންމާލީ ކީއްވެކަން ނުބަލާ އެމީހުން ދޫކޮށްލެވުނީ ކީއްވެހެއްޔެވެ. ކުށުގެވެށިން އަތުލައިގަނެވޭ މީހުންނާ މެދު ފުލުހުން ކަންކުރަނީ އެހެންހެއްޔެވެ. އެއަންހެނާގެ މެޑިކަލް ޓެސްޓް ހެދީ ކޮންއިރަކު ކޮންތާކުން ހެއްޔެވެ. އޮޅުވާލިޔަސް ބޮޑުވަރެވެ.

ރާއްޖޭގައި ނެރޭ އޮންލައިނު ނޫހަކުން ޝާހީ ރޭޕްގެ ވާހަކަ ގެނެސްދީފައި އެއޮތީ އެއަންހެން މީހާގެ އިބާރާތުންކަން ވަރަށް ބޮޑަށް ޔަޤީންކުރެވެއެވެ. އެއީ ފިލްމެއްގެ ސްކްރިޕްޓެއްނޫނެވެ. ކަމެއް ހިނގާދިޔަގޮތުގެ ހަގީގީ ސިފަކުރުމެކެވެ. އެލިޔުމުގައިވާ ކޮންމެ ޖުމްލައަކީވެސް ތަހުގީގީ ނަޒަރުން ސުވާލު ނުއުފައްދާ ދޫކޮށްލެވޭވަރުގެ ކަންކަމެއް ނޫނެވެ. އެވާހަކަތައް ދޮގުކޮށް ފުލުހުން ނޫސްބަޔާން ނެރެ ހަގީގަތަކީ މިއޭ ބުންޏަސް ފުލުހުން ކަންކަމުގައި އަމަލުކުރާ ގޮތަށް ބަލާއިރު ފުލުހުންގެ ނޫސްބަޔާނުގައި ފޮރުވުންތަކެއް ހުރިކަން ޔަޤީނެވެ. ރޭޕްކޭސްތަކާއި ޖިންސީގޯނާގެ މައްސަލަތަކުގައިފުލުހުންގެ ހުންނަނީ ޒީރޯ ޓޮލަރެންސެވެ. އެކަމަކު މިޝާހީ ރޭޕްކޭސްއަށް މިވަނީ ކީއްހެއްޔެވެ.

މައްސަލަ ބޮޑުވެ ގޮތްހުސްވީމާ އެންމެ ފަހުން އަނިޔާލިބުނު އަންހެން މީހާވެސް ބްލެކްމެއިލްވެ ނިމުނީކަމަށް ގަބޫލުކުރެވޭ ވަރު ވެއްޖެއެވެ. ރާއްޖޭގައި އޭނާއަށް އެއްވެސް ރައްކާތެރިކަމެއް ނެތްކަން އޭނާއަށް ޔަޤީން ވެއްޖެކަހަލައެވެ. 48 ގަޑިއިރުފަހުން ރާގުބަދަލުވެ ވީކަމެއް ނުވާކަމަކަށްވެ ނިމޭނީ އެހެންވެތާއެވެ. ދެން އޮތީ އަވަހަށް އެ އަންހެން މީހާ ފުރުވާލުމެވެ. އެހިސާބުން މުޅި މައްސަލަ އޮބި ފަސްއެޅި ނިމޭނެއެވެ. ހާދިސާއާއި ގުޅިގެން އެއްވެސް ނޫހަކަށް މައުލޫމާތު ނުދޭކަމަށް އެ އަންހެން މީހާ މިހާރު ނޫހުގެ ނޫސްވެރިންގާތުގައި ބުނިއިރު ބްލެކްމެއިލް ވެފައިހުރިވަރު މިހާރުގެ އާޓިކަލް ކިޔާލުމުން ވަރަށް ރަގަޅަށް ފަހުމް އެބަވެއެވެ.

ލިބެން އޮތްވަޒީފާއެއް ގެއްލިދާނެކަމުގެ ބިރު ހުރީ ހީވެފައެވެ. ކަމަކުން ބަޔަކު ސަލާމަތްކޮށްދޭން ކުރާކަމެއް ނޫންކަމަށްބުނެ ތެދުބަހުން ވާހަކަ ދައްކަން ނޫސްވެރިޔާ ތަކުރާރުކޮށް އަންހެންމީހާގެ ގާތުގައި ބުނުމުގެ ނިޔަތާމެދު ސުވާލު އުފެދެއެވެ. ބަޔަކު ދިފާއުކުރުމުގެ ވިސްނުން ނެތްނަމަ އެއްވެސް އެހެން ނޫސްވެރިޔަކަށް މައުލޫމާތު ނުދޭކަމަށް އަންހެން މީހާލައްވާ ބުނުވުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ. ސުވާލުއުފެދޭ ވާހަކަތައްއޮތް އޮންލައިން ނޫހުގައި ހުރި ވާހަކަތަކަށް ތަހުގީގީ ނަޒަރަކުން މިހާރުން ޖަވާބު ނުހޯދީ ކީއްވެބާވައެވެ. އަނެއްކޮޅުން އެވަރުގެ ދޮގުވާހަކައެއް ފެތުރި އަބުރު ގެއްލޭއިރު އަނގައިން ނުބުނެ އެއަންހެން މީހާ އެހުރީ ފަހެ! ކީއްވެފައި ހެއްޔެވެ. ދައުލަތުގެ ހުރިއްޔާ ހުރި މުއައްސަސާއަކުން އެކަން ބަލަން ފެށިއިރުވެސް އަންހެން މީހާ ހަނުހުރީ ކީއްވެހެއްޔެވެ. މުޅި މަންޒަރު ބަދަލުވާވަރުގެ އިންޓަވިއުއެއް މިހާރު ނޫހަށް މާފަހުން އެދިނީ ކީއްވެ ހެއްޔެވެ. ފުލުހުން ސީނަށް ގޮސް ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށް ފުލުހުން ބުނެފައިފައި އެއޮތީ ފުލުހުންނަށް ނުކުރާ ރިޕޯޓަކާއި ގުޅިގެން ހެއްޔެވެ.

އާއްމު އެހެން މައްސަލަތަކާއި ޚިލާފަށް މިކަމުގައި މިއުޅެނީ ކޮންކަމެއް ފޮރުވަން ވެގެންހެއްޔެވެ. ކޮންކަމަކުން ކާކު ސަލާމަތްކޮށް ދޭން ވެގެންހެއްޔެވެ. އަނބިމީހާ ، ހައްގު ހޯދަން ބުރަކޮށް އަވަދިނެތި އުޅުމުން ފިރިމީހާއަށް ވަގުތު ނުދެވުމުގެ ނަތީޖާ މާހިތިވެގެން ހެއްޔެވެ. ރޭޕްގެ މަޅީގައި ފިރިމީހާ ބެނދެވުމުން ހައްގު ކަށަވަރުވީލެއް މާބޮޑުވީހެއްޔެވެ. މިހުރިހާ ޑްރާމާއެއްގެ ފަހަތުގައި ބާރުގަދަ އަތަކީ ކާކުހެއްޔެވެ. ހިންދީ ފިލްމުތަކުގެ ޖީވަންގެ ބައި މިހާދިސާގައި މި ކުޅެނީ "ޖީ" ހަނު ހުރެ ހެއްޔެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!